18 ޖުލައި 2019 - 07:09

ބެލުންތެރިންގެ ބޮޑު ތަރުހީބެއް ހޯދައި، އޮސްކާ ފަދަ ވަރުގަދަ އެވޯޑްތައް ވެސް ހޯދި ރޮމޭންޓިކް މިއުޒިކަލް ކޮމެޑީ "ލާ ލާ ލޭންޑް" ގެނެސްދިން ޑައިރެކްޓަރު ޑެމިއެން ޝެޒާލް އަނެއްކާ ވެސް ވަރުގަދަ ފިލްމެއް އުފެއްދުމުގެ ތައްޔާރީތައް ވާން ފަށައިފި އެވެ.

ޑެޑްލައިނުން ބުނި ގޮތުގައި އޭނާ މި ފަހަރު ހަދަން ނިންމާފައި ވަނީ 1920 ގެ އަހަރުތަކުގައި ހޮލީވުޑްގައި ހިނގާފައިވާ ހަގީގީ ހާދިސާތަކެއްގެ ތެރެއަށް ހިޔާލީ ކަންތައްތަކެއް ވެސް ވައްދައިގެން ގެނެސްދޭ "ބެބިލޯން" އެވެ. މި ފިލްމު ޕްރޮޑިއުސްކުރާނީ ޕެރަމައުންޓް ޕިކްޗާޒް އާއި ލަޔަންސްގޭޓުންނެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި "ބެބިލޯން" އިން އޭ-ލިސްޓް ގިނަ ތަރިންތަކެއް ފެނިގެން ދާނެ ކަމަށް ބެލެވޭ އިރު، ފިލްމުގެ ބަތަލާގެ ރޯލް މިހާރު ވަނީ "ލާ ލާ ލޭންޑް" އިން އެންމެ މޮޅު ބަތަލާގެ އޮސްކާ އެވޯޑް ވެސް ހޯދި އެމާ ސްޓޯން އަށް ހުށަހަޅައިފަ އެވެ. އޭނާ އެންމެ ފަހުން ފެނިފައި ވަނީ މި އަހަރު ބޭއްވި އޮސްކާގައި އެންމެ މޮޅު ބަތަލާގެ ނޮމިނޭޝަން ލިބުނު ފިލްމު "ދަ ފެވަރިޓް" އިންނެވެ.
"ބެބިލޯން" ގެ ތައްޔާރީތައް ޑެމިއެން ވަމުން ދިޔަ ނަމަވެސް ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ނުލިބެ އެވެ. އެހެންވެ މީގެ ޝޫޓިން ފަށާނެ އިރަކާއި ފިލްމު ބެލުންތެރިންނާ ހަމައަށް އަންނާނެ އިރެއް ވެސް އަދި ނޭނގެ އެވެ.
ޑެމިއެން މި ވަގުތު އަންނަނީ ނެޓްފްލިކްސް ގެނެސް ދޭން ނިންމާފައިވާ ސީރީޒް "ދި އެޑީ" ގެ މަސައްކަތް ކުރަމުންނެވެ. އަދި އޭނާ ވަނީ މާޗް މަހު އެޕަލް އިން އެޕަލް ޓީވީގެ ނަމުގައި ތައާރަފު ކުރި ސްޓްރީމިން ސާވިސް އަށް ވެސް ސީރީޒެއް ހަދައި ދޭން ސޮއިކޮށްފަ އެވެ.
ޑެމިއެން، 34، އެންމެ ފަހުން ބެލުންތެރިންނަށް ގެނެސް ދިން ފިލްމަކީ މިދިޔަ އަހަރު ރިލީޒް ކުރި އަދި އެންމެ ފުރަތަމަ ހަނދަށް ދިޔަ ނީލް އާމްސްޓްރޯންގެ ވާހަކަ ކިޔައި ދިން "ފަސްޓް މޭން" އެވެ. އެ ފިލްމުގެ ޓައިޓްލް ރޯލް ކުޅުނީ "ލާ ލާ ލޭންޑް" ގެ ބަތަލު ރަތަން ގޮޒްލިން އެވެ.
"ފަސްޓް މޭން" އަކީ މި އަހަރު ބޭއްވި 91 ވަނަ އޮސްކާ އެވޯޑްގައި ހަތަރު ކެޓަގަރީއަކުން ނޮމިނޭޓްވެ، އެންމެ މޮޅު ވިޝުއެލް އިފެކްޓްސްގެ އެވޯޑް ހޯދި ފިލްމެކެވެ.