15 ޖުލައި 2019 - 12:41

މާފުށީ ޖަލުގެ ގޮޅިއަކުން ގައިދީންތަކެއް ނެރެ ތަޅައި އަނިޔާކުރިތާ މަހެއްވާ އިރު ވެސް، އެކަން ކުރި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިމަޖެންސީ ސަޕޯޓް ގްރޫޕް (އީއެސްޖީ)ގެ އޮފިސަރުން ނުހޯދެ އެވެ.
ޖަލުގައި މިދިޔަ މަހުގެ ތެރޭގައި ހިންގި ކަންކަމާ ގުޅިގެން ފިޔަވަޅު އެޅީ އީއެސްޖީގެ ކޮމާންޑަރަށް އެކަންޏެވެ. އޭނާ ސަސްޕެންޑްކުރީ ކަރެކްޝަންސް އިން ބުނެފައިވާ ގޮތުގައި ޖަލުގައި ހިނގާ އެފަދަ ކަންކަން ކޮންޓްރޯލްކޮށް ޒިންމާ ނަގަން ޖެހެނީ އޭނާ ކަމަށްވާތީ އެވެ.
ގައިދީންނަށް ހަމަލާ ދިން އެއްވެސް އޮފިސަރަކާ މެދު ފިޔަވަޅެއް ނާޅަ އެވެ.
މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ އަށް ހާޒިރުކުރުމުން ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ވިދާޅުވެފައި ވަނީ އަނިޔާކުރި އޮފިސަރުން ދެނެގަތުމަށް ތަހުގީގެއް ފަށާފައިވާ ކަމަށެވެ. އެކަމަކު އެކަން ކުރީ ކޮން ބައެއްކަން ހޯދައި މިހާތަނަށް ފިޔަވަޅު އަޅާފައެއް ނުވެ އެވެ.
ޖަލުގައި ހަމަނުޖެހުން ހިނގީ ޝަރީއަތްތައް ނިމެންދެން މީހުން ބަންދުކޮށްފައި ތިބޭ ޔޫ ހަތަރެއްގަ އެވެ. ޖަލަށް ވެއްދުން މަނާ އެއްޗެއް ގެނެސްދޭން އޮފިސަރަކު ދެކޮޅު ހެދުމުން ދަގަނޑުބުރިއަކުން އޭނާ އަށް ފުރަތަމަ ހަމަލާދިނީ ގައިދީ އެވެ. އޭގެ ބަދަލު ހިފުމެއްގެ ގޮތުން އީއެސްޖީގެ އޮފިސަރުން ގޮޅިތަކަށް ވަދެ ގައިދީންގެ ގައިގައި ތަޅައި އަނިޔާކުރީ އެވެ.
ހަ ގައިދީއަކަށް އެކިވަރުގެ އަނިޔާވި އެވެ. އެ ހަމަނުޖެހުމުގެ ތެރޭގައި ބައެއް ގައިދީންގެ ބޯ ތުނިކޮށް ކޮށާލި އެވެ.
އަނިޔާކުރި އޮފިސަރުން ނުހޯދި ލަސްވަނީ ކީއްވެތޯ "މިހާރު"ން މިއަދު އެހުމުން ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ތަހުގީގު ކުރިއަށް އެބަދާ ކަމަށެވެ. އިތުރަށް ވާހަކައެއް ނުދެއްކެވި އެވެ.
ޖަލުގައި ގައިދީންނަށް އަނިޔާކުރި މައްސަލައިގެ ތަހުގީގެއް ހިންގާ ކަމަށް ކަރެކްޝަނަލް ސާވިސް އިން ބުނެފައިވިޔަސް އެކަށީގެންވާ ތަހުގީގެއް ކުރިއަށް ނުދާ ކަމަށް ޖަލުގެ ބައެއް އޮފިސަރުން ވަނީ ތުހުމަތުކޮށްފަ އެވެ.
"މިހާރު"އާ ވާހަކަ ދެއްކި ބައެއް އޮފިސަރުން ކުރިން ބުނެފައިވާ ގޮތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ޖަލަށް ވަޑައިގަތުމުން މައުލޫމާތު އޮޅުންފިލުވުމުގެ ބޭނުމަށް ދެތިން ގައިދީއަކާ ސުވާލުކުރި އެވެ. އެކަމަކު އެކަށީގެންވާ ގޮތެއްގައި އެތެރޭގެ ތަހުގީގެއް ނުހިންގަ އެވެ.
އީއެސްޖީގެ އޮފިސަރުން ހަލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރި ކަމަށް ކަރެކްޝަނަލް ސާވިސް އިން ބުނީ ވެސް ފޯސް ރިވިއު ކޮމިޓީ އަށް ހުށަހަޅައި މައްސަލަ ބެލުމަށް ފަހު ނޫން ކަަމަށް އޮފިސަރުން ވަނީ ބުނެފަ އެވެ.