14 ޖުލައި 2019 - 11:39

ބޮލޯނިއާ (ޖުލައި 14) – އިޓާލިއަން ލީގުގައި ވާދަކުރާ ބޮލޯނިއާގެ ކޯޗު ސާބިއާގެ ސިނިސާ މިހަލޮވިޗަށް ލުކީމިއާ ޖެހިފައިވާ ކަމަށާއި އެކަމަކު އޭނާ ފަރުވާ ހޯދަމުން ވެސް ކްލަބުގެ ކޯޗުގެ ގޮތުގައި ދެމި ހުންނާނެ ކަމަށް ބޮލޯނިއާގެ ރައީސް ޖޮއޭ ސަޕޫޓޯ ވިދާޅުވެއްޖެ އެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިހަލޮވިޗް ބުނީ ލެޔަށް ޖެހޭ ބައްޔެއް ކަމަށްވާ ލުކީމިއާ އޭނާގެ ގައިގައި ހުރިކަން އެނގުނީ ޕްރީ ސީޒަން ތަމްރީންތައް ފަށަން އެއް ދުވަހަށް ވެފައިވަނިކޮށް ކަމަށެވެ.
"އަހަންނަށް އެ ހަބަރު ލިބުމުން އެކަންވީ ބޮޑު ތޫފާނަކަށް. އަހަރެން ވަރަށް ބޮޑަށް ރުއިން. ލޯ ކުރިމަތިން ދިރިއުޅުން ދާތަން ފެނޭ. އެކަމަކު އަހަރެން މިކަމާ ކުރިމަތިލާނަން. ހޮސްޕިޓަލަށް ގޮސް މި ބައްޔާ ކުރިމަތިލާން ކެތްމަދުވެފައި މިހިރީ. މިއީ އުނދަގޫ ހަނގުރާމައެއް އެކަމަކު ބަލިކުރެވޭނެ،" މިހަލޮވިޗް ބުންޏެވެ.
ކުރީގެ ޔޫގޮސްލާވިއާ އަށް އުފަން މިހަލޮވިޗް ކުޑައިރު ކްރޮއޭޝިއާ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހުނެވެ. އޭނާ ބުނީ ނަސީބު ދެރަކަމުން، ހަޔާތުގައި އެއްވެސް އެއްޗެއް ތަބަކަކަށް ލާފައި އޭނާ އަށް ނުލިބޭ ކަމަށާއި ލިބުނު އެއްޗެއް ލިބުނީ އެކަމަށް މަސައްކަތްކޮށްގެން ކަމަށެވެ. އެހެންވެ މިކަމާ ވެސް ހަނގުރާމަކޮށް ކާމިޔާބު ހޯދާނެ ކަމަށް ބުންޏެވެ.
ކުރިން ބެލެވުނީ އޭނާ ފަރުވާ ހޯދުމަށްޓަކައި ކްލަބުން ވަކިވާނެ ކަމަށެވެ. އެކަމަކު ކްލަބުގެ ރައީސް ވަނީ އަންގާރަ ދުވަހު ފަށާ ފަރުވާއާ އެކު ވެސް މިހަލޮވިޗް ކްލަބުގެ ކޯޗުކަމުގައި ދެމި ހުންނާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ. ބޮލޮނިއާގެ ޑޮކްޓަރުގެ ޖިއާނީ ނާނީ ވިދާޅުވީ މި ބަލިން އެއްކޮށް ރަނގަޅުވުމުގެ ފުރުސަތު މިހަލޮވިޗަށް އެބައޮތް ކަމަށާއި އަދި ފަރުވާ ކުރިއަށްދާއިރު ކޯޗުކަމުގައި ދެމި ހުރެވޭނެ ކަމަށެވެ.
ފިލިއްޕޯ އިންޒާގީގެ ބަދަލުގައި މިދިޔަ ސީޒަނުގެ ވަކި ހިސާބަކުން ބޮލޯނިއާއާ ހަވާލުވެ މިހަލޮވިޗް ވަނީ ރެލިގޭޝަން ޒޯނުގައި އޮތް ޓީމު ތާވަލުގެ 10 ވަނައިގައި ސީޒަން ނިންމައިދީފަ އެވެ. މި ހިތާމަވެތި ހަބަރު އައީ ފުރަތަމަ ފުލް ސީޒަނަށް ތައްޔާރުވަމުން އަންނަނިކޮށެވެ.
ސާބިއާގެ ވަރުގަދަ ބާރު ރެޑްސްޓާ ބެލްގްރޭޑަށް ކުޅުމަށް ފަހު 1992 ވަނަ އަހަރު އިޓަލީގެ އޭއެސް ރޯމާ އަށް ބަދަލުވި ފަހުން މިހަލޮވިޗް މުޅި ކެރިއަރު ހޭދަކުރީ އެ ލީގުގަ އެވެ. އޭގެ ފަހުން ސަމްޕްޑޯރިއާ އަށް ކުޅުމަށް ފަހު އޭނާ އެންމެ މަޝްހޫރުވީ ލާޒިއޯގައި ހޭދަކުރި ދުވަސްވަރެވެ. ސްވެން-ގޯރާން އެރިކްސަންގެ ކޯޗުކަމުގައި ލާޒިއޯ އިން 2000 ވަނަ އަހަރު އިޓާލިއަން ލީގު ކާމިޔާބުކުރިއިރު އޭނާ މޮޅަށް ކުޅުނެވެ. ހިލޭ ޖެހުންތަކުގައި އެފަދަ ދެ ވަނަ އެއް ނެތް ޑިފެންޑަރު ކެރިއަރު ނިންމާލީ އިންޓަ މިލާނުންނެވެ.
އެއަށް ފަހު ކޯޗުން ކެރިއަރު 2006 ގައި ފެށީ އިންޓަގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގަ އެވެ. އޭނާ ވަނީ ފިއޮރެންޓީނާ، ކަޓާނިއާ، ސަމްޕްޑޯރިއާ، އޭސީ މިލާން އަދި ޓޮރިނޯ އާއި ސާބިއާ ގައުމީ ޓީމަށް ވެސް ކޯޗުކޮށްދީފަ އެވެ. މީގެ ތެރެއިން މިލާނަށް ކޯޗުކޮށްދިން އިރު އޭނާ ވަނީ މިވަގުތު އިޓަލީގެ އެއް ވަނަ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާ އާއި މިލާނުގެ ކެޕްޓަން އަލެސިއޯ ރޮމަނޮލީގެ ކެރިއަރު ލޯންޗުކޮށްދީފަ އެވެ.