13 ސެޕްޓެމްބަރ 2016 - 09:18

މި މަހު އެއް ވަނަ ދުވަހު މާލޭގައި ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު ރަހުމަތްތެރިކަމުގެ މެޗުގައި ލިބުނު އަނިޔާ އިން ރަނގަޅުވެ މަހެއްހާ ދުވަސް ތެރޭ ކުޅުމަށް އެނބުރި އާދެވޭނެ ކަމަށް ޓީސީ ސްޕޯޓްސް ކްލަބަށް ކުޅޭ ގައުމީ ޓީމުގެ ފޯވާޑް ނާއިޒު ހަސަން (ދާދު) ބުނެފި އެވެ.
ދާދުގެ ކަނާތު ކޮނޑުހުޅަށް ހާނިއްކަވީ، ބަންގްލަދޭޝް އަތުން 5-1 އިން ރާއްޖެ މޮޅުވި މެޗުގެ ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައި އޭނާ ބޯޅަ ހިފައިގެން ދުއްވައިގަތް ވަގުތު ފަހަތުން އައި ބަންގްލަދޭޝްގެ ކުޅުންތެރިޔާ ކުރި ފައުލަކަށް ވެއްޓި އެވެ. އޭނާ ވެއްޓުނު ގޮތުން، ބިންމަތީގައި ޖެހުނީ ކޮނޑުހުޅެވެ.
ދާދުގެ އޮޕަރޭޝަން އޭޑީކޭގައި އެރޭ ކުރިއިރު، ދިގު މުއްދަަކަށް އޭނާ ކުޅުމާ ދުރަށް ދާން ޖެހޭ ކަމަށް ބެލެވުނެވެ.
ދާދު "މިހާރު" އަށް ބުނީ ހީކުރިގޮތާ ހިލާފަށް ރިކަވަރީ ދަނީ ރަނގަޅަށް ކަމަށެވެ.
"ވަރަށް ރަނގަޅަށް ރިކަވަރީ ދަނީ. އިރާދަކުރެއްވިއްޔާ މަހެއްހާ ދުވަސް ތެރޭގައި ދުވެލެވޭވަރުވާނެ. ދެން މެޗު ކުޅެވޭ ވަރަށް ފިޓްވުން އޮތީ. ބޭނުން ގައުމީ ޓީމުގެ މެޗުގެ ކުރިން ފިޓްވާން މަސައްކަތް ކުރަން." ދާދު ބުންޏެވެ.
ގައުމީ ޓީމު ލާއޮސްއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުން ވަނީ 4-0 އިން މޮޅުވެފަ އެވެ. ދެ ވަނަ ލެގު އޮންނާނީ އަންނަ މަހު 11 ވަނަ ދުވަހު ލާއޮސްގަ އެވެ.
ރާއްޖޭގެ އެންމެ އުއްމީދީ އެއް ކުޅުންތެރިޔާ ވިދާލީ މިދިޔަ ސީޒަނުގައި ޓީސީންނެވެ. އޭގެ ކުރިން އެ ޓީމު ދެ ވަނަ ޑިވިޝަނުގައި ވާދަކުރިއިރު ވެސް އޭނާ މޮޅު ކުޅުމެއް ދެއްކި އެވެ. އަދި ފުރަތަމަ ޑިވިޝަންގައި މުޅިން އަލަށް މިދިޔަ އަހަރު ވާދަކުރި ޓީސީ ލީގުގެ ދެ ވަނައިގައި ނިންމާލުމުގައި ދާދުގެ ދައުރު ބޮޑެވެ. ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ލިބުނީ ދާދު އަށެވެ.
މި ފަހަރުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިވަގުތު ޓީސީ އޮތީ ކުޅުނު 15 މެޗުން ލިބުނު 27 ޕޮއިންޓާ އެކު އެވެ. ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާ އާއި ޓީސީއާ ދެމެދު ހަތް ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. އަންނަ ބުދަ ދުވަހު ލީގުގެ ކުޅުން އަލުން ފަށާއިރު، ނާއިޒު ނުލައި ޓީސީން ހަތެއް ނޫނީ ފަސް މެޗު ކުޅެން ޖެހޭނެ އެވެ.