އުކާލާ ތެޔޮ އަޅަން 86 ރަށެއްގައި ފީފާ ބަހައްޓަނީ
އުކާލާ ތެޔޮ އަޅަން 86 ރަށެއްގައި ފީފާ ބަހައްޓަނީ

ކަނޑުދަތުރުފަތުރުކުރާ އުޅަނދުތަކުގެ އިންޖީނުގެ ތެޔޮ ބަދަލުކޮށް އެ ތެޔޮ އަޅާނެ ފީފަތަކެއް 86 ރަށެއްގައި ބަހައްޓަން ނިންމާފައިވާކަމަށް ޕާލޭ މޯލްޑިވްސްގެ އެގްޒެކެޓިވް ޑިރެކްޓަރު ޝާހިނާ އަލީި ވިދާޅުވެއްޖެ އެވެ.

އުކާލާ ތެޔޮ އަޅަން 86 ރަށެއްގައި ފީފާ ބަހައްޓަނީ
އުކާލާ ތެޔޮ އަޅަން 86 ރަށެއްގައި ފީފާ ބަހައްޓަނީ

އެލިއާއާ ގުޅިގެން ޕާލޭ އިން ބަހައްޓާ މި ފީފާތަކަކީ އެކި އުޅަނދުފަހަރުން އިންޖީނުގެ ތެޔޮ ބަދަލުކުރުމަށް ފަހު އެ ތެޔޮ ކަނޑަށް އެޅުން ހުއްޓުވުމުގެ ގޮތުން ބަހައްޓާ ފީފާތަކެކެވެ.

މިއަދު ކުރިއަށްދިޔަ "ބޯޓު އޮޕަރޭޓާސް ޓްރެއިނިން ޕްރޮގްރާމް" ފެށުމުގެ ރަސްމިއްޔާތުގައި ޝާހިނާ ވިދާޅުވީ ރާއްޖޭގެ ކަނޑުތަކަށް އަޅާ ތެލާއި ޕްލާސްޓިކުގެ ބޮޑުބައި ހިއްސާކުރަނީ އެކި ބޯޓު ފަހަރުގެ ފަޅުވެރިން ކަމަށެވެ. އެގޮތުން އިންޖީނުގެ ތެޔޮ ބަދަލުކުރުމަށް ފަހު ގިނަފަހަރު ތެޔޮ އަޅަނީ ކަނޑަށް ކަމަށާއި އެކަން ހުއްޓުވުމަށް، ބަދަލުކުރާ ތެޔޮ އެޅުމަށް އެކި ރަށްތަކުގައި ފީފާތައް ބަހައްޓަން ނިންމާފައިވާ ކަމަށެވެ.

"ރާއްޖޭގައި ދުއްވާ [އުޅަނދުތަކުގެ] އިންޖީނުތަކުގެ ތެރެއިން 250 ހޯސްޕަވަރުގެ އިންޖީނަކުން ކަނޑަށް އެބަ އަޅާ 1.5 ލީޓަރުގެ ތެޔޮ. އެހެންކަމުން އެއްހާސް އިންޖީނުން އެބަ އަޅާ 100 ފީފާގެ ތެޔޮ. މިއީ އަދި ހަމަ އެކަނި 250 ހޯސްޕަވަރުގެ އިންޖީނުން އެކަނި އަޅާ މިންވަރު. މިހެން މިވަނީ އުޅަނދުތަކުގެ އިންޖީނުގެ ތެޔޮ ބަދަލު ކުރުމަށްފަހު އެ ތެޔޮ ކަނޑަށް އަޅާތީ. އަޅުގަނޑުމެން މިދަނީ އެލިއާއާ ގުޅިގެން 86 ރަށެއްގައި މި ތެޔޮ އަޅާނެ ފީފާތައް ބަހައްޓަން ތައްޔާރުވަމުން،" ޝާހިނާ ވިދާޅުވި އެވެ

އެކި އުޅަނދުފަހަރުން ކަނޑަށް އަޅާ އެއްޗެހީގެ ތެރޭގައި ގިނަ އަދަދަކަށް ޕްލާސްޓިކް ހިމެނޭކަން ފާހަގަކުރެވޭކަމަށް ޝާހިނާ ވިދާޅުވި އެވެ. އެގޮތުން ކޮންމެ ކަންނެލި ދޯންޏަކުން މަހަށް ދާއިރު 1.5 ލީޓަރުގެ 14 ކޭސް ފެން ހުސްކޮށް އެ ފުޅިތައް ކަނޑަށް އަޅާކަން ޝާހިނާ ވަނީ ފާހަގަކުރައްވައިފަ އެވެ. މިހެން އަޅާ ކުނި ކަނޑަށް އެޅުމުގެ ބަދަލުގައި ރަށަށް ގެންގޮސް ރަނގަޅުގޮތުގައި ނައްތާލަން އޭނާ ގޮވައިލެއްވި އެވެ.

"ދުވާލެއްގެ މައްޗަށް ކަންނެލި ދޯންޏަކުން އެބަ ގެންދޭ 1.5 ލީޓަރުގެ 14 ނުވަތަ 15 ކޭސް ފެންފުޅި މަހަށް ދާއިރު. މިހުރިހާ ފުޅިއެއް ވެސް މި އުކާލަނީ ކަނޑަށް. މި ދެކެވެނީ ހަމައެކަނި 1.5 ލީޓަރުގެ ފެންފުޅީގެ ވާހަކަ. އަދި ކޮބައިތޯ އެހެން ޕްލާސްޓިކް ފުޅިތައް؟ އެހެންވީމާ އަޅުގަޑުމެން މި ބުނަނީ އަޅުގަނޑުމެންނާ އެއްބައިވާށޭ މި އެއްޗެހި ކަނޑަށް އެޅުމުގެ ބަދަލުގައި ރަށަށް ގެނެސް ރަނގަޅުގޮތުގައި ނައްތާލުމުގައި،" ޝާހިނާ ވިދާޅުވި އެވެ.

މިހާރު ވެސް ޕާލޭ އިން އަންނަނީ ޕްލާސްޓިކް އެއްކުރުމަށް ރަށްރަށުގައި ޕޮއިންޓްތައް ގާއިމުކުރަމުންނެވެ. އެގޮތުން މިހާތަނަށް 86 ރަށެއްގައި މިފަދަ ޕޮއިންޓުތައް ޕާލޭ އިން ގާއިމުކޮށްފައިވެ އެވެ.

ކަނޑުތަކަށް އަޅާ ކުންޏާއި ތެލުގެ ސަބަބުން މަސްމަހާ މެއްސަށް އޭގެ ނޭދެވޭ އަސަރު ކުރެ އެވެ. އެގޮތުން ޕާލޭ މޯލްޑިވްސް އިން ހިންގި ދިރާސާއެއްގައި، މަސްވެރިން ބޭނި 10 މަހުގެ ތެރެއިން ހަތަރު މަހުގެ ބަނޑުން ވަނީ ގިނަ އަދަދެއްގެ ޕްލާސްޓިކް ފެނިފަ އެވެ. މި ޕްލާސްޓިކްގެ ސަބަބުން އިންސާނުންނަށް ވެސް ސިއްހީ ގޮތުން އަސަރު ކުރެ އެވެ.