ބަންގްލަދޭޝް ހައިކޮމިޝަންގެ ކާރަކަށް ގެއްލުންވި މައްސަލައެއް ބަލަނީ
ބަންގްލަދޭޝް ހައިކޮމިޝަންގެ ކާރަކަށް ގެއްލުންވި މައްސަލައެއް ބަލަނީ

ބަންގްލަދޭޝް ހައި ކޮމިޝަންގެ ކާރެއްގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސް އޮތް މައްސަލައެއް ތަހުގީގުކުރަން ފަށައިފި އެވެ.

ފުލުސް އޮފީހުން ބުނީ ހައި ކޮމިޝަންގެ ކައިރީގައި ޕާކުކޮށްފައިވާ ކާރަކަށް ގެއްލުން ލިބިފައިވާ ކަމުގެ މައުލޫމާތު ލިބުނީ މިރޭ 6:40 ހާއިރު ކަމަށެވެ.

އެނގިފައިވާ ގޮތުގައި، ރާއްޖެ އެތެރެކޮށް އަދި ރަޖިސްޓްރީ ވެސް ނުކޮށް އޮތް އެ ކާރުގެ ފަހަތު ބިއްލޫރިގަނޑު ވަނީ ތަޅައިގެން ގޮސްފަ އެވެ. އެކަމަކު އެއީ ބަޔަކު ގަސްދުގައި ކުރި ކަމެއް ނުވަތަ އެހެން ގޮތަކުން ލިބިފައިވާ ގެއްލުމެއް ކަމެއް އަދި ނޭނގެ އެވެ.

ރާއްޖޭގައި ހުންނަ ބޭރުގެ ބައެއް އެމްބަސީތައް ކައިރީގައި ފުލުހުން ފޯރި މަރަ އެވެ. އެކަމަކު އުޅަނދަށް ގެއްލުންވި ވަގުތު އެ ތަނުގައި ފުލުހުން ތިބި ކަމެއް ނޭނގެ އެވެ.