16 ޖުލައި 2019 - 10:03

ރާއްޖެ އިޝްތިހާރު ކުރުމަށް، ކުރިއަށް އޮތް ހަ މަސް ދުވަހު 21 ހަރަކާތެއް ހިންގަން ހަމަޖައްސާފައިވާ ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) އިން ބުނެފި އެވެ.
މި ހަރަކާތްތަކުގެ ތެރޭގައި ދުނިޔޭގެ އެކި ހިސާބުތަކުގައި ރޯޑްޝޯތައް ބޭއްވުމާއި ޓްރެވެލް ފެއާތައް ބޭއްވުން ހިމެނެ އެވެ. އޭގެ ތެރޭގައި ސައުތު ކޮރެއާ އާއި ސްވިޓްޒްލެންޑާއި ޖަރުމަނާއި އޮސްޓްރޭލިއާ އާއި ފްރާންސާއި އިޓަލީ އާއި އާސިއާންގެ ގައުމުތަކަށް ހާއްސަކޮށް ތައިިިލެންޑްގައި ބާއްވާ ރޯޑްޝޯ ހިމެނެ އެވެ.
މީގެ އިތުރުން ރަޝިއާ އާއި ޖަޕާނާއި ޗައިނާއާއި އިނގިރޭސިވިލާތް އަދި އެމެރިކާގައި ވެސް ރޯޑްޝޯއެއް ބޭއްވުމަށް ވަނީ ނިންމައިފަ އެވެ.
މިއަހަރުގެ މިހާތަނަށް ވިއްސަކަށް ހަރަކާތް ރާއްޖެ އިޝްތިހާރު ކުރުމަށް އެމްއެމްޕީއާރްސީން ވަނީ ހިންގައިފަ އެވެ. އޭގެ ތެރޭގައި ޓްރެވެލް ފެއާތަކާއި ރޯޑްޝޯތަކާއި ފޭމް ޓްރިޕްތައް ހިމެނެ އެވެ.
މިއަހަރު ކުރި އަށް ހުރު ހަރަކާތްތަކުގެ ތެރެއިން އެންމެ ބޮޑު އެއް ހަރަކާތަކީ ވޯލްޑް ޓްރެވެލް މާކެޓް (ޑަވްލިއުޓީއެމް) އެވެ. މިދިޔަ އަހަރުތަކުގައި ވެސް ރާއްޖެ އިން އެންމެ ބޮޑު އިސްކަމެއްދީގެން ބައިވެރިވާ މި ފެއާ އަކީ އިނގިރޭސިވިލާތުގެ ލަންޑަންގައި ބާއްވާ ޓޫރިޒަމް ދާއިރާގެ އެންމެ ބޮޑު ފެއާ އެވެ. މިދިޔަ އަހަރު ވެސް މި ފެއާގައި ތިން ބިލިއަނަށް ވުރެ ގިނަ ވިޔަފާރި ބައްދަލުވުން ބާއްވާފައިވެ އެވެ.
ރާއްޖެ އިޝްތިހާރު ކުރުމަށް މިހާތަނަށް ގާތްގަނޑަކަށް 40 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. ރާއްޖެ އިޝްތިހާރު ކުރުމަށް މި އަހަރަށް 157 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.