ނުރުހުމުގައި ނުކުޅުވާނެ ކަމަށް ބުނެ ސާނޭ އަށް ގާޑިއޯލާގެ އިންޒާރެއް
ނުރުހުމުގައި ނުކުޅުވާނެ ކަމަށް ބުނެ ސާނޭ އަށް ގާޑިއޯލާގެ އިންޒާރެއް

ސިޓީ (ޖުލައި 18) - މެންޗެސްޓާ ސިޓީގައި ހުންނަން ބޭނުންނުވާ ކުޅުންތެރިއަކު ލައްވައި ނުރުހުމުގައި ނުކުޅުވާނެ ކަމަށް ބުނެ، އެ ޓީމަށް ކުޅޭ ޖަރުމަނުގެ ވިންގް ލެރޯއި ސާނޭ އަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އިންޒާރު ދީފި އެވެ.

އުމުރުން 23 އަހަރުގެ ސާނޭ ހޯދަން ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކުން އަންނަނީ އެކި ގޮތްގޮތުން މަސައްކަތްކުރަމުންނެވެ. އަދި ބަޔާނުން ކުރާ މަސައްކަތުގައި ޖަރުމަނުގެ މަޝްހޫރު ކުޅިވަރު ސާމާނު އުފައްދާ ކުންފުނި އެޑިޑާސް އިން ވެސް ބައިވެރިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އަދި ދާދި ފަހުން، ޖަރުމަނުގެ ކުރީގެ ކުޅުންތެރިންނާއި ގައުމީ ޓީމުގެ ކޯޗު ޔަކީމް ލޯ ވެސް ވަނީ ބަޔާނުގައި ސާނޭ ބޭނުންވާ ކަންތައްތައް ފަސޭހައިން ހާސިލްކުރެވޭނެ ކަމަށް ބުނެފަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ އޭޝިއާ ޓްރޮފީގައި އިއްޔެ ކުޅުނު މެޗުން ސިޓީ ވަނީ 4-1 އިން ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށްފަ އެވެ. އެ މެޗަށް ފަހު ގާޑިއޯލާ ވަނީ ސާނޭއާ ބެހޭގޮތުން މީޑިއާގައި ވާހަކަ ދައްކައިފަ އެވެ.

"ސިޓީގައި ކުޅުންތެރިން ތިބެންޖެހޭނީ އުފަލުން. އޭނަ (ސާނޭ) މި ޓީމުގައި ހުންނަ ނަމަ އޭނާ އަށް ވެސް އަދި އަހަރެމެންނަށް ވެސް ލިބޭނެ ވަރަށް ބޮޑު އުފަލެއް އެއީ. އަހަރެމެންނަށް އެނގޭ އޭނަގެ ފެންވަރު. އޭނާ އަކީ ތަފާތު މޮޅު ކުޅުންތެރިއެއް،" ކުރިން ބާސެލޯނާ އާއި ބަޔާނަށް ކޯޗުކޮށްދިން ގާޑިއޯލާ ބުންޏެވެ.

ސިޓީން ވަނީ ސާނޭއާ އެކު ހަދާފައިވާ ކޮންޓްރެކްޓް އާ ކުރަން ގިނަ މަޝްވަރާތަކެއް ކޮށްފަ އެވެ. އެކަމަކު އަދި އެކަމަށް އަލިމަގެއް ނުފެނެ އެވެ. ގާޑިއޯލާ ބުނީ އެއްވެސް ކުޅުންތެރިއަކު ގަދަކަމުން ނުހިފަހައްޓާނެ ކަމަށެވެ.

"ޕްރީ ސީޒަން ފެށުމުގެ ކުރިން އަހަރެން ވަރަށް ރަނގަޅަށް 10 ވަރަކަށް ފަހަރު ބުނިން ސިޓީ އަށް ކުޅެން ޖެހޭނީ އެކަމަށް ބޭނުންވެފައި ހުރެއޭ. ބޭނުންނުވެ ހުރެ އެކަން ކޮށްގެން ނުވާނެ. ކްލަބް ދޫކޮށްދާން ބޭނުންނަމަ އެ ގޮތަށް އެކަން ކުރަންވީ. ސާނޭ އަށް ވެސް އެ ގޮތް އޮތީ،" ގާޑިއޯލާ ބުންޏެވެ.

ސިޓީ އަށް 2016 ވަނަ އަހަރު 55 މިލިއަން ޑޮލަރުގެ ފީ އަކަށް ބަދަލުވުމުގެ ކުރިން ސާނޭ ވަނީ ބަޔާންއާ ވާހަކަ ދައްކައިފަ އެވެ. އޭރު ސާނޭގެ ވިސްނުން ހުރީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާއާ އެކު މަސައްކަތްކުރުމަށެވެ. އެކަމަކު ފަހަކަށް އައިސް ސިޓީގައި ސާނޭ އަށް ފުރަތަމަ އެގާރައިގައި ކުޅުމުގެ ފުރުސަތު މަދުން ލިބޭތީ އޭނާ ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

މިދިޔަ ސީޒަނަށް ފަހު ސިޓީގެ ކެޕްޓަން ވިންސެންޓް ކޮމްޕެނީ ވަނީ އެ ޓީމު ދޫކޮށްލައިފަ އެވެ. ކުރިއަށް އޮތް ސީޒަނަށް ސިޓީގެ ކެޕްޓަން ބޭންޑް އަޅާނެ ކުޅުންތެރިއަކު އަދި ނިންމާފައިނުވާ ކަމަށާއި އެ ކުޅުންތެރިއަކު އިހުތިޔާރު ކުރާނީ ސިޓީގެ މެޖޯރިޓީ ކުޅުންތެރިން ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ.

ސިޓީގެ ކެޕްޓަންކަން ކުރިއަށް އޮތް ސީޒަނުގައި ކުރާނީ ކެވިން ޑިބްރޭނާ އާއި ޑޭވިޑް ސިލްވާ އަދި ސާޖިއޯ އަގުއޭރޯގެ ތެރެއިން ކުޅުންތެރިއަކު ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޓްރާންސްފާ މާކެޓްގައި މިހާތަނަށް ސިޓީން ވަނީ އެތުލެޓިކޯ މެޑްރިޑްގެ ޑިފެންސިވް މިޑްފީލްޑަރު ރޮޑްރީ ގެނެސްފަ އެވެ. ސިޓީ އަށް ކުޅޭ އިނގިރޭސި މިޑްފީލްޑަރު ފަބިއަން ޑެލްފް، އެވަޓަން އަށް ސޮއިކޮށްފައިވާއިރު، ސިޓީން އަންނަނީ ލެސްޓާ ސިޓީގެ އިނގިރޭސި ޑިފެންޑަރު ހެރީ މެގުއާ އަށް ފާރަލަމުންނެވެ.