"ބެޗްލާ" ގެނެސްދޭ މައިކް ފްލެއިޒް ގޮވައިގެން އަންހެނުން ކޯޓަށް
"ބެޗްލާ" ގެނެސްދޭ މައިކް ފްލެއިޒް ގޮވައިގެން އަންހެނުން ކޯޓަށް

ދެ ޖިންސްގެ މީހުންނަށް ބައިވެރިން ހޯދައިދޭ މަގުބޫލު ޓީވީ ޝޯތައް ކަމަށްވާ "ދަ ބެޗްލާ" އާއި "ދަ ބެޗްލަރެޓް" ގެ ބާނީ މައިކް ފްލެއިޒް ގެވެށި އަނިޔާކުރާ ކަމަށް ބުނެ އޭނާގެ އަންހެނުން ލައުރާ ފްލެއިޒް ކެލިފޯނިއާ ސުޕީރިއާ ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.

އެ މައްސަލަ މި މަހުގެ ހަ ވަނަ ދުވަހު ކޯޓަށް ހުށަހަޅައި، ކޯޓުން މައްސަލަ ބަލައިގެންފައިވާ ކަމުގެ ލިއުން ވެސް ވަނީ ބައެއް މިޑިއާތަކުގައި ހިއްސާކޮށްފަ އެވެ. ދެވަނަ ދަރިއަކަށް ބަލިވެ އިން ލައުރާ މިކަމާ ބެހޭ ގޮތުން ބުނީ ފިރިމީހާ އޭނާ އަށް ތަކުރާރުކޮށް އަނިޔާ ކުރާތާ ހަފުތާތަކެއްވެއްޖެ ކަމަށެވެ.

އެގޮތުން މި މަހުގެ ހަތަރު ވަނަ ދުވަހު، ހަވާއީގައި އެ މީހުން ދިރިއުޅޭ ގޭގައި ހިނގި ދެބަސްވުމަކަށް ފަހު ދަރި ވައްޓައިލަން އިންޒާރު ދީ، ޖިސްމާނީ ގޮތުން އަނިޔާކޮށްފައިވާ ކަމަށް ބުންޏެވެ. އޭނާ ބުނީ ހުތުރު ބަހުން އެއްޗެހި ގޮވައި އަނިޔާކޮށްފައިވާ ކަމަށެވެ.

ލައުރާ ބުނި ގޮތުގައި ދެ މީހުންގެ ގުޅުން ކުރިން އޮތް ގޮތަށް އަލުން އިޔާދަވާނީ ދަރި ވައްޓާލައިފި ނަމަ ކަމަށް ބުނެ ތަކުރާރުކޮށް، މައިކް ބިރު ދައްކަމުންދާ ކަމަށެވެ. އަދި އެކަމަށް އެއްބަސް ނުވާ ނަމަ މާލީ ގޮތުން ވެސް ދަތިކުރާނެ ކަމަށް ބުނެ އިންޒާރު ދެމުންދާ ކަމަށް ބުނެފައިވެ އެވެ. ނަމަވެސް ދަރި ވައްޓާލަން ބޭނުން ނުވާ ކަމަށް، ފިރިހެން ދަރިއަކު ހުރި ލައުރާ ބުންޏެވެ.

މައިކް، 55، އާއި ލައުރާ، 31، ކައިވެނި ކުރީ 2014 ގަ އެވެ. މިއީ އޭނާގެ އަލަތު ކައިވެނި ކަމަށް ވިޔަސް، މައިކަކީ ކުރިން ވެސް ކައިވެންޏެއްކޮށް، ދަރިން ލިބިފައިވާ މީހެކެވެ.

މައިކްގެ ޝޯތައް ގެނެސްދޭ އޭބީސީ ނެޓްވޯކުން ބުނީ އޭނާ އަންހެނުންނަށް އަނިޔާ ކުރާ ކަމަށް ބުނާ މައްސަލާގައި ކޯޓަށް ދިޔަ ވާހަކަ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ. އެކަމަކު މި ވަގުތު އެކަމާ ބެހޭ ގޮތުން އެއްވެސް ކޮމެންޓެއް ކުރަން އޭބީސީން ވަނީ ދެކޮޅު ހަދައިފަ އެވެ.