16 ޖުލައި 2019 - 09:08

މެންޗެސްޓާ (ޖުލައި 16) – ލާޒިއޯގެ ސާބިއާ މިޑްފީލްޑަރު ސާގެއީ މިލިކޮންވިޗް-ސަވިޗް އަށް މެންޗެސްޓާ ޔުނައިޓެޑުން 80 މިލިއަން ޔޫރޯ އޮފާކޮށްފައިވާ ކަމަށާއި އެކަމަކު ލާޒިއޯ އިން ބޭނުންވަނީ މަދުވެގެން 100 މިލިއަން ޔޫރޯ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އިޓާލިއަން ލީގުގެ އެންމެ މޮޅު އެއް މިޑްފީލްޑަރު ގަތުމަށް މިދިޔަ ސީޒަނުގައި ވެސް ބޮޑެތި ބައެއް ކްލަބްތަކުން މަސައްކަތްކުރި އެވެ. އެކަމަކު ލާޒިއޯ އިން އޭރު ކީ 120 މިލިއަން ޔޫރޯގެ އަގަށް އެއްވެސް ކްލަބަކުން އެއްބަސްނުވީ އެވެ. މިދިޔަ ސީޒަނުގައި އޭނާގެ ފޯމް ދަށްވުމާ ގުޅިގެން ލާޒިއޯ އިން ވަނީ މި ފަހަރު 20 މިލިއަން ޔޫރޯގެ ޑިސްކައުންޓެއް ދީފަ އެވެ.
މިލިންކޮވިޗް ހޯދުމަށް ފްރާންސްގެ ޕީއެސްޖީ އާއި އިޓަލީގެ އިންޓަ މިލާން އަދި ޔުވެންޓަސް އިން ވެސް ޝައުގުވެރިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ލާޒިއޯގެ ރައީސް ކްލައުޑިއޯ ލޮޓިޓޯ މިދިޔަ އަހަރު ވިދާޅުވީ މެންޗެސްޓާ ޔުނައިޓެޑުގެ ޕައުލް ޕޮގްބާ އަށމިލިންކޮވިޗް އަގުބޮވާނެ ކަމަށެވެ. މިލިންކޮވިޗަކީ އެޓޭކިން ހަރަކާތްތަކުގައި ބައިވެރިވެ ލަނޑު ޖަހާ އަދި އިސްކޮޅާއި ހަށިގަނޑުގެ ބޭނުންކޮށްގެން ޑިފެންސުގައި ވެސް ބައިވެރިވާ ކުޅުންތެރިއެކެވެ. އޭނާ އަކީ މިޑްފީލްޑަރެއްގެ ހުރިހާ ސިފަތަކެއް ލިބިފައިވާ ޒަމާނީ ފުރިހަމަ މިޑްފީލްޑަރެއް ކަމަށް ތަކުރިބާކާރުން ދެކެ އެވެ.
މެންޗެސްޓާ ޔުނައިޓެޑުން ދެން އެންމެ ބޭނުންވާ އެއް ކުޅުންތެރިޔާ ކަމަށް ބެލެވޭ ރެއާލް މެޑްރިޑުގެ ގެރެތު ބޭލް ގުޅުމުގެ ފުރުސަތު ބޮޑީ އޭނާގެ ކުރީގެ ކްލަބް ޓޮޓެންހަމް ހޮޓްސްޕާސްއާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ރެއާލް މެޑްރިޑުން 2013 ވަނަ އަހަރު 91 މިލިއަން ޔޫރޯ އަށް ގަތް ބޭލް އަށް މިދިޔަ ދެ ސީޒަނަކީ އެންމެ ކާމިޔާބު ދެ އަހަރެއް ނޫނެވެ. އަނިޔާގެ ސަބަބުން ގިނަ މެޗުތަކެއް ގެއްލުނުއިރު، މުހިއްމު ގިނަ މެޗުތަކެއްގައި ފުރަތަމަ އެގާރައިން ވެސް ފުރުސަތެއް ނުލިބެ އެވެ.
ސްޕެއިނުގެ ނޫސްތަކުން ބުނާ ގޮތުގައި ޓޮޓެންހަމް އޮތީ 50-60 މިލިއަން ޔޫރޯއާ ދެމެދުގެ އަގެއްގައި އޭނާ އަލުން ގަންނަން ތައްޔާރުގަ އެވެ. އެކަމަކު މައްސަލައަކީ އޭނާ އަށް އަހަރަކު ލިބޭ 17 މިލިއަން ޔޫރޯގެ މުސާރަ އެވެ. އެހެންވެ ޓޮޓެންހަމަށް ޖެހޭނީ މުސާރައާ މެދު ބޭލްއާ އެކު އެއްބަސްވުމަކަށް އަންނާށެވެ.
ކޮންޓްރެކްޓުގައި ބާކީ ތިން އަހަރު އޮތުމާއި އަދި ބޮޑު މުސާރައެއް ވެސް ލިބޭތީ ކްލަބް ބަދަލުކުރުމުގެ މާބޮޑު ބޭނުމެއް ބޭލް އަށް ނެތެވެ. އެކަމަކު މެޑްރިޑުގެ ކޯޗު ޒައިނުއްދީން ޒިދާންގެ ޕްލޭނުގައި ބޭލް ނުހިމެނޭއިރު، ކްލަބުގެ ސަޕޯޓަރުންނާ ވެސް އޭނާއާ ވަނީ މައްސަލަ ޖެހިފަ އެވެ. އެހެންވެ މެޑްރިޑުން އަންނަނީ އޭނާ ދޫކޮށްލަން މަސައްކަތްކުރަމުންނެވެ.