ކޮންގްރެސްގެ ހަތަރު އަންހެނުން ޓްރަމްޕަށް ރައްދު ދީފި
ކޮންގްރެސްގެ ހަތަރު އަންހެނުން ޓްރަމްޕަށް ރައްދު ދީފި

ވޮޝިންޓަން (ޖުލައި 16) - އެމެރިކާގެ ކޮންގްރެސްގެ ހަތަރު އަންހެނަކު "އަނބުރާ ގައުމަށް ދިއުމަށް" ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވާތީ އެ ހަތަރު އަންހެނުން ޓްރަމްޕަށް ރައްދު ދެއްވައިފި އެވެ.

ކޮންގްރެސްގެ ހަތަރު އަންހެން މެންބަރުން ކަމަށްވާ އެލެގްޒެންޑްރިއާ އޮކާސިއޯ-ކޯޓޭޒް، އިލްހާން އުމަރު، އަޔާނާ ޕްރެސްލީ އަދި ރާޝިދާ ތަލީބް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަތަރު މީހުން ވެސް ވިދާޅުވެފައި ވަނީ ޓްރަމްޕުގެ ބޭނުމަކީ އެމަނިކުފާނުގެ ކޮރަޕްޓް އަދި އޮޅުންބޮޅުން ބޮޑު ސަރުކާރުގެ ސަމާލުކަން އެހެން ދިމާލަކަށް އަނބުރާލުން ކަމަށެވެ. އަދި އެ މީހުންގެ ބޭނުމަކީ ޓްރަމްޕް ދައްކާ ވާހަކައަށް ބެލުމެއް ނެތި އެމެރިކާ ސަރުކާރުގެ ސިޔާސަތުތަކަށް ފޯކަސް ކުރުން ކަމަށް ވިދާޅުވި އެވެ. އިލްހާން އުމަރާއި ފަލަސްތީނުގެ އާއިލާއއަކަށް ނިސްބަތްވާ ތަލީބް ވަނީ ޓްރަމްޕް މަގާމުން ދުރުކުރުމުގެ މަސައްކަތް ކޮންގްރެސް އިން ކުރުމަށް ގޮވާލައްވައިފަ އެވެ.

ޓްރަމްޕް އާދިއްތަ ދުވަހު ކުރެއްވި ޓްވީޓުގައި ހަތަރު އަންހެނުންގެ ނަން ފާހަގަކޮށްފައެއް ނުވެ އެވެ. އެކަމަކު ވިދާޅުވެފައި ވަނީ އެ ހަތަރު އަންހެނުން އައި ގައުމުތަކުގެ ސަރުކާރުތައް ވަނީ ބޮޑު މުސީބާތެއްގެ ތެރޭގައި ކަމަށެވެ. އަދި އެ މީހުން އަނބުރާ ދިއުމަށް ގޮވާލައްވާފައިވެ އެވެ. ޓްރަމްޕް އިޝާރާތް ކުރައްވާފައި ވަނީ ސްކޮޑުގެ ނަމުން މަޝްހޫރު ޑިމޮކްރެޓިކް އެ ހަތަރު މެންބަރުންނަށް ކަން ޔަގީންވެ އެވެ.

ޓްރަމްޕުގެ ޓްވީޓާ ގުޅިގެން އެމަނިކުފާނަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފަ އެވެ. އަދި އެއީ ނަސްލީ ތަފާތު ކުރުމުގެ ވާހަކަތަކެއް ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެފައިވެ އެވެ.

ކޮންގްރެސްގެ ޑިމޮކްރެޓިކް ހަތަރު އަންހެނުންގެ ތެރޭން ތިން މީހުން އުފަންވީ އެމެރިކާގަ އެވެ. އިލްހާން އުމަރު އުފަންވީ ސޯމާލިއާގަ އެވެ. ނަމަވެސް އޭނާ ވެސް އެމެރިކާ އަށް ބަދަލުވީ ވަރަށް ޅަ އުމުރުގަ އެވެ.

ހަތަރު އަންހެނުންގެ ނިއުސް ކޮންފަރެންސަށް ފަހު ޓްރަމްޕް ވަނީ "އެމެރިކާގައި ކަލޭމެން ހިތްހަމަނުޖެހޭ ނަމަ، އަބަދު ޝަކުވާ ކުރާ ނަމަ، އަނބުރާ ދާންވީ" ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވައިފަ އެވެ.