ފިއްތުންތައް ކުރިމަތިކުރިޔަސް، މަޝްރޫއުތަކަށް މަޑުޖެހުމެއް ނާންނާނެ: ރައީސް
ފިއްތުންތައް ކުރިމަތިކުރިޔަސް، މަޝްރޫއުތަކަށް މަޑުޖެހުމެއް ނާންނާނެ: ރައީސް

ސަރުކާރަށް ފިއްތުންތައް ކުރިމަތިކޮށް، ރާއްޖޭގެ އަގު ވައްޓާލުމަށް ކިތަންމެ މަސައްކަތްތަކެއް ކުރިޔަސް، އެއްވެސް މަޝްރޫއަކަށް މަޑުޖެހުމެއް ނާންނާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

އަލްހާ އީދުގެ މުނާސަބަތުގައި ރައްޔިތުންނަށް ފޮނުވި ތަހުނިޔާގެ ހިތޯބުގައި ރައީސް ވިދާޅުވީ ހަގީގަތާ ހިލާފު ދޮގު މައުލޫމާތު ފަތުރައި ރާއްޖެ ބަދުނާމު ކުރުމަށް ބޭރުގެ އެކިފަރާތްތަކާ ގުޅިގެން ދިވެހިންގެ މަދު ބަޔަކު މަސައްކަތް ކުރަމުންދާތީ އެކަމާ ހިތާމަ ކުރައްވާ ކަމަށެވެ.

އެކަމުގެ ސަބަބުން ރާއްޖެއަށާއި އިގްތިސާދަށާއި ރައްޔިތުންނަށް ހީނުކުރާ ފަދަ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހުމަކީ، ދުރުގައި އޮތް ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި މި ފަދަ އަމަލުތަކުގެ ސަބަބުން ރައްޔިތުންގެ މެދުގައި އުފެދިފައި އޮތް އެއްބައިވަންތަކަމުގެ ގުޅުމަށް ބުރޫ އަރައި ގައުމުގެ މަސްލަހަތު ގެއްލިގެން ހިނގައިދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުން އަމާޒު ހިފާފައި ވަނީ ވައުދުތައް ފުއްދައިދިނުމަށެވެ. އެމަނިކުފާނު ވިދާޅުވީ ގިނަ މަޝްރޫއުތަކެއް ނިމި އޭގެ ފައިދާ ރައްޔިތުންނަށް މިހާރު ވެސް ލިބެމުން އަންނަ ކަމަށެވެ.

"ސަރުކާރަށް ކިތަންމެ ފިއްތުންތަކެއް ކުރިމަތިކުރުވިކޮށް ރާއްޖޭގެ އަގު ވައްޓާލުމަށް ކިތަންމެ މަސައްކަތްތަކެއް ކުރި ކަމުގައިވިޔަސް، ރައްޔިތުންގެ ހެވާއި ލާބަ އަށް ހިންގަމުން އަންނަ އެއްވެސް މަޝްރޫއަކަށް އެއްވެސް މަޑުޖެހުމެއް ނާންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް އަރުވަމެވެ،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި އީދަކީ މުސްލިމުންގެ މެދުގައި ހިތްހެޔޮކަމުގެ ޝުއޫރުތައް ފާޅުކޮށް، އެކުވެރިކަން ބަދަހި ކުރުމުގެ އީދެއްކަން ފާހަގަކުރެއްވި އެވެ. އެގޮތުން އެކަކު އަނެކަކަށް އެހީތެރިވެ، އެއްބަނޑުއެއްބަފާކަމުގެ ގުޅުންތައް ބަދަހިކޮށް ދެމެހެއްޓޫމުގެ އަޒުމް އާކުރުމަށް ނަސޭހަތްތެރިވެވަޑައިގަތެވެ.