19 ޖުލައި 2019 - 07:39

ބަތަލާ ކަންގަނާ ރަނާވަތު ދާދި ފަހުން އިންޑިއާގެ ބައެއް މީޑިއާތަކާއި ބައެއް ނޫސްވެރިންނާ ބެހޭ ގޮތުން ދެއްކި ވާހަކަތަކަކީ ހަމަ ހަގީގަތުގައި ވެސް ރަނގަޅު ވާހަކަތަކެއް ކަމަށް ބުނެ، ރިޝީ ކަޕޫރް ކަންގަނާ އަށް ތާއިދުކޮށްފި އެވެ.
އެމެރިކާގައި ކެންސަރަށް ފަރުވާ ހޯދަމުން އަންނަ އެކްޓަރު މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ބުނީ ބައެއް ނޫސްވެރިންނަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު، ރޯބުހުތާނު ދޮގު ޚަބަރުތައް ފަތުރާ ބައެއް ކަމަށެވެ. އަދި މީގެ ސަބަބުން މީޑިއާތަކުގައި މަސައްކަތް ކުރާ ކުރާ ހުރިހާ އެންމެންގެ އަގު ވެއްޓެން ދިމާވާ ކަމަށް ބުންޏެވެ.
"ހަގީގަތުގައި މީޑިއާތަކުގައި އުޅޭ ވަކި ބަޔަކު ކުރާ ކަމަކުން މީޑިއާތަކުގައި މަސައްކަތް ކުރާ އެންމެންގެ ކްރެޑިބިލިޓީއާ ދޭތެރޭ ސުވާލު އުފެދެނީ. ނޫސްވެރިންނަކީ ވަރަށް ޒިންމާދާރު ބަޔަކަށް ވާން ޖެހޭނެ. އެ މީހުންގެ ޒިންމާއެއް ކިޔުންތެރިންނަށް ސާފު ތެދު މައުލޫމާތު ގެނެސް ދިނުމަކީ،" މީޑިއާތަކުގެ އަމަލުތައް ހުންނަ ގޮތުން އަބަދު ވެސް ހިތްހަނުޖެހުން ފާޅު ކުރާ ރިޝީ ބުންޏެވެ. "ކިޔުންތެރިންގެ ސަމާލުކަން ހޯދަން ބައެއް ނޫސްވެރިން ހަދަހަދައިގެން ވާހަކަތައް ފެތުރުމަކީ ހަމަ ވަރަށް އާންމު ކަމެއް. އެކަން އެބަހުރި އެތައް ފަހަރަކު ތަޖުރިބާ ވެސް ކުރެވިފައި."
ރިޝީ މިދިޔަ ސެޕްޓެމްބަރު މަހު އެމެރިކާ އަށް ފަރުވާ އަށް ފުރައިގެން ދިޔައީ ވެސް ބައްޔާ ބެހޭ އެއްވެސް ތަފުސީލެއް ހިއްސާ ނުކޮށް، މީޑިއާތަކަށް ރައްދުވާ ގޮތަށް އޭނާގެ ފަރުވާއާ ބެހޭ ގޮތުން ފާޑުފާޑުގެ ވާހަކަތައް ނުފެތުރުމަށް އެދިފަ އެވެ. އަދި އެމެރިކާ އަށް އޭނާ ދިޔަތާ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ބައެއް މީޑިއާތަކުން ވަނީ ރިޝީ ފަރުވާ ހޯދަނީ ކެންސަރަށް ކަމަށް ރިޕޯޓްކޮށްފަ އެވެ. މިކަމާ ގުޅިގެން ކަޕޫރް ހާންދާނުން މީޑިއާތައް ދެކެ ރުޅި ގަދަވެ، ބަވާފައިވެ އެވެ. އޭގެ މަސްތަކެއް ފަހުން ރިޝީ އަމިއްލަ އަށް ވަނީ ފަރުވާ ހޯދަނީ ކެންސަރަށްކަން ކަށަވަރު ވެސް ކޮށް ދީފަ އެވެ.
ރިޝީ އާއި މީޑިއާތަކާ ދެމެދު އެކި ފަހަރުމަތިން "ކުރިމަތިލުންތަކެއް" ހިނގާފައިވާ އިރު، އޭގެ ތެރޭގައި އާއިލާގެ މީސްމީހުންނާ ބެހޭ ގޮތުން މީޑިއާތަކުން ދައްކާ ބައެއް ވާހަކަތަކާ ގުޅިގެން ރަތަށް އަރައި، އޭނާ ނޫސްވެރިންނަށް ބަހުގެ ހަމަލާތައް ދީފައިވެ އެވެ.
އިންޑިއާގެ ނޫސްވެރިންތަކެއް މި ދުވަސްކޮޅު ކަންގަނާއާ ދެކޮޅަށް ނުކުމެ އޭނާ ބޮއިކޮޓް ކުރަނީ މި މަހުގެ 26 ގައި ރިލީޒްކުރާ ފިލްމު "ޖަޖްމެންޓަލް ހޭ ކިޔާ" ގެ ޕްރޮމޯޝަނަލް އިވެންޓެއްގައި އޭނާ ނޫސްވެރިޔަކު "ސައިޒް ކުރުމުން" ނެވެ. އެ އިވެންޓްގައި ކަންގަނާ ވަނީ ޖެނުއަރީ މަހު ރިލީޒްކުރި ފިލްމު "މަނިކަރުނިކާ" އާއި އޭނާއާ ބެހޭ ގޮތުން ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) ގެ ނޫސްވެރިޔާ ޖަސްޓިން ރާއޯ އެންޓި ކެމްޕޭންކޮށް، ހުތުރު ވާހަކަތަކެއް ފަތުރާފައިވާ ކަމަށް ތުހުމަތިކޮށްފަ އެވެ. މިކަމާ ގުޅިގެން ނޫސްވެރިންތަކެއް ވަނީ އެއީ ބުލީކުރުން ކަމަށް ބުނެ ކަންގަނާ މައާފަށް ނޭދޭ ނަމަ ބޮއިކޮޓް ކުރާނެ ކަމުގެ އިންޒާރު ދީފަ އެވެ.
އެކަމާ ގުޅިގެން ކަންގަނާ ފަހުން އާންމު ކުރި ވީޑިއޯ މެސެޖެއްގައި ބުނީ އޭނާގެ ކެރިއަރުގައި ނޫސްވެރިންގެ މުހިއްމު ދައުރެއް އޮތް ކަމަށް ގަބޫލު ކުރާ ކަމަށާއި އެކަމަށް ޝުކުރު ވެސް އަދާ ކުރާ ކަމަށެވެ.
އެކަމަކު ޒާތީ ގޮތުން ޖައްސާލައި، ހަގީގަތާ ހިލާފު ވާހަކަތައް ފަތުރާ ނޫސްވެރިންނަށް މައާފު ނުކުރާނެ ކަމަށް ބުނެފައިވެ އެވެ. އެ މެސެޖްގައި ކަންގަނާ ވެސް ވަނީ ހުރިހާ ނޫސްވެރިންގެ އަގު ވެއްޓެނީ ބައެއް ނޫސްވެރިންގެ އަމަލުތައް ހުންނަ ގޮތުން ކަމަށް ބުނެފަ އެވެ.