15 ޖުލައި 2019 - 14:59

ވަކި ކުންފުންޏަކަށް ފައިދާވާ ގޮތަށް ސީޕްލޭން އާ ޓާމިނަލް ކުއްޔަށް ނުދޭނެ ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އައިޝަތު ނަހުލާ މިއަދު ވިދާޅުވެއްޖެ އެވެ.
އެ މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "މިހާރު"ން ކުރި ސުވާލަކާ ގުޅިގެން ނަހުލާ ވިދާޅުވީ ރާއްޖޭގައި އާ އެއާލައިންތަކެއް އުފެދި މިހާރު ވާދަވެރިކަން ބޮޑުވެފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އުދުހުންތަކުގެ ވާދަވެރިކަން ބޮޑުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަހުލާ ވިދާޅުވި ގޮތުގައި ވަކި މީހަކަށް ނުވަތަ ބަޔަކަށް ފަސޭހަކޮށްދިނުމަށް މި ސަރުކާރުން އެއްވެސް ކަމެއް ނުކުރާނެ އެވެ.
އެމްއޭސީއެލް އިން 40 މިލިއަން ޑޮލަރު (616 މިލިއަން ރުފިޔާ) ހޭދަކޮށްގެން ތަރައްގީ ކުރަމުން އަންނަ އާ ޓާމިނަލް، ރާއްޖޭގައި އޮޕަރޭޓްކުރާ ދުނިޔޭގެ ވެސް އެންމެ ބޮޑު ސީޕްލޭން ކުންފުނި، ޓްރާންސް މޯލްޑިވިއަން އެއާވޭޒް (ޓީއެމްއޭ) އާ ހަވާލުކުރަން އުޅޭ އަޑުތަކެއް މި ދޭތެރެއިން ފެތުރުނެވެ. ނަމަވެސް އެމްއޭސީއެލުން އެކަން އަދި ދޮގުކޮށްފައެއް ނުވެ އެވެ.
"ޓީއެމްއޭ ވިއަސް، ޓާމިނަލެއް ވިއަސް އަދި އެހެން ތަނެއް ވިއަސް ހުރިހާ ރައްޔިތުންނަށް އެކަމުގެ ފައިދާކުރަނިވި ގޮތަކަށް މި ސަރުކާރުން ނިންމާނީ. ވަކި މީހަކަށް، ވަކި ފަރުދަކަށް ފައިދާ ވަނިވި ގޮތަކަށް މި ސަރުކާރުން ކަންތައް ނިންމާނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ވިލާ އެއާގެ ބާނީ ގާސިމް އިބްރާހިމްގެ އަނބިކަނބަލުން، ނަހުލާ ވިދާޅުވި އެވެ.
އާ ސީޕްލޭން ޓާމިނަލް ޓީއެމްއޭއާ ހަވާލުކުރަން އުޅޭ ވާހަކަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ދޮގުކުރައްވައިފަ އެވެ. އެމަނިކުފާނު މި ފަހުން ވިދާޅުވީ "ވަކި ބަޔަކަށް ޓާމިނަލް ދޭން ނިންމާފައި ނުވާނެ" ކަމަށެވެ.
ސީޕްލޭން ޓާމިނަލް މިހާރު ހިންގަމުން އަންނަނީ ސީޕްލޭން ދުއްވާ ކުންފުނިތަކަށް ބިން ކުއްޔަށް ދީގެން، އެ ފަރާތްތަކުން އަމިއްލައަށެވެ. އެގޮތުން އެމްއޭސީއެލުން އަކަމީޓަރަކަށް ޗާޖުކުރަނީ ނުވަ ޑޮލަރު (138ރ) އެވެ. އެ ޓާމިނަލްތައް ހަދާފައި ވަނީ ވެސް ކުންފުނިތަކުން އަމިއްލައަށެވެ.
ރާއްޖޭގެ އެންމެ ބޮޑު އެއާޕޯޓްގެ ތަރަައްގީ އަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފެށި މަޝްރޫއުތަކުގެ ތެރެއިން ސީޕްލޭންގެ އާ ޓާމިނަލް ހަދަނީ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އިންނެވެ. ކޮންކްރީޓްގެ މަސައްކަތް ނިންމައި މިހާރު ކުރަމުން އަންނަނީ އެތެރޭގެ މަސައްކަތްތަކެވެ.
ރާއްޖޭގައި ސީޕްލޭން އިންޑަސްޓްރީ އަންނަނީ ފުޅާވަމުންނެވެ. ޓީއެމްއޭގެ އިތުރުން ގައުމީ އެއާލައިން މޯލްޑިވިއަނުން ވެސް ސީޕްލޭން ދުއްވަ އެވެ. އަދި ފްލައިމީ އާއި އަލަށް ވައިގެ ދަތުރުފަތުރުގެ ހިދުމަތުގެ ތެރެއަށް ވަން މަންތާ އެއާ އިން ވެސް އަންނަނީ ސީޕްލޭން ދުއްވަން ތައްޔާރުވަމުންނެވެ.