18 ޖުލައި 2019 - 06:46

އިނގިރޭސިވިލާތުގެ ލަންޑަނުގައި ބިނާކުރަން ޕްލޭންކޮށްފައި އޮތް "ޓިއުލިޕް" އިމާރާތުގެ މަސައްކަތް ކުރިއަށް ގެންދަން ހުއްދަ ދިންތާ ހަތަރު ވަރަކަށް މަސް ފަހުން އެ މަޝްރޫއު ހުއްޓައިލަން ނިންމައިފި އެވެ.
މީޑިއާތަކުން ބުނި ގޮތުގައި ޓިއުލިޕް މަލެއްގެ ބައްޓަމަށް ފަރުމާކޮށްފައިވާ އިމާރާތުގެ މަސައްކަތް ހުއްޓައިލަން ލަންޑަނުގެ މޭޔަރު ސާދިގު ހާން ނިންމެވީ އެ އިމާރާތުގެ ސަބަބުން އާންމު ރައްޔިތުނަށް ވާނެ މާ ބޮޑު ފައިދާއެއް ނެތުމުންނެވެ. މީގެ އިތުރުން މިހާރު ވެސް ތާރީހީ އެތައް އިމާރާތެއް ހުރި ލަންޑަނުގައި "ޓިއުލިޕް" ބިނާކޮށްފި ނަމަ އެ ސިޓީގައި ހުރި މުހިއްމު އިމާރާތްތަކަށް ދެވޭ ސަމާލުކަން ވެސް ކުޑަވެ، ލަންޑަނުގެ މަލަމައްޗަށް ވެސް އައިބު ކަމެއް އަންނާނެ ކަމަށް ބުނެފައިވެ އެވެ.
ހަމަ އެއާ އެކު އިމާރާތް ބިނާކުރަން ނިންމާފައި އޮތީ ލަންޑަން ސިޓީ އެއާޕޯޓާ ގާތްގަނޑަކަށް ހައެއްކަ މޭލުގައި ދުރުގައި ކަމަށްވާތީ އެއާޕޯޓްގެ އޮޕަރޭޝަންތަކަށް ވެސް "ޓިއުލިޕް" ގެ ސަބަބުން އަސަރުކޮށްފާނެ ކަމަށް ބަލާފައިވެ އެވެ. އެ ޕްރޮޖެކްޓް ކުރިއަށް ނުގެންދަން ނިންމުމުން ވަރަށް ގިނަ ބަޔަކު ވަނީ އެކަމަށް މަރުހަބާ ކިޔައިފަ އެވެ. އޭގެ ތެރޭގައި ހެރިޓޭޖް ގްރޫޕެއް ކަމަށްވާ ހިސްޓޮރިކް ލަންޑަން ހިމެނެ އެވެ.
މިދިޔަ އަހަރުުގެ ނޮވެމްބަރު މަހުގެ ތެރޭގައި ރަސްމީކޮށް ދައްކައިލި "ޓިއުލިޕް" ޕްރޮޖެކްޓަކީ ކުރިން ތާވަލުކޮށްފައި އޮތް ގޮތުން ނަމަ 2025 ގައި ހުޅުވަން ނިންމާފައިވާ އިމާރާތެކެވެ. އަދި އެތަން ވެގެން ދާނީ ހުޅަނގު ޔޫރަޕްގައި ހުރި ދެވަނަ އަށް އެންމެ އިސް އިމާރާތަށެވެ. "ޓިއުލިޕް" ފަރުމާކޮށްފައި ވަނީ 1،000 ފޫޓް (300 މީޓަރު) ގެ އުސް އިމާރާތެއްގެ ގޮތުގަ އެވެ.
އިމާރާތުގެ އެންމެ މަތި ރޮޓޭޓިން ގްލާސް ޕޮޑްސްތަކުގެ އޮނިގަނޑަކާ އެކު ފަރުމާކޮށްފައިވާ "ޓިއުލިޕް" ގައި ބޮޑު ވިއު ފްލެޓްފޯމަކާއި ރެސްޓޯރަންޓާއި ކުދިންނަށް ހާއްސަ އެޑިއުކޭޝަނަލް ފެސިލިޓީތައް ހިމެނޭ އެގޮތަށް އެ އިމާރާތް ފަރުމާކޮށްފައި ވަނީ ނޯމަން ފޯސްޓާގެ ކުންފުނި "ފޯސްޓާޒް+ޕާޓްނާޒް" އިންނެވެ.
ކުރިއަށް ގެންދަން ލަންޑަން ކޯޕަރޭޝަނުން ހުއްދަ ދިން މަޝްރޫއު ހުއްޓައިލަން ނިންމި އިރު، "ޓިއުލިޕް" ގެ ސަބަބުން ލަންޑަނުގެ އިގުދިސާދަށް ބޮޑު ކުރިން ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ. އެގޮތުން އެ ސިޓީ އަށް ޒިޔާރަތް ކުރާ މީހުންގެ އަދަދު އަހަރަކު 1.2 މިލިއަނަށް އިތުރުވެ، އެތައް ސަތޭކަ ވަޒީފާގެ ފުރުސަތާ އެކު ލަންޑަނަށް ވަންނަ އާމްދަނީ ވެސް އެތައް ގުނައެއް އުފުލިގެން ދާނެ ކަމަށް އަންދާޒާކޮށްފައި އެވެ.