17 ޖުލައި 2019 - 12:28

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ދެކުނު ފަރާތުގައި އަލަށް ތަރައްގީކުރާ އާ އޭޕްރަންގެ ފުރަތަމަ ފޭސްގައި ހެދި ބައި މިއަދު ހުޅުވައިފި އެވެ.

މި އޭޕްރަން ހުޅުވުމުގެ ގޮތުން އެތަނުގައި ފުރަތަމަ ޕާކްކުރީ ޗައިނާ އިން އައި ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ އިންޓަނޭޝަނަލް ފްލައިޓެކެވެ. އެ ބޯޓު އާ އޭޕްރަންގައި ޕާކްކުރުމުން އެމްއޭސީއެލުން ވަނީ ފެނުގެ ސެލިއުޓަކުން މަރުހަބާ ކިޔައިފަ އެވެ.

އާ އޭޕްރަންގެ ސަބަބުން ސަލަމާތީ ގޮތުން ވެސް އިތުރު ރައްކާތެރިކަން ލިބޭނެ ކަމަށް، އެމްއޭސީއެލުން ބުނެ އެވެ. އެގޮތުން އާ އޭޕްރަންގެ އޮޕްރޭޝަން އިންޗާޖް އަލީ ނަސީރު ވިދާޅުވީ ފްލައިޓުތައް ޕާކުކޮށްފައި ބާއްވާ ގޮތުން ކުރިން މައްސަލަތައް ކުރިމަތިވާ ކަމަށާއި ނަމަވެސް އާ އޭޕްރަންގެ ސަބަބުން އެކަމަށް ހައްލު އަންނާނެ ކަމަށެވެ.
"މިހާރު ވެސް ފެންނާނެ އެކި ގޮތްގޮތަަށް މަތިންދާ ބޯޓު ބެހެއްޓިފައިވާތަން. އެކަމަކު މި އޭޕްރަން ހުޅުވުމުން މަތިންދާބޯޓުތައް ހުންނާނީ ވަރަށް ސޭފް ގޮތަކަށް ބެހެއްޓިފައި. ވަކި ޑިސްޓެންސްއެއް ދީފައި،" ނަސީރު ވިދާޅުވި އެވެ.
"މަސައްކަތް ކުރާ މުވައްޒަފުންނަށާއި އެއާލައިންތަކަށް މީގެ ސަބަބުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭނެ."
އޭނާ ވިދާޅުވި ގޮތުގައި ފްލައިޓްތަކާ ކައިރިން ވެހިކަލް ފަދަ އެހެން އިކުއިޕްމަންޓް ގިނައިން ގެންގުޅުމަކީ ވެސް ނުރައްކާތެރި ކަމެކެވެ. އެކަމަށް ވެސް އާ އޭޕްރަންގެ ސަބަބުން ހައްލެއް އަންނާނެ ކަމަށް ނަސީރު ވިދާޅުވި އެވެ.
އެގޮތުން ފްލައިޓްތަކަށް ހިދުމަތް ދޭން ބޭނުންކުރާ ބައެއް ސާމާނު މިހާރު ހުންނަނީ އޭޕްރަންގައި ހަރުކޮށްފަ އެވެ. އާ ފިއުލް ފާމް ނިމުމުން ބޯޓުތަކަށް ތެޔޮ އަޅާނީ ވެސް އަޑިން ގުޅާފައި އޮންނަ ހޮޅިންނެވެ. އާ އެޕްރަން ތަރައްގީކުރަނީ އެ ހޮޅިތައް ލައިގެންނެވެ.
"މަތިންދާބޯޓެއްގެ އެންމެ ނުރައްކާތެރިކަމަކީ އެއާ ކައިރި ކުރާ އިކުއިޕްމަންޓުތައް. އެ ގިނަވި ވަރަކަށް ހެޒާޑަސް އޭރިއާއަކަށް ބޮޑަށް މިވަނީ،" ނަސީރު ވިދާޅުވި އެވެ.
"އެކަމަކު ސްޓޭންޑު ހަދާފައި ފިއުލް ހައިޑްރެންޓް އެޅީމަ ބޯޓާ ކައިރިކުރާ އިކުއިޕްމަންޓުތައް މަދުވާނެ. މިސާލަކަށް ފިއުލް ޓްރަކް އަންނާކަށް ނުޖެހޭނެ ފިއުލް އަޅަން. މިތަނުން އެފިއުލް އެޅުމުގެ އިންތިޒާމް ހުންނާނީ ހަމަޖެހިފައި."
މިއަދު ހުޅުވި 70،000 އަކަ މީޓަރުގެ އޭޕްރަންގައި އެއްފަހަރާ ފަސް ވައިޑް ބޮޑީ ބޯޓާއި އެއް ނެރޯ ބޮޑީ ބޯޓު ޕާކްކުރެވޭނެ އެވެ. ނުވަތަ އެއްފަހަރާ ދެ ވައިޑް ބޮޑީ ބޯޓާއި ހަތް ނެރޯ ބޮޑީ ބޯޓު ޕާކްކުރުމުގެ ޖާގަ އެބަ އޮތެވެ.
ޖުމްލަ ތިން ފޭސް ހިމެނޭ މަޝްރޫއުގެ ދެ ވަނަ ފޭހުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. ދެ ވަނަ ފޭސް ކުރިއަށް އޮތް ހަތް މަސްދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެމްއޭސީއެލުން ލަފާކުރެ އެވެ.