މަތީ ތައުލީމުގެ ލޯނު 163 ދަރިވަރަކަށް ދޭން ނިންމައިފި
މަތީ ތައުލީމުގެ ލޯނު 163 ދަރިވަރަކަށް ދޭން ނިންމައިފި

މަތީ ތައުލީމަށް ލޯނު ދޫކުރަން ސަރުކާރުން ހުޅުވާލި ފުރުސަތުގައި ގިނަ ދަރިވަރުންތަކެއް ޑިސްކޮލިފައިވުމުން އަލުން ހުޅުވާލައި ކުރިމަތިލީ ދަރިވަރުންގެ ތެރެއިން 163 ދަރިވަރަކަށް ލޯނު ދޫކުރަން ސަރުކާރުން ނިންމައިފި އެވެ.

މިދިޔަ މާޗު މަހު އެ މިނިސްޓްރީން ލޯނުގެ 242 ޖާގަ އަށް ހުޅުވާލުމުން 900 އަށް ވުރެ ގިނަ ދަރިވަރުން ހުށަހެޅި އެވެ. ނަމަވެސް އެކި ސަބަބުތަކާ ހެދި ގިނަ ދަރިވަރުން ޑިސްކޮލިފައިވުމުގެ ސަބަބުން ލޯނު ކަށަވަރުވީ އެންމެ 79 ދަރިވަރަކަށެވެ.

ބާކީ 163 ޖާގަ އަށް ހުށަހަޅަން ދެ ވަނަ ފަހަރަށް ހުޅުވާލީ ލޯނަށް ހުށަހެޅުމާ ގުޅޭ ގޮތުން އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެންނެވެ.

ދެ ވަނަ ފަހަރަށް ވެސް ލޯނުގެ ފުރުސަތު ހުޅުވާލީ އަލަށް ކިޔަވަންދާ ދަރިވަރުންނަށާއި ރާއްޖޭން ބޭރުގައި މިހާރު ވެސް ކިޔަވަމުން އަންނަ ދަރިވަރުންނަށެވެ. އެގޮތުން އަލަށް ކިޔަވަންދާ 79 ދަރިވަރަކަށް ލޯނު ދޭން ނިންމި އިރު މިހާރު ވެސް ކިޔަވަމުން އަންނަ 84 ދަރިވަރަކަށް ލޯނުގެ ފުރުސަތު ދޭން ނިންމި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ވިދާޅުވީ މިއީ، ސަރުކާރުން ހުޅުވާލި ޖާގައާ އެއްވަރަށް ލޯނު ދޫކުރާ ސަރުކާރުން ލޯނު ދޫކުރާ ފުރަތަމަ ފަހަރު ކަަމަށެވެ. ފުރަތަމަ ފުރުސަތުން ބާކީވި ހުރިހާ ޖާގަ އަކަށް ދަރިވަރުން ކުރިމަތިލުމުން އުފާކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ، ފަހުގެ ތާރީޚެއްގައި މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން ނުވަތަ ކުރީގެ ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަނުން ވެސް އިއުލާނުކުރި ސްލޮޓްތަކަށް އެއްކޮށް ލޯނު ލިބޭ ފުރަތަމަ ފަހަރު. އެހެންވީމާ މީ އަޅުގަނޑުމެން ވަރަށް އުފަލާ އެކު ފާހަގަކުރާ ކަމެއް،" އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މިފަހަރު ދޫކުރި ލޯނުތައް ހާއްސަކުރީ ފުރަތަމަ ހުޅުވައިލި ފުރުސަތުގައި ލޯނަށް އެދުނު ދަރިވަރުންގެ ތެރެއިން ފުރުސަތު ނުލިބުނު ދަރިވަރުންނަށެވެ.

މަތީ ތައުލީމަށް ދޫކުރި ލޯނުގައި މައިގަނޑު ދެބައެއް ހިމެނެ އެވެ. އެއީ ސަރުކާރުން ކަނޑައަޅާފައިވާ ވަކި ގައުމުތަކަކުން ކިޔަވާ ދަރިވަރުންގެ ބަޔާއި ދަރިވަރުން ބޭނުން ގައުމަކުން ކިޔެވުމުގެ ބައެވެ. ސަރުކާރުން ކަނޑައަޅާފައިވާ ގައުމުތަކުން ކިޔަވާ ދަރިވަރުންގެ ކޯހުގެ ހުރިހާ ޚަރަދެއް ސަރުކާރުން ހަމަޖައްސައިދޭ އިރު އެ ނޫން ގައުމުތަކުން ކިޔަވާ ދަރިވަރުންނަށް ދޫކުރަނީ ސަރުކާރުން ކަނޑައަޅާ ވަކި އަދަދެކެވެ. ބާކީ ބައި ހަރަދު ކުރަން ޖެހޭނީ ދަރިވަރުން އަަމިއްލަ އަށެވެ.

މަތީ ތައުލީމުގެ ލޯނު ދޫކުރަނީ މައިގަނޑު ހުރިހާ ފަންތިއެއްގެ ކޯސްތައް ހިމެނޭ ގޮތަށެވެ. އެގޮތުން ލައިސަންސް އަދި ޑިޕްލޮމާ ފެންވަރުން ފެށިގެން ޕީއެޗްޑީއާ ހަމައަށް ހުރިހާ ފަންތިއެއްގެ ކޯސްތަކަށް ވެސް ލޯނު ދޫކުރާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މަތީ ތައުލީމަށް ދޫކުރި ލޯނުތަކުގެ ފައިސާގެ ތަފްސީލެއް މިނިސްޓަރު މިއަދު ވިދާޅެއް ނުވެ އެވެ.

މިނިސްޓަރު ވިދާޅުވީ އެ އަދަދު ފަހުން ހާމަކުރައްވާނެ ކަމަށެވެ.

މި ބުރުގައި ލޯނު ހަމަޖެހުނު 163 ދަރިވަރުންގެ މައުލޫމާތު ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓްގައި މިހާރު ވަނީ އާއްމުކޮށްފަ އެވެ.

"މި އަހަރު ފަހުކޮޅު އަނެއްކާވެސް ދިވެހި ޒުވާނުންނަށް މަތީ ތައުލީމާއި ތަމްރީނު ހޯދުމަށްޓަކައި ލޯނު އެހީގެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި މި ސަރުކާރުން މިހާރު ވަރަށް ބާރަށް މަސައްކަތްކުރަމުން އެބަގެންދޭ. މިއަދު އަޅުގަނޑަށް ކަނޑައެޅިގެން ދަންނަވަން ދަތި އަޅުގަނޑުމެން ދެން ލޯނުގެ ފުރުސަތު ހުޅުވާލާނީ ކޮން ތާރީހެއްގައި ކަން،" މިނިސްޓަރު ވިދާޅުވި އެވެ.