17 ޖުލައި 2019 - 11:29

ޕާތު، އޮސްްޓްރޭލިއާ (ޖުލައި 17) - ކާމިޔާބު ހޯދުމެކޭ އެއްވަރަށް މެންޗެސްޓާ ޔުނައިޓެޑްގެ ސަޕޯޓަރުންގެ ރުހުން ކްލަބާ މެދު އޮތުމަކީ ވެސް މުހިއްމުކަމެއް ކަމަށް އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފި އެވެ.
ހޯސޭ މޮރީނިއޯ މަގާމުން ދުރުކޮށް މިދިޔަ ޑިސެމްބަރު މަހު ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވެ، ސޯލްޝެއާ ވަނީ ވަގުތީ ކޯޗެއްގެ ގޮތުގައި ހުރެ 19 މެޗުގެ ތެރެއިން 14 މެޗުން މޮޅުވެފަ އެވެ. އެއްބަސްވުން ދާއިމީ ކުރި ފަހުން ޔުނައިޓެޑް ކުޅުނު 10 މެޗުގެ ތެރެއިން މޮޅުވެވުނީ ދެ މެޗުންނެވެ. އޭގެ ސަބަބުން ގަދަ ހަތަރެއްގެ ފުރުސަތު ލިބި މި ފަހަރު ކުޅެން ޖެހިފައިވަނީ ޔޫރޮޕާ ލީގުގަ އެވެ.
ޕްރީ ސީޒަން ޓުއާއެއް މި ވަގުތު އޮސްޓްރޭލިއާގައި ފުރިހަމަކުރަމުން އަންނަ ޔުނައިޓެޑުގެ ކޯޗު ސޯލްޝެއާ ބުނީ ކުރިއަށް އޮތް ސީޒަނުގައި އެ ޓީމުގެ އަމާޒަކީ ހަމައެކަނި ގަދަ ހަތަރެއް ނޫން ކަމަށާއި ކްލަބްގެ ވިސްނުން އޮންނާނީ އަބަދުވެސް ކާމިޔާބީއާ ދިމާލަށް ކަމަށެވެ.
"އަހަރެމެން ވިސްނަންޖެހޭނީ އަބަދުވެސް ދުރަށް. ގަދަ ހަތަރެއްގެ އުއްމީދުގައި ތިބެގެން ކުރިއަށް ދިއުމަށް ވުރެ އަހަންނަށް މުހިއްމު އެ އަށް ވުރެ ދުރަށް ވިސްނައިގެން ނާކާމިޔާބު ވިޔަސް. އެއީ އޭރުން އޮންނާނީ އެއް ކަމެއް ހާސިލްވެފައި. މިއީ އަބަދުވެސް ކާމިޔާބު ހޯދަން ކުޅޭނެ ޓީމެއް،" ސޯލްޝެއާ ބުންޏެވެ.
ޔުނައިޓެޑްގައި އަދި އޭނާ އަށް އަހަރެއް ވެސް ފުރިހަމަކުރެވިފައިނުވާ ކަމަށާއި ބޭނުންވަނީ ލިބޭ ކޮންމެ ވަގުތެއްގެ ބޭނުންހިފައި ސަޕޯޓަރުންގެ އިތުބާރު ހޯދުމަށް ކަމަށް ބުންޏެވެ.
"ޔުނައިޓެޑްގައި ވަރަށް މުހިއްމު ބައެއް ސަޕޯޓަރުންނަކީ. ކާމިޔާބީ އެކޭ އެއްވަރަށް އެ މީހުންގެ ރުހުން ވެސް ބޭނުންވޭ. އަހަރެން ކުރަން މި ބޭނުންވާ މަސައްކަތަށް ވަގުތު ބޭނުންވޭ. އެކަމަކު މިހާރުގެ ފުޓްބޯޅައިގައި ވަގުތު ލިބޭނެކަމުގެ ޔަގީންކަމެއް ނޯންނާނެ. އެއީ އަބަދުވެސް ނަތީޖާ ނެރުމުގެ ޕްރެޝަރު އޮންނާނެ،" ސޯލްޝެއާ ބުންޏެވެ.
މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޔުނައިޓެޑުން ވަނީ ސްވަންސީ ސިޓީގެ ޑެނިއަލް ޖޭމްސް އާއި ކްރިސްޓަލް ޕެލަސްގެ އާރޮން ވަން ބިސާކާ ގެނެސްފަ އެވެ. ޔުނައިޓެޑަށް މި ވަގުތު އޮތް ކަންބޮޑުވުމަކީ އެ ޓީމުގެ މުހިއްމު ތިން ކުޅުންތެރިން ކަމަށްވާ ރޮމެލޫ ލުކާކޫ އާއި ޕައުލް ޕޮގްބާ އަދި ޑޭވިޑް ޑެހެއާގެ މުސްތަގުބަލާ މެދު ސުވާލު އުފެދިފައިވުމެވެ.
ކުރިއަށް އޮތް ހަފްތާ ތެރޭގައި އިންޓަ މިލާނުން ލުކާކޫގެ ސޮއި ހޯދޭނެ ކަމަށް މީޑިއާގައި އަޑުފެތުރިފައިވާއިރު، ޕޮގްބާ ވަނީ ކްލަބް ބަދަލުކުރަން ބޭނުންވާ ކަމަށް ބުނެފަ އެވެ. އޭނާ ހޯދަން ރެއާލް މެޑްރިޑުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ޕީއެސްޖީން ޑެހެއާ ގެންދަން ބޭނުންވާއިރު، ސޯލްޝެއާ ބުނީ ޑެހެއާ ޔުނައިޓެޑާ އެކު ހަދާފައިވާ އެއްބަސްވުން އާ ކުރާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.
"ސީޒަން ފަށާއިރު ޔުނައިޓެޑްގައި ތިބޭނީ މި ޓީމަށް ކުޅެން ބޭނުންވާ އަދި އަހަރެން ވެސް ބޭނުންވާ ކުޅުންތެރިން. ޕޮގްބާ ކަހަލަ ކުޅުންތެރިއެއް ވަށައިގެން ޓީމް ބިލްޑްކުރުން އެއީ ރަނގަޅު ކަމެއް. ޔުނައިޓެޑަށް އަދި ދެ ކުޅުންތެރިން ވަރު ގެންނަން ބޭނުން. އެކަމަކު މި ޓީމު ދޫކޮށްލާ ކުޅުންތެރިންނަށް ބަލާފައި އިތުރު ކުޅުންތެރިން ގެންނާނީ،" ސޯލްޝެއާ ބުންޏެވެ.
އޭނާ ވަނީ ފޯމު ގެއްލިފައިވާ ޗިލީގެ ފޯވާޑް އަލެކްސިސް ސަންޗޭޒަށް އަދިވެސް ޔުނައިޓެޑްގައި ރަނގަޅު ކުޅުމެއް ދެއްކިދާނެ ކަމަށް ބުނެފަ އެވެ. އަދި ކޮޕަ އެމެރިކާގައި ސަންޗޭޒްގެ ފަރާތުން ފެނިގެންދިޔަ ކުޅުން ޔުނައިޓެޑްގައި ތަކުރާރު ކުރެވޭނެ ކަމަށް ގަބޫލުކުރާކަމަށް ބުންޏެވެ.