18 ޖުލައި 2019 - 10:06

ލަންޑަން (ޖުލައި 18) - ބްރެޒިލުން ކޮޕަ އެމެރިކާ ކާމިޔާބުކުރިއިރު ރަން ބޫޓު ހާސިލްކުރި ވިންގް އެވަޓަން ސޮއާރޭސް އާއި ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު ޑެނީ ސަބާޔޯސް އާސެނަލަށް ބަދަލުވުމަށް މަޝްވަރާތައް ނިމުމަކާ ހަމައަށް އައިސްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ބްރެޒިލްގެ ގްރެމިއޯ އަށް ކުޅެމުން އަންނަ އުމުރުން 23 އަހަރުގެ އެވަޓަން ހޯދަން މީގެ ކުރިން މެންޗެސްޓާ ޔުނައިޓެޑުން މަސައްކަތްކުރި އެވެ. އެކަމަކު ގްރެމިއޯ އިން އޭރު އެވަޓަން ވިއްކާލަން ކީ 79 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީ ބޮޑުވުމުން ޔުނައިޓެޑުން އެ ޑީލް ކުރިއަށް ގެންދަން ބޭނުންނުވީ އެވެ. އެކަމަކު މިހާރު އެވަޓަން ވެސް ކްލަބް ބަދަލުކުރަން ބޭނުންވާތީ އޭނާ ވިއްކާލަން ކިޔާ އަގު ގްރެމިއޯ އިން ވަނީ ކުޑަކޮށްފަ އެވެ.
ބްރެޒިލްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން އާސެނަލުން މިހާރު ވަނީ ގްރެމިއޯއާ އެކު އެވަޓަން ގަންނަން އެއްބަސްވުމަކަށް އައިސްފަ އެވެ. އެ ގޮތުން ފުރަތަމަ އާސެނަލުން ދައްކާނީ 34 މިލިއަން ޑޮލަރެވެ. އަދި ފުރަތަމަ ދެ އަހަރުގެ ތެރޭގައި އާސެނަލުގައި އެވަޓަންގެ ފަރާތުން ވަކި ކަންތައްތަކެއް ފުރިހަމަވެއްޖެ ނަމަ އާސެނަލުން ވަނީ އިތުރު 16 މިިލިއަން ޑޮލަރު ދައްކަން އެއްބަސްވެފަ އެވެ.
އުމުރުން 22 އަހަރުގެ ސްޕެއިނުގެ މިޑްފީލްޑަރު ސަބާޔޯސް އާސެނަލަށް ބަދަލުވާން ނިންމާފައިވަނީ އެއް އަހަރުގެ ލޯން އެއްބަސްވުމެއްގެ ދަށުން ކަމަށް ސްޕެއިނުގެ މީޑިއާތަކުން ރިޕޯޓްކުރެ އެވެ. ދާދި ފަހުން ސްޕެއިނުން 21 އަހަރުން ދަށުގެ ޔޫރޯ ކާމިޔާބުކުރިއިރު މޮޅު ކުޅުމެއް ދެއްކި ސަބާޔޯސް ހޯދަން ޓޮޓެންހަމާއި ސެވިއްޔާ އަދި އޭސީ މިލާނުން ވެސް މަސައްކަތްކުރި އެވެ. އެކަމަކު ސަބާޔޯސް ބޭނުންވީ އާސެނަލަށް ބަދަލުވާށެވެ.
ރެއާލުން ވެސް ސަބާޔޯސް އާސެނަލަށް ދޫކޮށްލަން ބޭނުންވި އެންމެ ބޮޑު ސަބަބަކީ އޭނާގެ މުސާރަ އެއްކޮށް ދޭ ގޮތަށް އާސެނަލުން އެއްބަސްވުމެވެ. ސަބާޔޯސްގެ މުސާރަ އަށް އަހަރަކު 3.36 މިލިއަން ޑޮލަަރު އަރައެވެ. މި ޑީލް މި ވަގުތު މަޑުޖެހިފައި އޮތީ ރެއާލުގެ ކޯޗު ޒިނެދިން ޒިދާންގެ ފައިނަލް ޖަވާބަކަށެވެ.
މި ފަހަރު އާސެނަލްގެ ޓްރާންސްފާ ބަޖެޓަކަށް ހަމަޖައްސާފައިވާ 45 މިލިއަން ޕައުންޑާ (57 މިލިއަން ޑޮލަރު) މެދު އެ ޓީމުގެ ކޯޗު އުނާއި އެމެރީ ހިތްހަމަނުޖެހުން ފާޅުކޮށްފައިވަނިކޮށް، އާސެނަލްގެ އިސް 14 ސަޕޯޓަރުންގެ ގްރޫޕުން އެ ކްލަބްގެ ވެރިޔާ ސްޓޭން ކްރޮއެންކާއާ ދެކޮޅަށް ނޫސްބަޔާން ނެރުމުން އެ ކްލަބްގެ ވެރިން ވަނީ ޓްރާންސްފާ ބަޖެޓް އިތުރުކުރަން މަޝްވަރާކޮށްފަ އެވެ. އޭގެ ފަހުން އެމެރީ ވަނީ އާސެނަލުން ބޮޑު އަގުގައި ކުޅުންތެރިން ހޯދުމުގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށް މީޑިއާގައި ބުނެފަ އެވެ.
އާސެނަލުން އަންނަނީ ސެއިން އެޓިއެންގެ ޒުވާން ޑިފެންޑަރު ވިލިއަމް ސަލީބާ އާއި ސެލްޓިކްގެ ވާތު ބެކް ކިއެރަން ޓިއޭނީ ހޯދަން ވެސް މަސައްކަތްކުރަމުންނެވެ.