އޮބާމާގެ ދަތިކުރުމުގެ ފިޔަވަޅަކީ މާނައެއް ހުރި ކަމެއް ނޫން: ކިމް
އޮބާމާގެ ދަތިކުރުމުގެ ފިޔަވަޅަކީ މާނައެއް ހުރި ކަމެއް ނޫން: ކިމް

ޕިއޮންޔޮން (ސެޕްޓެމްބަރު 11) - ކާމިޔާބުކަމާ އެކު ފަސް ވަނަ ނިއުކްލިއާ ޓެސްޓެއް ކުރުމުން އެމެރިކާ އިން އައި ރުޅީގައި ރައީސް ބަރަކް އޮބާމާ އިސްވެ ހުންނަވާ ނޯތު ކޮރެއާއާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް ވަރުގަދަ ކުރަން އުޅުމަކީ އެއްވެސް މާނައެއް ހުރި ކަމެއް ނޫން ކަމަށް އެ ގައުމުން ބުނެފި އެވެ.

ނޯތު ކޮރެއާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނަކާ ހަވާލާދީ އެ ގައުމުގެ ރަސްމީ ނޫސް އެޖެންސީން ބުނީ ދަތިކުރުމުގެ ފިޔަވަޅުތައް ވަރުގަދަ ކުރަން އޮބާމާ އުޅުއްވުމަކީ ވަރަށް ހެއްވާ ކަމެއް ކަމަށެވެ. އަދި ދަތި ކުރުމުގެ ފިޔަވަޅުތައް ކިތަންމެ ވަރަކަށް ވަރުގަދަ ކުރި ނަމަވެސް ނިއުކްލިއާ ގާބިލްކަން އިތުރު ކުރަން މަސައްކަތް ކުރާނެ ކަމަށް ވަނީ އިންޒާރު ދީފަ އެވެ.

މީގެ ދެ ދުވަސްކުރިން ނޯތު ކޮރެއާ އިން ކުރި އެންމެ ބާރުގަދަ އަދި ފަސް ވަނަ ނިއުކްލިއާ ޓެސްޓާ އެކު، އެ ގައުމަށް އެމެރިކާ އިން ކަނޑައަޅާފައިވާ މަންދޫބު ވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމަށް އެމެރިކާ އިން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އދ. ގެ ސަލާމަތީ މަޖިލީހުން އަޅާ ފިޔަވަޅުތަކުގެ އިތުރަށް އެމެރިކާ އާއި ޖަޕާން އަދި ސައުތު ކޮރެއާ ގުޅިގެން ނޯތު ކޮރެއާއާ ދެކޮޅަށް އިތުރު ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް ވަނީ މަންދޫބު އިންޒާރު ދެއްވައިފަ އެވެ.

ނޯތު ކޮރެއާ އިން ހުކުރު ދުވަހު ކުރި ނިއުކްލިއާ ޓެސްޓާ ގުޅިގެން ސަލާމަތީ މަޖިލީހުން ވަނީ އެ ގައުމާ ދެކޮޅަށް އަޅާނެ ފިޔަވަޅުތަކާ ގުޅޭ އާ ގަރާރެއްގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެފަ އެވެ.