15 ޖުލައި 2019 - 23:25

ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަދަދު ކުރިއެކޭ އެއްގޮތަށް ހަތަކަށް އިތުރުކުރަން ސަރުކާރުގެ ފަރާތުން ކޯޓުތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހު ރަނގަޅު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ކޯޓުތަކުގެ ގާނޫނަށް ހުށަހެޅުއްވި އިސްލާހުގައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދަކީ އުއްތަމަ ފަނޑިޔާރު ހިމެނޭ ގޮތުން ހަތް ފަނޑިޔާރުންނަށް އިތުރު ކުރުމަށެވެ.
އެ އިސްލާހު ރަނގަޅު ކަމަށް ޖުޑިޝަރީ ކޮމިޓީން މިއަދު ނިންމީ އެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.
ސުޕްރީމް ކޯޓުގެ ބެންޗް ހަތަކަށް ބަދަލުކުރަން އިސްލާހު ހުށަހެޅި ސަބަބެއް ކަމަށް ބިލުގައި ވަނީ ބުނެފައި ވަނީ ދާއިމީ ސުޕްރީމް ކޯޓުގައި ހަތް ފަނޑިޔާރުން ތިއްބަވަނިކޮށް 2014 ވަނަ އަހަރު ސިޔާސީ މަގްސަދެއްގައި ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނެސް، ދެ ފަނޑިޔާރު ވަކި ކޮށްފައިވާތީ ކުރިން އޮތްގޮތަށް ބަދަލު ކުރުމެވެ.
ރާއްޖޭގައި ސުޕްރީމް ކޯޓު ފުރަތަމަ އުފެއްދި އިރު އެ ކޯޓުގެ ފަނޑިޔާރުންގެ އަދަދަކީ ފަހެކެވެ. އެހެން ނަމަވެސް 2010 ވަނަ އަހަރު އެކޯޓްގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރުކުރި އެވެ. އޭގެ ފަހުން 2014 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުށަހަޅައިގެން ފަނޑިޔާރުންގެ އަދަދު ފަހަކަށް ބަދަލުކުރީ އެވެ. އޭރު އެގޮތަށް ބަދަލު ކުރީ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ފާއިޒްގެ މަގާމު ގެއްލުވައިލަން ކަމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު އިތުރުކުރުމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ދާއިރު އެ ކޯޓްގެ ފަނޑިޔާރުންނާ ގުޅޭ މައްސަލަތަކެއް ޖުޑިޝަލް ސާވިސް ކޮމިޝަނުން އަންނަނީ ބަލަމުންނެވެ.