ގާޒީ މަހާޒަށް އެޅި ފިޔަވަޅު މުރާޖައާކުރަން ޖޭއެސްސީން ނިންމައިފި
ގާޒީ މަހާޒަށް އެޅި ފިޔަވަޅު މުރާޖައާކުރަން ޖޭއެސްސީން ނިންމައިފި

ޑްރަގް ކޯޓްގެ ގާޒީ މަހާޒު އަލީ ޒާހިރުގެ ސުލޫކީ މައްސަލައެއް ސާބިތުވި ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ކުރިން އަޅާފައިވާ ފިޔަވަޅު މުރާޖައާ ކުރަން އެ ކޮމިޝަނުން މިއަދު ނިންމައިފި އެވެ.

ގާޒީ މަހާޒުގެ ސުލޫކީ މައްސަަލައެއް ސާބިތުވާ ކަމަށް ނިންމައި ޖޭއެސްސީން އޭނާ އަށް އިންޒާރު ދިނީ ޕްރޮސެކިއުޓާ ޖެނެރަލެއް އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ ނައިބެއް ވެސް ނެތި ޖިނާއީ ދައުވާތައް ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށް ވިދާޅުވެ، އަމިއްލަ ބްލޮގްގައި ލިއުއްވި ލިއުއްވުމަކާ ގުޅިގެން 2014 ވަނަ އަހަރު އެވެ.

ޖޭއެސްސީން މިއަދު ބުނީ ގާޒީ މަހާޒުގެ ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ނިންމާފައިވާ ނިންމުން މުރާޖައާ ކޮށްދޭން އެދި ހުށަހަޅާފައިވާ މައްސަލަ ބަލައިގަނެ އެ ނިންމުން މުރާޖައާ ކުރަން ކޮމިޝަނުން މިއަދު ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށެވެ. އެ މައްސަލަ ބަލައިގަނެ ކޮމިޓީއެއް އެކުލަވައިލީ މިއަދު ބޭއްވި ޖޭއެސްސީގެ 45 ވަނަ ބައްދަލުވުމުގަ އެވެ. ގާޒީ މަހާޒްގެ މައްސަލަ މުރާޖައާ ކުރަން އެކުލަވައިލި ކޮމިޓީގައި ހިމެނި ވަޑައިގަންނަވަނީ:

- ޖޭއެސްސީގެ ނައިބު ރައީސް މަސްތޫރު ހުސްނީ

- ކޮމިޝަންގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

- ކޮމިޝަނުގެ މެމްބަރު މެމްބަރު ޑރ. އަލީ ޝަމީމް

- ކޮމިޝަންގެ މެމްބަރު އަދި އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު

ފަނޑިޔާރުންނާ ބެހޭ ގޮތުން ޖޭއެސްސީ އަށް ހުށަހަޅާފައިވާ ދެ މައްސަލައެއް ބަލާނެ ތަނެއް ނެތް ކަމަށް ވެސް ކޮމިޝަނުގެ މިއަދުގެ ބައްދަލުވުމުން ނިންމި އެވެ.