ކިނބިދުއަށް އުދަ އަރައި، ބޮޑު ސަރަހައްދެއްގައި ފެން ބޮޑުވެއްޖެ
ކިނބިދުއަށް އުދަ އަރައި، ބޮޑު ސަރަހައްދެއްގައި ފެން ބޮޑުވެއްޖެ

ތ. ކިނބިދު އަށް މިއަދު އުދަ އަރައިި އެ ރަށުގެ ބޮޑު ބައެއްގައި ފެން ބޮޑުވެއްޖެ އެވެ.

ކިނބިދޫ ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ ނާޒިމް "މިހާރު" އަށް ވިދާޅުވީ މިއަދު ހެނދުނު 10 ޖަހާ އެހާކަށް ހާއިރުން ފެށިގެން އެކި ފަހަރު މަތިން ކިނބިދު އަށް އުދަ އެރި ކަމަށާއި އުދައިގެ އަސަރު ރަށުގެ ގާތްގަނޑަކަށް މެދާ ހަމައަށް ކުރި ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އުދަ އަރައި ރަށު ތެރޭގައި ހެދުނު ފެންގަނޑު ސާޅީހަކަށް ގޯއްޗަށް ފެތުރު ކަމަށާއި އެހެން ނަމަވެސް ގެއެއްގެ ތެރެއަށް ފެން ވަން ކަމުގެ މައުލޫމާތު ނުލިބޭ ކަމަށެވެ.

"ގޭގެ އަށް ފެން ވަނަ ނުދިނުމަށް އަޅުގަނޑުމެން ތިބީ ފިޔަވަޅު އަޅައިގެން. މި ރަށުގެ ތިބޭ ފުލުހުންނާއި ރައްޔިތުން ނުކުމެ، ވެލި ބަސްތާ ޖަހީ. އެހެންވެ ގޭގެ އަށް ފެން ވަނަ ނުދީ ހުއްޓުވުނު،" އޭނާ ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވި ގޮތުގައި ހުޅަނގު މޫސުމުގައި ކިނބިދުއަށް އުދަ އެރުމަކީ އާއްމު ކަމެކެވެ. އެހެން ނަމަވެސް މިއަދު އުދައެރީ އާދަޔާ ހިލާފަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއަދު އުދަ އެރީ އާދަޔާ ހިލާފަށް ބޮޑުކޮށް، ފަހުގެ ތާރީހެއްގައި މިހާ ބޮޑުކޮށް އަދި އުދައެއް ނާރާ،" އޭނާ ވިދާޅުވި އެވެ.