15 ޖުލައި 2019 - 10:19

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) 2023 ވަނަ އަހަރު ދިވެހިރާއްޖޭގައި ބާއްވަން ފުރުސަތު ލިބިއްޖެ ނަމަ، އެ މުބާރާތަށް ވަސީލަތްތައް ގާއިމްކުރުމަށް ދައުލަތުގެ ބަޖެޓުން ބޮޑެތި ހަރަދުތަކެއް ނުކުރާނެ ކަމަށާއި އެކަމަކު ކުޅުންތެރިން ތައްޔާރުކުރުމަށް ސަރުކާރުގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މި އަހަރުގެ އިންޑިއަން އޯޝަން ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ކޮންޓިންޖެންޓާ އިއްޔެ ހަވީރު ރައީސް އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ މި އަހަރުގެ މުބާރާތަށް ރާއްޖޭގެ ކުޅުންތެރިން ފުރާއިރު، އުއްމީދުކުރާ އެއް ކަމަކީ 2023 ވަނަ އަހަރުގެ ގޭމްސް ބޭއްވުމުގެ ފުރުސަތު ރާއްޖެ އަށް ލިބުން ކަމަށެވެ.
އަދި މި އަހަރުގެ ގޭމްސްއަށް ރާއްޖެ މިދަނީ، ވަރަށް ޒުވާން، ވަރަށް އުންމީދީ ކުޅުންތެރިންތަކަކާ އެކީގައި ކަމަށާއި އުމުރުން އެންމެ 12 އަހަރުގެ ކުޅުންތެރިންވެސް މިފަހަރު ބައިވެރިވާކަމީ، ރާއްޖޭގައި ބާއްވަން އުންމީދުކުރާ ގޭމްސްއަށް ލިބޭ ވަރަށްބޮޑު ހިތްވަރެއް ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގައި އައިއޯއައިޖީ ބާއްވާ ނަމަ އެކަމަށް ވަސީލަތްތައް ގާއިމްކުރަން ބޮޑެތި މަޝްރޫއުތަކެއް ހިންގަން ޖެހޭނެ އެވެ. އަދި ސަރުކާރުގެ ވިސްނުން ހުރީ މުޅި ރާއްޖެ ހިމަނައިގެން ގޭމްސް ބާއްވަން ކަމަށްވާތީ މުޅި ރާއްޖޭގައި ވަސީލަތްތައް ގާއިމްކުރަން ޖެހެ އެވެ.
ރައީސް ވެސް ވިދާޅުވީ އެކަމަށް ބޭނުންވާ ކުޅިވަރު ސްޓޭޑިއަމްތަކާއި، ދަނޑުތަކާއި، ކުޅިވަރު ކޯޓުތައް ހަދާނީ ކިހިނެއްތޯ ސުވާލު އުފެދިދާނެ ކަމަށާއި އަދި އެކަމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ގާއިމުކުރުމުގެ މާލީ ތަނަވަސްކަން، ރާއްޖޭގައި އެބަހުރިތޯ ވެސް ސުވާލުކުރުން އެކަށީގެންވާ ކަމަށެވެ.
"އަޅުގަނޑުމެން ސީދާ އެ މުބާރާތަށް އަމާޒުކޮށްގެން، ބޮޑެތި ހަރަދުތަކެއް ކުރާކަށް ގަސްދެއްނުކުރަން. އަޅުގަނޑުގެ ވިސްނުންހުރީ ރާއްޖޭގެ ގައުމީ ތަރައްގީގެ މަޝްރޫއުތަކާ ގުޅުވައިގެން، އެ މުބާރާތް ރާއްޖޭގައި ބޭއްވުން. އަޅުގަނޑުމެންގެ ވައުދުތައް ފުދިގެންދާއިރު، ގައުމަށް އެ އަންނަ ކުރިއެރުމަކީ، މި މުބާރާތަށް މަގު ކޮށައިދޭނެ ކަމެއް،" ރައީސް ވިދާޅުވި އެވެ.
އެކަމަކު ކުޅުންތެރިން ތައްޔާރުކުރުމަށް ސަރުކާރުގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެ ކަމަށާއި އެންމެ ފުރިހަމައަށް ކުޅުންތެރިން ތަމްރީނު ކުރުމުގައި އެއްވެސް ދަތިކަމެއް ނާންނާނެކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.
