20 ޖުލައި 2019 - 06:43

ރީޗާ ކިޔާ އަސްކަރީ އޮފިސަރެއްގެ ރޯލު ޓޮމް ކްރޫޒް ކުޅުނު "ޖެކް ރީޗާ" ސީރީޒްގެ ފިލްމުތަކުން އޭނާ ދެން ނުފެންނާނެކަން މިދިޔަ އަހަރު ވަނީ ކަށަވަރުވެފަ އެވެ. ސަބަބަކީ އެ ކެރެކްޓާ އަށް އަސްލު ފިޓްވާން ޖެހޭ ވަރަށް ވުރެ ކްރޫޒް އިސްކޮޅުން ކުރުވުމެވެ.

ނަމަވެސް ބެލުންތެރިން ކަންބޮޑުވާނެ ކަމެއް ނެތެވެ. މި ސީރީޒްގެ އިތުރު ފީޗާ ފިލްމެއް ފެނިދާނެ ކަމުގެ ސިގްނަލެއް ނެތަސް، އެމެޒޯން ޕްރައިމް ވީޑިއޯ އިން ވަނީ "ޖެކް ރީީޗާ" ވާހަކަ ސީރީޒަށް ބިނާކޮށް ވެބް ސީރީޒެއް ހަދަން ނިންމައިފި އެވެ.
ލިޔުންތެރިޔާ ލީ ޗައިލްޑްގެ ވާހަކައިގެ ރައިޓްސް ވެސް އެމެޒޯނުން މިހާރު ހޯދާފައިވާ އިރު، ސީރީޒް ބެލުންތެރިންނަށް ގެނެސް ދިނުމުގެ މައިގަނޑު ޒިންމާތަކާ ހަވާލުވެގެން ހުރީ ސިލްސިލާ "ސްކޯޕިއަން" ގެނެސްދިން ނިކް ސެންޓޯރާ އެވެ. އަދި ސީރީޒްގެ އެކްޒެކެޓިވް ޕްރޮޑިއުސަރެއްގެ ގޮތުގައި ލިޔުންތެރިޔާ ވެސް ހިއްސާ ވާނެ އެވެ.
ވެރައިޓީން ބުނި ގޮތުގައި "ޖެކް ރީޗާ" ސީރީޒް ގެނެސް ދޭނީ އެމެޒޯން އާއި ޕެރަމައުންޓް ޓީވީގެ އިތުރުން ސްކައިޑާން ޓީވީ ގުޅިގެންނެވެ. ނަމަވެސް ސީރީޒްގެ ކާސްޓާއި މީގެ މަސައްކަތް ފަށާނެ އިރަކާއި ބެލުންތެރިންނާ ހަމައަށް ސީރީޒް ސްޓްރީމް ކުރަން ފަށާނެ އިރެއް އަދި ނޭނގެ އެވެ.
އެކަމަކު ކަށަވަރުވާ ކަމަކީ މި ފަހަރު ޖެކް ރީޗާގެ ކެރެކްޓާ އަށް ހުރިހާ ގޮތަކުން ވެސް ފިޓް އެކްޓަރަކު ލައްވައި އެ ރޯލް ކުޅުވާނެ ކަމެވެ. ބެލުންތެރިން އިންތިޒާކޮށްލާށެވެ.
ސަތޭކަ މިލިއަނަށް ވުރެ ގިނަ ކޮޕީ މިހާތަނަށް ވިކިފައިވާ ވާހަކަ ސީރީޒް "ޖެކް ރީޗާ" އަށް ކްރޫޒާ އެކު ދެ ފިލްމު ގެނެސް ދީފައިވެ އެވެ. އެއީ 2012 ގެ "ޖެކް ރީޗާ" އާއި 2016 ގެ "ޖެކް ރީޗާ: ނެވާ ގޯ ބެކް" އެވެ.
ބޮކްސް އޮފީހުގައި 218.3 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި "ޖެކް ރީޗާ" ޑައިރެކްޓް ކުރީ ކްރިސްޓޯފާ މެކްއަރީ އެވެ. އެޑްވަޑް ޒިވިކް ޑައިރެކްޓް ކުރި ދެވަނަ ބަޔަށް 162.1 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ.