އައިފޯން 7 މި މަހު 23 ގައި ރާއްޖޭގައި ވިއްކަން ފަށަނީ
އައިފޯން 7 މި މަހު 23 ގައި ރާއްޖޭގައި ވިއްކަން ފަށަނީ

އެޕަލް އިން އަލަށް ތައާރަފް ކުރި އައިފޯން 7 މިމަހު 23 ގައި ރާއްޖޭގެ ބާޒާރަށް ނެރެން ނިންމައިފި އެވެ.

އެޕަލްގެ ރީޖަނަލް ޑިސްޓްރިބިއުޓާ އަދި ސްޓޮކިސްޓް، ސޮފްޓް ޓަޗް މޯލްޑިވްސްގެ ސީއޯއޯ މުހައްމަދު ރިފާއު މިއަދު ވިދާޅުވީ އައިފޯން 7 އާއި 7 ޕްލަސް އަށް އިއްޔެ އިން ފެށިގެން އޯޑާ ނަގަމުން އަންނަ ކަމަށެވެ. އެގޮތުން، ދިރާގާއި އުރީދޫގެ އިތުރުން އެޕަލްގެ އުފެއްދުންތައް ރާއްޖޭގައި ވިއްކުމުގެ ހުއްދަ އޮންނަ އެޑްއޮން، އެލް މޮބައިލް، އެސްޓާސް އަދި ފޯކްސް ކޮމްޕިއުޓާސް އިން މިހާރު ޕްރީއޯޑާ ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރިފާއު ވިދާޅުވީ އައިފޯން 7 ގެ އަގުތައް ފެށޭނީ ޖީއެސްޓީ ނުލާ 14،500ރ. އިން ކަމަށެވެ.

މި މަހު 23 ގައި އައިފޯން ރާއްޖެ އަށް ނެރޭނީ ދިރާގާއި އުރީދޫގެ އިތުރުން އެޕަލްގެ އުފެއްދުންތައް ރާއްޖޭގައި ވިއްކުމުގެ ހުއްދަ އޮންނަ ތަންތަނާ ގުޅިގެން ވަރަށް ކުލަގަދަކޮށް ކަމަށް ވެސް ރިފާއު ވިދާޅުވި އެވެ.

"އައިފޯން 7އާ އެކު ރާއްޖޭގައި ސްމާޓްފޯންގެ ވިޔަފާރި އެެހެން ލެވެލްއަކަށް ގެންދެވޭނެ ކަމަށް އަޅުގަނޑުމެން އުންމީދު ކުރަނީ،" އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރު ވެސް ސޮފްޓް ޓަޗް އިން އައިފޯން ވިއްކީ ރާއްޖޭގައި މުވާސަލާތީ ހިދުމަތް ދޭ ދެ ކުންފުނި ކަމަށްވާ ދިރާގާއި އުރީދޫގެ އިތުރުން އެޕަލްގެ އުފެއްދުންތައް ރާއްޖޭގައި ވިއްކުމުގެ ހުއްދަ އޮންނަ ފަރާތްތަކާ ގުޅިގެންނެވެ. ދިރާގާއި އުރީދޫ ހިމެނޭ ގޮތަށް އޭގެ ތެރެއިން ބައެއް ތަންތަނުން އިންސްޓޯލްމަންޓަށް ނެގޭ ގޮތަށް އައިފޯން ވިއްކާފައިވެ އެވެ.

މިފަހަރު އައިފޯން ވިއްކާ ޕްލޭންތައް ދިރާގާއި އުރީދޫން އަދި އާންމެއް ނުކުރެ އެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ އެމެރިކާގައި ދައްކާލި އައިފޯންގެ އާ ވައްތަރަށް އެމެރިކާ އާއި ބައެއް އެހެން ގައުމުތަކުގައި އިއްޔެ އިން ފެށިގެން އޯޑަރު ނަގަން ވަނީ ފަށައިފަ އެވެ. މި މަހުގެ 16 ވަނަ ދުވަހު އެ ގައުމުތަކުގައި މި ފޯން ވިއްކަން ފަށާއިރު، ރާއްޖެ ހިމެނެނީ ދެވަނަ ބުރުގައި އައިފޯން ނެރޭ ގައުމުތަކުގެ ތެރޭގަ އެވެ.

އައިފޯން 7 އާއި 7 ޕްލަސްގައި އެޕަލް އިން ވަނީ ގިނަ އާ ކަންތައްތަކެއް ހިމަނައިފަ އެވެ. އޭގެ ތެރޭގައި ޕްލަސްގައި ހަރުކޮށްފައިވާ ދެ ލެންސް ހިމެނޭ ކެމެރާ އާއި ދެ ސްޕީކަރު ހިމެނޭ ސްޓީރިއޯ ސައުންޑް ސިސްޓަމާއި ވަޔަލެސްކޮށް ހެޑްފޯނު ގުޅުމާއި ފެން ނުވަނުން ހިމެނެ އެވެ. އަދި ކުރިއަށް ވުރެ ބޮޑު ބެޓެރިއެއް އަޅުވައި ސްކްރީން ވެސް މިހާރު ބާޒާރުގައި ހުރި އައިފޯނަށް ވުރެ 25 ޕަސެންޓް އަލިގަދަ ކޮށްފަ އެވެ.