ބީއެމްއެލް އަށް އާ ސީއީއޯއެއް
ބީއެމްއެލް އަށް އާ ސީއީއޯއެއް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް އާ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އެއް ހަމަޖައްސައިފި އެވެ.

ބީއެމްއެލް އިން މިރޭ ބުނީ، އެ ބޭންކުގެ އާ ސީއީއޯ ޓިމޮތީ ސޯޔާ އަކީ ބައިނަލްއަގްވާމީ މާލީ ދާއިރާގައި 30 އަހަރު ވަންދެން މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެއް ކަމަށެވެ. އޭގެ ތެރޭގައި، އެގްޒެކެޓިވް އަދި ބޯޑުތަކުގައި 20 އަހަރު ވަންދެން އޭނާ މަސައްކަތް ކުރެއްވި ކަމަށް ބީއެމްއެލް އިން މިރޭ ނެރުނު ބަޔާނެއްގައި ބުންޏެވެ.

އިނގިރޭސި ވިލާތަށް އުފަން ޓިމޮތީ އެންމެ ފަހުން ހުންނެވީ ބީއެމްއެލް އިން ބުނިގޮތުގައި، އެ ގައުމުގެ އިންވެސްޓުމަންޓު ކުންފުނި، އިނޮވޭޓް ޔޫކޭގެ ސީއީއޯގެ މަގާމުގަ އެވެ. އޭގެ ކުރިން އޭނާ އުޅުއްވީ ސްޓާޓް އަޕް ލޯންސްގެ ސީއީއޯ އަކަށް ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

"ޔޫކޭގެ ކުދި ވިޔަފާރިތަކާއި އަލަށް ފަށާ ވިޔަފާރިތައް ކުރިއަރުވައި ތަރައްގީ ކުރުމަށްޓަކައި ޓިމް ކުރެއްވި މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން އޭނާ އަށް ވަނީ ކުއީން އެލިޒަބަތު ދެއްވާ ކޮމާންޑާ އޮފް ދަ މޯސްޓް އެކްސެލެންޓު އޯޑާ އޮފް ދި ބްރިޓިޝް އެމްޕަޔާ (ސީބީއީ) އެވޯޑު ލިބިލައްވާފަ އެވެ،" ބީއެމްލްގެ ބަޔާނުގައި ބުންޏެވެ.

ޓިމޮތީ ވަނީ ކަހޫޓު، ކެންޓު ރިޔަލަންސް ފަދަ އެކިއެކި މާލީ އިދާރާތަކުގެ އިސް މަގާމުތައް ވެސް ފުރުއްވާފައި ކަމަށް ބީއެމްއެލް އިން ބުނެ އެވެ. އަދި ބޭންކް ޑުބޮއާ އޮފް ސްވިޒަލޭންޑާއި އިނގިރޭސި ވިލާތުގައި ލޯނު ދޫކުރާ ކުންފުންޏެއް ކަމަށްވާ ފޯކް ޓު ފޯކްގެ ޗެއާމަންކަން ވެސް އޭނާ ކުރެއްވި ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލް އަށް އާ ސީއީއޯ އެއް މި އައްޔަން ކުރީ، އެ ބޭންކުގެ ކުރީގެ ސީއީއޯ އެންޑްރޫ ހީލީ އިނގިރޭސި ވިލާތުގެ ލީކް ޔުނައިޓެޑް ބިލްޑިން ސޮސައިޓީގެ ސީއީއޯ އަކަށް ހަމަޖެއްސުމުންނެވެ.