މުޅި ރާއްޖެ އަށް ވިއްސާރަ، ބޮޑަށް ގޯސްވާނީ އުތުރާއި މެދުތެރެއަށް
މުޅި ރާއްޖެ އަށް ވިއްސާރަ، ބޮޑަށް ގޯސްވާނީ އުތުރާއި މެދުތެރެއަށް

ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މި ދުވަސްވަރު ވިއްސާރަކުރާނެ ކަމަށާއި މޫސުން ބޮޑަށް ގޯސްވާނީ އުތުރާއި މެދުތެރޭގެ ހިސާބުތަކަށް ކަމަށް މެޓް އޮފީހުން މިއަދު ބުނެފި އެވެ.

އެ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ މިހާރު ކުރަމުން ދާ ވިއްސާރައިގެ އަސަރު މުޅި ރާއްޖެއަށް ކުރާނެ ކަމަށެވެ. ބޮޑަށް ވައިގަދަވާނީ އުތުރާއި މެދުތެރޭގެ ހިސާބުތަކަށް ކަމަށް ވާއިރު ކަނޑުތައް ވެސް ގަދަވާނީ އެ ސަރަހައްދުތަކަށް ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެކ ހިސާބުތަކަށް މޫސުން ރަނގަޅުވާނީ އެކި ދުވަސްތަކުގައި ކަމަށެވެ. އެގޮތުން އަންނަ ހޯމައާ ހަމައަށް މެދުތެރެ އާއި އުތުރުގެ ރަށްތަކަށް ވައިގަދަވާނެ ކަމަށް ވިދާޅުވި އެވެ.

ވައިޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު ހަތް މޭލާއި 17 މޭލާއި ދެމެދުގެ ބާރުމިނުގައި، އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގަ އެވެ. ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 50 މޭލާ ދެމެދުގެ ބާރުމިނަކަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓުން ބުންޏެވެ.

ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންވެ އެކަމަށް ސަމާލުކަން ދިނުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

މޫސުން ގޯސްވެ، ތ. ކިނބިދޫއަށް މިދިޔަ ހޯމަ ދުވަހު ވަރަށް ބޮޑަށް އުދައެރި އެވެ. އެއާއެކު އެ ރަށުގެ ރައްޔިތުންގެ ހިތުގައި އުފެދުނީ 2004 ވަނަ އަހަރު އެރި ސުނާމީގެ ބިރުވެރި ހަނދާންތަކެވެ.