އެލްވިސް ޕްރެސްލީގެ ރޯލަށް އޮސްޓިން ބަޓްލާ
އެލްވިސް ޕްރެސްލީގެ ރޯލަށް އޮސްޓިން ބަޓްލާ

ކުރީގެ މަޝްހޫރު މިއުޒިކް ލެޖެންޑް އެލްވިސް ޕްރެސްލީގެ ހަޔާތުގެ މައްޗަށް ބިނާކޮށް ވޯނާ ބްރަދާޒުން ހަދަން ނިންމާފައިވާ ފިލްމުގައި އޭނާގެ ރޯލް ކުޅޭނެ އެކްޓަރަކު ހޯދަން ބޭއްވި އޮޑިޝަނާއި ސްކްރީން ޓެސްޓްތަކަށް ފަހު، އެކްޓަރަކު ފައިނަލްކޮށްފި އެވެ.

އެލްވިސް ޕްރެސްލީގެ ރޯލަށް އޮސްޓިން ބަޓްލާ
އެލްވިސް ޕްރެސްލީގެ ރޯލަށް އޮސްޓިން ބަޓްލާ

ވެރައިޓީން ބުނި ގޮތުގައި އެލްވިސްގެ ރޯލް ކުޅަން ނަގާފައި ވަނީ މީގެ ކުރިން ސިލްސިލާތަކުގައި ވެސް މަސައްކަތްކޮށްފައިވާ ޒުވާން އެކްޓަރު އޮސްޓިން ބަޓްލާ އެވެ. މި މަހުގެ 26 ގައި ރިލީޒް ކުރާ ޑައިރެކްޓަރު ކްއެންޓެން ޓެރެންޓީނޯ، ލިއޮނާޑޯ ޑި ކެޕްރިއޯ އާއި ބްރެޑް ޕިޓާ އެކު ގެނެސްދޭ "ވަންސް އަޕޮން އަ ޓައިމް އިން ހޮލީވުޑް" ގެ ރޯލަކުން ވެސް 27 އަހަރުގެ އެކްޓަރު ފެންނާނެ އެވެ.

ރަސްމީކޮށް އަދި ނަން އިއުލާން ނުކުރާ އެލްވިސްގެ ބައޮގްރަފިކަލް ޑްރާމާ ޑައިރެކްޓްކުރާ ބަޒް ލާމަން ބުނި ގޮތުގައި އޮސްޓިން އަކީ އެލްވިސްގެ ރޯލަށް އެންމެ ފިޓްވާ އެކްޓަރެވެ.

"ސްކްރީނުގައި އެލްވިސްގެ ވާހަކަ ކިޔައިދޭ އިރު، ސީދާ އެ ފެންނަނީ އޭނާކަން ބެލުންތެރިންނަށް އިހުސާސްކޮށްދޭ ވަރުގެ އެކްޓަރަކު ހޯދުން އަހަރެންގެ އެންމެ ބޮޑު އެއް މަސައްކަތަކަށްވީ. އެކަން ކާމިޔާބުވެއްޖެ،" ރޯމިއޯ އެންޑް ޖޫލިއެޓާއި މޫލިން ރޫޖް އަދި އޮސްޓްރޭލިއާ ފަދަ ފިލްމުތައް ގެނެސް ދިން ޑައިރެކްޓަރު ބުންޏެވެ. "އެލްވިސްގެ ރޯލަށް އޮސްޓިން ވަރަށް ވެސް ފިޓް. އަހަރެން މިހާރު މިހުރީ ވަރަށް ހިތްހަމަޖެހިފައި."

އޭނާ ބުނި ގޮތުގައި ފިލްމަށް އެކްޓަރަކު ހޯދަން ކުރި މަސައްކަތުގެ ތެރޭގައި ވަރަށް ހުނަރުވެރި އެތަކެއް އެކްޓަރުންނާ ދިމާވި އެވެ. އަދި އޭގެ ތެރެއިން ވެސް ފުރާނާލައިގެން އޮސްޓިން ފިލްމަށް ނެގީ އޭނާގެ ލުކްގެ އިތުރުން އެކްޓިން ހުނަރަށް ބަލާފައި ކަމަށް ބުންޏެވެ.

ބަޒް ބުނީ އެލްވިސްގެ ފިލްމު ވަރަށް ވެސް ފުރިހަމަ ފިލްމެއްގެ ގޮތުގައި ބެލުންތެރިންނަށް ގެނެސް ދޭނެ ކަމަށެވެ. މީގެ ސްކްރީންޕްލޭ ލިޔެފައި ވަނީ އޭނާ އާއި ކްރެއިގް ޕިއާޒެވެ.

އެލްވިސްގެ ބައޮޕިކްގެ ޝޫޓިން ފަށަން ހަމަޖެހިފައި ވަނީ އަންނަ އަހަރު އެވެ. ސަބަބަކީ އެ ފިލްމުގައި އެލްވިސްގެ މެނޭޖަރު ކާނަލް ޓޮމް ޕާކާގެ ރޯލް ކުޅެން ސޮއިކޮށްފައިވާ އެކްޓަރު ޓޮމް ހޭންކްސް އަށް ފިލްމަށް ވަގުތު ހުސްކުރެވެން އޮތީ އަންނަ އަހަރު ކަމަށްވާތީ އެވެ.

"ކިންގް އޮފް ރޮކް އެންޑް ރޯލް" ގެ ގޮތުގައި މަޝްހޫރުވި އަދި އެ ނަމަކަށް ފަނޑުވުމެއް ނާންނަ އެލްވިސް މަރުވީ އުމުރުން 42 އަހަރުގައި 1977 ގަ އެވެ.

އޭނާގެ ވާހަކަ ކިޔައިދޭ ފިލްމުގެ ހަޔާތުގެ މުހިއްމު ސޮފުހާތަކުގެ ހަނދާންތައް ތާޒާކޮށް ދޭނެ އެވެ.