"ސަރުކާރުން މިހާރު ގަސްދުކޮށްފައި އޮތީ، 2023 ވަނަ އަހަރު ރާއްޖޭގައި ބާއްވަން އުންމީދުކުރާ ގޭމްސްއަށް، ދިވެހި ކުޅުންތެރިން ތައްޔާރުކުރުމުގެ މަސައްކަތް ވަރަށް ދުރާލައި ފަށަން. މި އަހަރުގެ މުބާރާތް ނިމުމާއެކު، މާތްﷲގެ ވާގިފުޅާއެކު، އަޅުގަނޑުމެން އެ މަސައްކަތް ފަށާނަން. އިރާދަކުރެއްވިއްޔާ، އެއީ ހަތަރު އަހަރުގެ މުއްދަތަށް ހިންގާ ޕްރޮގްރާމަކަށްވާނެ،" ރައީސް ވިދާޅުވި އެވެ.
ގޭމްސް ބާއްވަން ބިޑްކޮށްފައިވަނީ ރާއްޖޭގެ އިތުރުން މަޑަގަސްކަރަ އާއި ކޮމޮރޯސް އެވެ. ރާއްޖޭގެ ބިޑަށް ތާއީދު ހޯދުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު އަންނަނީ ގައުމުތަކަށް ޒިޔާރާތްކުރައްވަމުންނެވެ. މި ދަތުރުފުޅުގެ ތެރެއިން ސީޝެލްސް އަށް ވަޑައިގެން ކުރެއްވި މަސައްކަތުން، އެ ގައުމުގެ ތާއީދު ރާއްޖެ ވަނީ ލިބިފަ އެވެ. އަދި މަޑަގަސްކަރައިން މީގެ ކުރިން ދެ ފަހަރު ގޭމްސް ބާއްވާފައިވާތީ، އަލަށް ބާއްވަން މަސައްކަތްކުރާ ގައުމަކަށް އެ ފުރުސަތު ދިނުމުގެ ގޮތުން ރާއްޖެ އަށް ތާއީދު ދޭން ރާއްޖޭން ވަނީ އެދިފަ އެވެ.
ދެން އޮތީ ގޭމްސް ބާއްވަން ބިޑްކޮށްފައިވާ ގައުމެއް ކަމަށްވާ ކޮމޮރޯސް އާއި މި އަހަރުގެ ގޭމްސް ބާއްވާ މޮރިޝަސް އަށް ކުރައްވާ ދަތުރުފުޅެވެ. މީގެ ތެރެއިން މޮރިޝަސް އަށް ދެ ބޭފުޅުން ވަޑައިގަންނަވާނީ، އަންނަ ހުކުރު ދުވަހު ފަށާ މި އަހަރު ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތާ ވެސް ދިމާވާ ގޮތަށެވެ.
މީގެ ދެ ހަފުތާ ކުރިން އައިއޯއައިޖީގެ ޑެލިގޭޝަނެއް ވަނީ ރާއްޖޭގެ ވަސީލަތްތައް ބަލައި ސަރުކާރުގެ ފަރާތްތަކާ ބައްދަލުކުރައްވައިފަ އެވެ. ގޭމްސް ކޮމިޝަންގެ ރައީސް އަދި ސީޝެލްސްގެ އޮލިމްޕިކް ކޮމިޓީގެ ރައީސް އެންޓޯނިއޯ ގޯޕާލް ވިދާޅުވީ ރާއްޖެ އަށް ބިޑް ކާމިޔާބުވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
މި އަހަރުގެ އައިއޯއައިޖީ ބާއްވަން 2015 ވަނަ އަހަރު ރާއްޖޭން ޝައުގުވެރިކަން ފާޅުކުރި އެވެ. އެކަމަކު ވަގުތު ނެތުމާއި ސަރުކާރުގެ މާބޮޑު އެއްބާރުލުމެއް ނުލިބުމުން ކުރިއަށް ނުދިއައީ އެވެ. ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތްތައް ރާއްޖޭގައި ބޭއްވުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދުތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ.