20 ޖުލައި 2019 - 06:43

ސޮނީ ޓީވީން މިހާރު ދައްކާ އެންމެ މަގުބޫލު އެއް ސިލްސިލާ "ޕަޓިއާލާ ބޭބްސް" ހުއްޓާލަން އުޅޭ ވާހަކަ އޭގެ ޓީމުން ދޮގުކޮށްފި އެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ދައްކަމުން އަންނަ ސިލްސިލާ ހުއްޓައިލަން ނޫޅޭކަން އޭގެ އެންމެ މުހިއްމު ރޯލްތައް ކުޅޭ ޕަރިދީ ޝަރުމާ (ބަބީތާ) އާއި އޭނާގެ ދަރިފުޅު މިނީގެ ރޯލް ކުޅޭ އަޝްނޫރް ކޯރްގެ އިތުރުން ފުލުހެއްގެ ރޯލް ކުޅޭ އަނިރުދް ދާވޭ (ހަނޫމާން ސިންގް) ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ވީޑިއޯއެއްގައި ވެސް ވަނީ ކަށަވަރުކޮށް ދީފަ އެވެ.
"ޕަޓިއާލާ ބޭބްސް" ހުއްޓައިލަން އުޅޭ ވާހަކަ ފެތުރުމާ އެކު، އެ ސިލްސިލާގެ ޖާދޫގައި ޖެހި ތިބި އެތައް ބަޔަކަށް ވަނީ ބޮޑު މާޔޫސް ކަމެއް ލިބިފަ އެވެ.
އެކަމަކު ފާހަގަކޮށްލަން ޖެހޭ ކަމަކީ ސިލްސިލާ ދައްކާ ގަޑި މިހާރު ބަދަލުވެފައިވާ ކަމެވެ. އެގޮތުން މި މަހުގެ 15 އިން ފެށިގެން "ޕަޓިއާލާ ބޭބްސް" ގެނެސް ދެނީ ރާއްޖެ ގަޑިން ރޭގަނޑު 8:00 ގަ އެވެ. ކުރިން ގެނެސް ދިނީ 8:30 ގަ އެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 27 ގައި ދައްކަން ފެށި "ޕަޓިއާލާ ބޭބްސް" އަކީ ބޭވަފާތެރި ފިރިއަކާއި ނާކާމިޔާބު ކައިވެންޏެއްގެ ސަބަބުން މަޔަކާއި އޭނާގެ އަންހެން ދަރިއަކަށް ކުރިމަތިވާ ހާދިސާތަކެއް ކިޔައިދޭ ސިލްސިލާއެކެވެ.
ގިނަ ބެލުންތެރިން މިހާތަނަށް ފާހަގަކޮށްފައިވާ ގޮތުގައި މި ސިލްސިލާއަކީ ގެވެހި މަޔަކާއި އަންހެން ދަރިއެއްގެ ގުޅުމާއި އަދި ނާކާމިޔާބު ކައިވެންޏަކުން އަރައި ގަނެ، އަމިއްލަ ފައިމައްޗަށް ތެދުވަން މަސައްކަތް ކުރަން ބޭނުންވާ އަންހެނުން ބާރުވެރި ކުރުވައި ހިތްވަރު ދޭ ގޮތަށް ގެނެސްދޭ ސިލްސިލާއެކެވެ.
އަދި އިންޑިއާގެ ޗެނެލްތަކުން އާންމުކޮށް ގެނެސްދޭ ކޫސަނި ހާދިސާތައް ދައްކުވައިދޭ ސިލްސިލާތަކާ ހިލާފަށް "ޕަޓިއާލާ ބޭބްސް" އަކީ ވަރަށް މެޗްއާޑް ސިލްސިލާއެއްގެ ގޮތުގައި ބެލުންތެރިން ފާހަގަ ކުރެ އެވެ. މި ސިލްސިލާގެ 160 އަށް ވުރެ ގިނަ އެޕިސޯޑް މިހާތަނަށް ގެނެސް ދީފައިވެ އެވެ.