15 ޖުލައި 2019 - 11:12

އިންޑިއާގެ ޗެއްނާއީން މާލެ އަށް އަންނަން އުޅުނު ދެ ދިވެއްސެއްގެ އަތުން ގިނަ އަދަދެއްގެ ހަޝިޝް އޮއިލް ފެނިގެން ހައްޔަރުކޮށްފި އެވެ.
ޗެއްނާއީގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ހައްޔަރުކުރީ އުމުރުން 22 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ އަންހެނެއް ކަމަށް ޓައިމްސް އޮފް އިންޑިއާ އިން ބުންޏެވެ. އެ ނޫހުން ބުނި ގޮތުގައި ފިރިހެން މީހާގެ ނަމަކީ އަބްދުﷲ އާލިމް އެވެ. އަންހެން މީހާ އަށް ކިޔަނީ ޝަމްސިއްޔާ މުހައްމަދެވެ.
ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ދެ މީހުންގެ އަތުން ފެނުނު މަސްތުވާތަކެތި ހުރީ ޝޭމްޕޫ ފުޅިތަކެއްގައި ފޮރުވައިފަ އެވެ. އެ މީހުން ދަތުރުކުރީ ސްރީ ލަންކާގައި ޓްރާންސިޓްކޮށްފައި މާލެ އަށް ދާ ސްރީ ލަންކަން އެއާލައިންގެ ބޯޓަކުން ކަމަށް ވެސް ނޫހުގައި ބުނެފައިވެ އެވެ.
ޑްރަގްސް ހުރީ ފޮއިލްގައި ބަންދުކޮށް، އެކި ބްރޭންޑުގެ ޝޭމްޕޫ ފުޅިތަަކަކަށް އަޅައިފަ އެވެ.
މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި މީހުން އިންޑިއާ އަށް ގޮސްފައިވަނީ މީގެ ވިއްސަކަށް ދުވަސް ކުރިން ކަމަށާއި އެ މީހުން ޗެއްނާއީ އަށް ދިޔައީ ޓްރިވެންޑްރަމްގައި ތިބެފައި ކަމަށާއި ޗެއްނާއީން އެ މީހުންނަށް މީހަކު ޑްރަގްސް ހަވާލުކުރިކަން އެނގުމާ އެކު އެ މީހުންނަށް ފާރަލަމުން ގޮސް ހައްޔަރުކުރީ އެއާޕޯޓްގެ ޗެކިން ކައުންޓަރުން ކަމަށް އެންސީބީން ވަނީ ބުނެފަ އެވެ.