ޕްރިމިއާ ލީގުގައި އަހަރެން ފެއިލް ނުވާނެ: ޕުލިސިޗް
ޕްރިމިއާ ލީގުގައި އަހަރެން ފެއިލް ނުވާނެ: ޕުލިސިޗް

ލަންޑަން (ޖުލައި 18) - މީގެ ކުރިން އެމެރިކާގެ ޒުވާން ކުޅުންތެރިންނަށް އިނގިރޭސި ޕްރިމިއާ ލީގުގައި ނުކުޅެވުނު ނަމަވެސް އޭނާ އެ ލީގުގައި ފެއިލެއްނުވާނެ ކަމަށް ޗެލްސީ އަށް ކުޅޭ އެމެރިކާގެ ޒުވާން ތަރި ކްރިސްޓިއަން ޕުލިސިޗް ބުނެފި އެވެ.

އުތުރު އެމެރިކާގެ ގޯލްޑް ކަޕް ފައިނަލުގައި މެކްސިކޯ އަތުން އެމެރިކާ ބަލިވިތާ ނުވަ ދުވަސް ފަހުން ޕުލިސިޗް ވަނީ ޗެލްސީގެ ޕްރީ ސީޒަން ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފަ އެވެ. އުމުރުން 20 އަހަރުގެ ޕުލިސިޗް ހޯދަން މިދިޔަ ޖެނުއަރީ މަހު ޗެލްސީން ވަނީ 73 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީ އެއް ބޮރޫޝިއާ ޑޯޓްމަންޑަށް ދައްކައިފަ އެވެ.

އެމެރިކާގެ ޓީވީއަކަށް ދިން އިންޓަވިއުއެއްގައި ޕުލިސިޗް ބުނީ އޭނާ ބޭނުންވަނީ މުސްތަގުބަލުގައި އެމެރިކާގެ ގިނަ ޒުވާންތަރިން އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުމަށް ކަމަށެވެ.

"ޕްރިމިއާ ލީގަކީ ވަރުގަދަ ލީގެއް. މީގެ ކުރިން އެމެރިކާގެ ޒުވާން ކުޅުންތެރިންނަށް މި ލީގުގައި މާ އެދެވޭ ކަމެއް ކުރެވިފައެއް ނުވޭ. އަހަރެން ބޭނުމީ އެކަން ބަދަލުކުރަން. އިނގިރޭސި ޕްރިމިއާ ލީގުގައި އަހަރެން ފެއިލެއް ނުވާނެ. އެއީ އަހަރެން އަމިއްލަ ނަފްސަށް އެ ވަރުގެ އިތުބާރެއް އޮތީމަ،" ޕުލިސިޗް ބުންޏެވެ.

ގެފާ މެގަޒިން އަށް ދިން އިންޓަވިއުއެއްގައި ޕުލިސިޗް ބުނީ ޗެލްސީގެ މިހާރުގެ ކޯޗު ފްރޭންކް ލަމްޕާޑާ އެކު މަސައްކަތްކުރަން ފުރުސަތު ލިބުމުން ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ.

"މި ކްލަބާ މެދު ވިސްނާއިރު އަހަރެން ހަނދާނުގައި ހުންނަނީ ލަމްޕާޑް ފަދަ ކުޅުންތެރިން ޗެމްޕިއަންސް ލީގުގައި އެ ދެއްކި މޮޅު ކުޅުން. މި ކްލަބަށް އައިސް ލަމްޕާޑާ އެކު މަސައްކަތްކުރަން ލިބުމަކީ އަހަންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" ޕުލިސިޗް ބުންޏެވެ.

އިނގިރޭސި މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި ޗެލްސީން ޕުލިސިޗް ހޯދި އެންމެ ބޮޑު އެއް ސަބަބަކީ ދާދި ދަހުން އެ ޓީމު ދޫކޮށް ރެއާލަށް ބަދަލުވި އެޑެން ހަޒާޑް ނެތްތަން ފޫބެއްދުމަށެވެ. ޕުލިސިޗް ބުނީ ވަކި ކުޅުންތެރިއަކާ ބެހޭގޮތުން އޭނާ ވާހަކަ ނުދައްކާނެ ކަމަށާއި ބޭނުންވަނީ ޗެލްސީ ކުރިއަށްގެންދަން ކުރާ މަސައްކަތުގައި އޭނާގެ ބައިވެރިވުން ބޮޑުކުރުމަށް ކަމަށެވެ.

"މި ޓީމަށް އެހީތެރިވެވޭނެ ތަފާތު ގޮތްތަކެއް ހުންނާނެ. އަހަރެންގެ ފަރާތުން މި ޓީމަށް ގިނަ ކާމިޔާބީތަކެއް ހޯދައިދޭން ބޭނުން،" ޕުލިސިޗް ބުންޏެވެ.

ޗެލްސީ އަށް ޕުލިސިޗް ކުޅެދޭ ފުރަތަމަ މެޗަށް ވެގެންދާނީ ޕްރީ ސީޒަނުގައި މާދަމާ ޖަޕާނުގެ ކަވަސާކީ ފްރޮންޓޭލްއާ ދެކޮޅަށް ކުޅޭ މެޗެވެ.