15 ޖުލައި 2019 - 06:44

ނުދޮވެ ހަޑިވެފައި ހުންނަ ކާރުތައް ދުބާއީގެ އާންމު ޕާކިން ސަރަހައްދުތަކުގައި ބާއްވާ މީހުން ޖޫރިމަނާކުރާ ގޮތަށް ނިންމައިފި އެވެ.
މިކަމާ ބެހޭ ގޮތުން ދުބާއީ މުނިސިޕަލްޓީން ނެރުނު ބަޔާނެއްގައި ބުނީ ހަޑިވެފައި ހުންނަ ކާރުތައް އާންމު ޕާކިން އޭރިއާތަކުގައި ޕާކްކޮށްފައި ގިނަ ދުވަސްތަކެއް ވަންދެން ބޭއްވުމުގެ މައްސަލަ ބޮޑުވެފައިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ސިޓީގެ ރީތިކަމާއި ސާފުތާހިރު ކަމަށް ވެސް ބުރޫއަރާ ކަމަށް ބުންޏެވެ.
އެހެންވެ އަލަށް އަމަލުކުރަން ފެށި އުސޫލުގެ ދަށުން ހިރަފުސް ބުރައި، ކިލާވެ، ހަޑިވެފައި ހުންނަ ކާރުތައް ޕާކްކުރާ މީހުން 500 ދިރުހަމް (2,103.13ރ.) އިން ޖޫރިމަނާ ކުރާނެ ކަމަށް މުނިސިޕަލްޓީ ބުންޏެވެ.
އެތަނުން ބުނީ ހަޑިވެފައި ހުންނަ ކާރުތައް އާންމު ޕާކިން އޭރިއާތަކުގައި ޕާކް ކުރާތޯ މުނިސިޕަލް އިންސްޕެކްޓަރުން މީގެ ފަހުން ގަވައިދުން ދުބާއީގެ ހުރިހާ ސަރަހައްދެއް މޮނިޓާ ކުރާނެ ކަމަށެވެ.
އެހެންވެ ކާރު ގިނަ ދުވަސްތަކަކަށް ޕާކް ކުރަން ޖެހޭ ހާލްތަތަކުގައި ކާރު އާންމު ޕާކިން އޭރިއާތަކުގައި ޕާކްކޮށްފައި ބޭއްވުމުގެ ބަދަލުގައި އެ ނޫން ގޮތެއް ހޯދަން ޖެހޭނެ ކަމަށް ވެސް މުނިސިޕަލްޓީ ބުންނެވެ.
"ހަޑިވެފައި ހުންނަ ކާރުތައް ފާހަގަކޮށް އެ އެއްޗެހި ދޮވެ ސާފު ކުރަން ޖޫރިމަނާއާ އެކު ފަނަރަ ދުވަހުގެ މުއްދަތެއް ދެވޭނެ. އެ މުއްދަތުގެ ތެރޭގައި އެކަން ނުކޮށްފި ވެހިކަލާ ގުޅޭ ގޮތުން ދެން ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅެއް އަޅާނެ،" މުނިސިޕަލްޓީން ބުންޏެވެ. "އޭގެ ތެރޭގައި ޖޫރިމަނާ ދައްކަން ދޭ މުއްދަތުގެ ތެރޭގައި ޖޫރިމަނާ ނުދައްކައިފި ނަމަ ކާރު ނީލަމުގައި ވިއްކައިލުމުގެ ބާރު ވެސް މުނިސިޕަލްޓީ އަށް ލިބިގެންވޭ."