11 ސެޕްޓެމްބަރ 2016 - 22:10

ބަޑި ޖަހައިގެން ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސްރީ ލަންކާގެ ސްނައިޕަރެއް ކަމަށްވާ ލަހިރު މަޑިޝަންކަރަށް ސިންހަޅަ ބަހުގެ ތަރުޖަމާނެއް ހޯދައި ދިނުމަށް އެއްވެސް ފަރާތަކުން އެދެފިނަމަ އެކަން ކުރަން ތައްޔާރަށް ތިބި ކަމަށް ލަންކާއިން ބުނެފި އެވެ.
ލަންކާގެ ސަންޑޭ ޓައިމްސްއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން، އެ ގައުމުން ރާއްޖެ އަށް ކަނޑާއަޅާފައި ހުންނަ ސަފީރު މޭޖަ ޖެނެރަލް (ރިޓަޔާޑް) ބީއާރުޑަބްލިއުއެމްއާރުއޭބީ ތޮރަޑެނިޔަ ވިދާޅުވީ ލަންކާ މީހާ އަށް ސިންހަޅަ ބަހުގެ ތަރުޖަމާނެއް ހޯދުމަށް މިހާތަނަށް އެއްވެސް ފަރާތަކުން ހުށަހަޅާފައިނުވާ ކަމަށެވެ.
"ހައި ކޮމިޝަނަށް ހުށަހަޅައިފި ނަމަ، ތަރުޖަމާނެއް ހޯދައިދޭނަން،" ސަފީރު ވިދާޅުވި އެވެ.
ރައީސް އަވަހާރަކޮށްލަން އުޅުނު މައްސަލާގައި ތިން ޝަރީއަތުގެ އަޑުއެހުމެއް ބޭއްވިއިރު، މަޑިޝަންކަރު ވަނީ އޭނާއަށް ސިންހަޅަ ބަހުގެ ތަރުޖަމާނެއް ނުލިބޭތީ އެކަމުގެ ޝަކުވާކޮށްފަ އެވެ. އޭނާ އަށް މިހާރު ހަމަޖައްސާފައި ހުރީ އިނގިރޭސި ތަރުޖަމާނެއް ކަމަށް ވާތީ ތަރުޖަމާނު ދައްކާ ގިނަ ވާހަކަތައް ނޭނގޭ ކަމަށް އޭނާ ބުންޏެވެ.
ނަމަވެސް މީގެ ދެ ހަފްތާ ކުރިން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ގާޒީ އަލީ އާދަމް ވިދާޅުވީ މީގެ ކުރީގެ އަޑުއެހުންތަކުގައި އެކަން މަޑިޝަންކަރުގެ ފަރާތުން ފާހަގަކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް މަޑިޝަންކަރު ކުރި ޝަކުވާތަކަށް ބައްލަވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
ރައީސް ޔާމީން އަވަހާރަކޮށްލަން ރާވައި، ސްރީ ލަންކާގެ ސްނައިޕަރެއް ރާއްޖެ ގެނައި މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ގ. އޮއިވާލި އިސްހާގު ހުސައިނާއި މ. ލިލީޕާކް ފަޒީލް ހަމީދުގެ މައްޗަށް ދައުލަތުން ދައުވާކޮށް، ކްރިމިނަލް ކޯޓުގައި ދަނީ ޝަރީއަތް ހިންގަމުންނެވެ.
ދުރުގައި ހުރެގެން އަމާޒަށް ބަޑި ޖެހުމުގެ ގާބިލްކަން ލިބިފައިވާ ކަމަށް ތުހުމަތު ކުރާ މަޑިޝަންކަރު ރާއްޖެ އައީ ރައީސް ޔާމީން އަވަހާރަކޮށްލަން ކަމަށް ބުނެ ކުރާ ދައުވާ އަށް އޭނާ ވަނީ އިންކާރުކޮށްފަ އެވެ.
އެ މައްސަލާގައި އަދީބާއި ފަޒީލާއި މަޑިޝަންކަރުގެ މައްޗަށް ކުރަނީ އެނގިހުރެ މީހަކު މަރަން ރޭވުމުގެ ދައުވާ އެވެ. އިސްހާގުގެ މައްޗަށް ކުރަނީ އެނގި ހުރެ މީހަކު މަރަން ރޭވުމުގައި ބައިވެރިވުމުގެ ދައުވާ އެވެ. މި ދައުވާއަށް އެ ހުރިހާ އެންމެން ވެސް ވަނީ އިންކާރުކޮށްފަ އެވެ.