16 ޖުލައި 2019 - 13:41

ކަނޑުމަތީގައި ދިމާވާ ހާދިސާތައް މަދުކުރުމުގެ ގޮތުން މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) ގެ 10 މޮނިޓަރިން ސްޓޭޝަން ގާއިމުކުރަން ނިންމާފައިވާކަމަށް އެ ސެންޓަރުގެ އޮފިސަ އިންޗާޖު ކެޕްޓަން އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
"ބޯޓު އޮޕްރޭޓާސް ޓްރެއިނިން ޕްރޮގްރާމް" ފެށުމުގެ ރަސްމިއްޔާތުގައި އަހުމަދު ޝިޔާމް ވިދާޅުވީ ގިނަ އުޅަނދުފަހަރުތަކުގައި ސަލާމަތީ އާލާތްތައް ހުރި ނަމަވެސް އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ކުރަން އެނގޭ މީހުންގެ އަދަދު މަދު ކަމަށެވެ. އެގޮތުން ވީއެޗްއެފް ރޭޑިއޯތައް ވެސް ގިނަ އުޅަނދުފަހަރުގައި ހުންނަ ކަމަށާއި އެކަމަކު އޭގެ ބޭނުން ހިފަން ނޭނގޭކަން އެމްއާރުސީސީން ހިންގި ދިރާސާތަކުން ހާމަވެފައިވާކަމަށް އޭނާ ވިދާޅުވި އެވެ.
"ސަލާމަތީ ހާދިސާތަކުން ސަލާމަތްވާ ގިނަ އާލާތްތައް އެބަ ހުރޭ އުޅަނދުތަކުގެ ހަރުކޮށްފައި. ހާއްސަކޮށް މެރިން ވީއެޗްއެފް އެބަހުރޭ ހުރިހާ އުޅަނދެއްގައި ވެސް. އެކަމަކު މި ބޭނުންކުރަން ނޭނގެންޏާ ހާދިސާތައް ހިނގުމަކީ އެކަށީގެންވާ ކަމެއް. އޭގެން އެކި ބާވަތުގެ ޑިސްޓްރެސް ސިގްނަލް އެބަ ފޮނުވާ. މިސާލަކަށް އަލިފާނުގެ ހާދިސާތައް ނުވަތަ މީހަކު ކަނޑަށް ވެއްޓުމުން އެއީ ކޮންކަހަލަ ހާދިސާއެއްކަން މި ވީއެޗްއެފްގެ ޒަރީއާއިން އެބަ އަންގައިދެވޭ،" ޝިޔާމް ވިދާޅުވި އެވެ.
ކަނޑުމަތީގައި ދިމާވާ މިހާދިސާތަކުން ސަލާމަތްވުމަށް ވީއެޗްއެފްގެ ޒަރީއާ އިން ފޮނުވާ މެސެޖްތައް ރިސީވް ކުރުމަށް މިއަހަރު ތެރޭގައި ރާއްޖޭގެ 10 ސަރަހައްދެއްގައި މޮނިޓަރިން ސްޓޭޝަން ގާއިމުކުރެވޭނެ ކަމަށް އަހުމަދު ޝިޔާމް ވިދާޅުވި އެވެ. މި ސްޓޭޝަންތަކުން އެކި އުޅަނދުތަކުގެ ޑިސްޓްރެސް ސިގްނަލް ލިބުމާއެކު ވަގުތުން އެހީތެރިކަން ފޮރުކޮށްދެވޭނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
"އަޅުގަނޑު އުފަލާއެކު ފާހަގަކޮށްލަން މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ 10 ސަރަހައްދެއްގައި އަޅުގަނޑުމެންގެ މޮނިޓަރިން ސްޓޭޝަންތައް ގާއިމުކުރެވި މި ޕާސްކުރާ ޑިސްޓްރެސް ސިގްނަލްތައް ކަލެކްޓިވްކޮށް އެމްއާރުސީސީއަށް ލިބޭގޮތް ހަމަޖެހިގެންދާނެ،" އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ކަނޑުމަތީގައި ދިމާވާ ހާދިސާތަކުން ސަލާމަތް ވުމަށް ފޮނުވާ ޑިސްޓްރެސް ސިގްނަލް އެ ސަރަހައްދުގައި ދަތުރުކުރާ އެހެން އުޅަނދުތަކަށް މިހާރު ވެސް ލިބޭނެ އެވެ. މިދިޔަ އަހަރު ތެރޭގައި، ކަނޑުމަތީގެ 394 ހާދިސާއެއް ވަނީ ރާއްޖޭގައި ހިނގާފަ އެވެ.