16 ޖުލައި 2019 - 13:39

ރަތް ކަނޑުގައި ބޭއްވި މަސްވެރިކަމުގެ ބައިނަލްއަގުވާމީ ފުރަތަމަ މުބާރާތުގެ އޮބްޒާވަރުންގެ ގޮތުގައި ހަތަރު ދިވެއްސަކު ބައިވެރިވެއްޖެ އެވެ.

ސައުދީ އަރަބިއްޔާގެ ސްޕޯޓްސް ފިޝިން އެސޯސިއޭޝަނުން މިދިޔަ ހުކުރު ދުވަހުން އާދިއްތަ ދުވަހަށް ބޭއްވި އެ މުބާރާތުގެ އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވީ ގައުމީ ފުޓްބޯޅަ ޓީމްގެ ކުރީގެ މީޑްފީލްޑަރު ޝަމްވީލް ގާސިމް (ބޮންޑާ) އާއި އަލީ އަލްހާނާއި ޝުނާން މަންސޫރު އަދި އަބްދުﷲ އާނިފެވެ. އެ ހަތަރު މީހުންނަކީ ވެސް ސްޕޯޓްސް ފިޝިންގައި އުޅޭ މީހުންނެވެ.

ހަތަރު ދިވެހީންގެ އިތުރުން އޮބްޒާވަރުންގެ ގޮތުގައި ދެން މަސައްކަތްކުރީ ސައުތު އެފްރިކާ އާއި އިނގިރޭސި ވިލާތުގެ ދެ މީހުންނެވެ.
އެ މުބާރާތުގައި އެކި ގައުމުތަކުން 27 ޓީމެއް ބައިވެރިވި އެވެ.
ފުޓްބޯޅައިން ރިޓަޔާ ކުރުމަށް ފަހު މަސްވެރިކަމުގައި އުޅޭ ބޮންޑާ ބުނިގޮތުގައި ސްޕޯޓްސް ފިޝިންގައި ހަރަކާތްތެރިވާ ބައިނަލްއަގުވާމީ ފެންވަރުގެ ޓީމުތައް އޮބްޒާވުކުރަން ލިބުމަކީ ވަރަށް ބޮޑު އުފަލެކެވެ. އެ ފުރުސަތު ލިބުނީ އެ މުބާރާތުގައި ބައިވެރިވާން އުޅުމުގެ ތެރޭގައި ކަމަށް އޭނާ ބުންޏެވެ.
"މިއީ ދިވެހީން ތަކެއް ބޭރުގެ މަސް މުބާރާތެއްގެ އޮބްޒާވަރުކަން ކުރި ފުރަތަމަ ފަހަރު ވީމަ އެއީ ވަރަށް ބޮޑު އުފަލެއް،" ބޮންޑާ ބުންޏެވެ.
އޮބްޒާވަރުންގެ މަސައްކަތަކީ ޓީމުތަކުން މަސްބޭނުމުގައި އަމަލުކުރަނީ ގަވައިދާ އެއްގޮތަށްތޯ ބެލުމެވެ. އަދި އެ މުބާރާތުގައި 25 ވައްތަރެއްގެ މަސް ބޭނުމަށް ހުއްދަ ދީފައިވާއިރު ޓީމުތަކުން ބޭނީ އެ ވައްތަރުތަކުގެ މަސް ތޯ ބެލުމަކީވެސް އޮބްޒާވަރުންގެ ޒިންމާއެކެވެ. ފަނޑިޔާރުން މާކްސް ދެނީ އޮބްޒާވަރުން ދޭ މައުލޫމާތަށެވެ.