14 ޖުލައި 2019 - 12:14

އިމާދުއްދީން ސްކޫލުގެ ޕްރިންސިޕަލަކަށް ހުންނެވި އަހުމަދު މުޖާހިދު އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމަށް އައްޔަންކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ އިކޮނޮމިކް މިނިސްޓްރީގެ ނައިބުގެ މަގާމަށް ގއ. ދާންދޫ ކާމިނީގޭ އަހުމަދު މުޖާހިދު އައްޔަންކޮށްފައިވާ ކަމަށެވެ.
މީގެ ކުރިން ޓީވީއެމްގައި ޕާޓް-ޓައިމް ޕްރެޒެންޓަރަކަށް ވެސް އުޅުއްވި މުޖާހިދު ވަނީ މެލޭޝިޔާގެ އޯޕަން ޔުނިވާސިޓީން ތައުލީމީ ދާއިރާއިން މާސްޓާސް ހާސިލްކުރައްވައިފަ އެވެ. އޭގެ އިތުރުން އިސްކަންދަރު ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް ކަމާއި އެ ސްކޫލްގެ ލީޑިން ޓީޗަރުގެ މަގާމުގެ އިތުރުން މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ޕާޓް ޓައިމް ލެކްޗަރާކަން ހިމެނެ އެވެ.
މުޖާހިދާ އެކު އިކޮނޮމިކް މިނިސްޓްރީގައި މި ވަގުތު ހަތަރު ޑެޕިއުޓީ މިނިސްޓަރުން އެބަތިއްބެވި އެވެ.
ޑެޕިއުޓީ މިނިސްޓަރަކަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު ލިބިވަޑައިގަންނަވާނީ 30،500ރ. އެވެ. އެއީ 18،000ރ. ގެ މުސާރަ އާއި 12،500ރ. ގެ އެލަވަންސެކެވެ.