14 ޖުލައި 2019 - 23:39

މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު އަމާނާ ތަކާފުލް އަށް ލިބުނު ފައިދާ އިތުރުވުމާ ގުޅިގެން، ހިއްސާގެ ފައިދާ ބަހަން އެ ކުންފުނިން ނިންމައިފި އެވެ.
ހިއްސާގެ ފައިދާގެ އިތުރުން ތަކާފުލް ސެޓްފިކެޓް ނަގާފައިވާ މީހުންނަށް ސާޕްލަސް ބެހުމަށް ވެސް އެ ކުންފުނިން ވަނީ ނިންމައިފަ އެވެ. އެގޮތުން، ހިއްސާގެ މޫނުމަތީ އަގުގެ ފަސް ޕަސެންޓު ހިއްސާގެ ފައިދާގެ ގޮތުގައި ބަހަން އަމާނާ ތަކާފުލްގެ ބޯޑުން ވަނީ ކަނޑައަޅައިފަ އެވެ. އަދި ތަކާފުލް ސެޓްފިކެޓް ނަގާފައިވާ މީހުންނަށް 14 ޕަސެންޓު ސާޕްލަސް ބެހުމަށް ވެސް ބޯޑުން ނިންމި އެވެ.
އަމާނާ ތަކާފުލް އިން ބުނިގޮތުގައި، މި އަހަރު އެކިއެކި ހާދިސާތަކުގައި ގެއްލުން ލިބުނު ފަރާތްތަކަށް ބަދަލުގެ ގޮތުގައި ދީފައިވާ އަދަދު ވެސް މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު ވަނީ އިތުރުވެފަ އެވެ. އެގޮތުން، މިދިޔަ ހަ މަސް ދުވަހު އެ ކުންފުނިން ބަދަލު ދީފައިވާ މިންވަރު 14 ޕަސެންޓަށް އިތުރު ވެފައިވާ ކަމަށް އަމާނާ ތަކާފުލް އިން ބުނެ އެވެ.
އަމާނާ ތަކާފުލް އަކީ ރާއްޖޭގެ އެންމެ ފުރަތަމަ ތަކާފުލް ހިދުމަތް ދޭން ފެށި ކުންފުންޏެވެ. އަމާނާ ތަކާފުލް ކުރިއެރުމުގެ އެންމެ ބޮޑު ސަބަބަކީ އެ ކުންފުނިން ހިފަހައްޓާ އުސޫލުތައް ކަމަށް ބުނެ އެވެ.
އަމާނާ ތަކާފުލް އިން އަންނަނީ 2011 ވަނަ އަހަރުން ފެށިގެން އެ ކުންފުނީގެ ހިއްސާގެ ފައިދާ އާއި ތަކާފުލް ސެޓްފިކެޓް ނަގާފައިވާ ފަރާތްތަކަށް ދޭ ސާޕްލަސް ބަހަމުންނެވެ.