11 ސެޕްޓެމްބަރ 2016 - 08:19

ބާސެލޯނާ (ސެޕްޓެމްބަރު 11) - ސްޕެނިޝް ލީގުގައި ރޭ 5-2 އިން އޮސަސޫނާ ބަލިކޮށް ރެއާލް މެޑްރިޑް ލީގުގެ އެއް ވަނައަށް ޖެހިލިއިރު، ލީގަށް މިފަހަރު ޕްރޮމޯޓްވި އަލަވޭސް އަތުން އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ 2-1 އިން ބަލިވެއްޖެ އެވެ.

ރެއާލް އެއް ވަނައިގައި އޮތީ ތިން މެޗުން ހޯދި ނުވަ ޕޮއިންޓާ އެކު އެވެ. ރޭގެ ބައްޔާ އެކު ބާސެލޯނާ ވަނީ ލީގުގެ ހަތަރު ވަނަ އަށް ވެއްޓިފަ އެވެ. ބާސެލޯނާ އަށް ތިން މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ.
ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކަކުލަށް ލިބުނު އަނިޔާއިން ރަނގަޅުވެ، ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅުނު ފުރަތަމަ މެޗުގައި ރޭ ރެއާލަށް ލީޑު ނަގައިދިނީ އޭނާ އެވެ. ރެއާލްގެ އަނެއް ހަތަރު ލަނޑު ކާމިޔާބުކުރީ ޑަނިލޯ، ސާޖިއޯ ރާމޮސް، ޕެޕޭ އަދި ލޫކަ މޮޑްރިޗް އެވެ.
އޮސަސޫނާގެ ދެ ލަނޑު ޖެހީ އޮރިއޯލް ރިއޭރާ އާއި ޑޭވިޑް ގާސިއާ އެވެ.
ރޭގެ މެޗަށް ބާސެލޯނާ އިން ނުކުތީ އަނިޔާގެ ސަބަބުން ލިއޮނަލް މެސީ އާއި ޓީމުގެ ފޯވާޑް ލުއިސް ސުއަރޭޒް ފުރަތަމަ އެގާރައިގައި ނުހިމަނަ އެވެ. އެހެން ނަމަވެސް ފަހުން އެ ދެ ކުޅުންތެރިން ކުޅެން އެރުވި އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން އަލަވޭސް އަށް ލީޑު ނަގައިދިނީ މެޗުގެ 39 ވަނަ މިނިޓްގައި ބްރެޒިލްގެ ފޯވާޑް ޑޭވަސަން އެވެ.
ދެ ވަނަ ހާފް ފެށިގެން ދެ ވަނަ މިނިޓްގައި ނޭމާ ނަގައިިދިން ކޯނަރަކުން ބާސެލޯނާ އަށް އެއްވަރުކޮށްދިނީ ޖެރެމީ މެތިއު އެވެ. އަލަވޭސް އަށް ދެ ވަނަ ފަހަރަށް ލީޑު ނަގައިދިނީ 64 ވަނަ މިނިޓްގައި ގޯމޭޒް ޕެރޭޒް އެވެ.
އަލަވޭސް އިން ދެ ވަނަ ލަނޑު ޖެހުމުން ބާސެލޯނާ އިން ވަނީ ސުއަރޭޒް ކުޅެން އަރުވައިފަ އެވެ. އެހެން ނަމަވެސް ބާސެލޯނާ އަށް އިތުރު ލަނޑެއް ޖެހޭ ގޮތެއްނުވި އެވެ. މިއީ 15 އަހަރަށް ފަހު އަލަވޭސް އަތުން ބާސެލޯނާ އަމިއްލަ ދަނޑުގައި ބަލިވި ފުރަތަމަ ފަހަރެވެ.
ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު ސެލްޓަ ވިގޯ އަތުން އެތުލެޓިކޯ މެޑްރިޑް ވަނީ 4-0 އިން މޮޅުވެފަ އެވެ. އަދި ސެވިއްޔާ ވަނީ 2-1 އިން ލަސް ޕަލްމާސް ބަލިކޮށްފަ އެވެ.