15 ޖުލައި 2019 - 06:49

ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ޕްރޮޑިއުސްކުރާ ފިލްމަކަށް އިޝާން ޚައްތަރު ސޮއިކޮށްފައި ވާއިރު، އެ ފިލްމުގެ ބަތަލާއަކަށް އަޔަންޔާ ޕާންޑޭ ވެސް ސޮއިކޮށްފި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ޒުވާން ދެ ތަރިން ހިމަނައިގެން އަލީ ގެނެސްދޭ ފިލްމު ވަރަށް އަވަހަށް ރަސްމީކޮށް އިއުލާން ކުރާނެ އެވެ. މި ފިލްމު ވާނީ "ބާރަތު" އާއި "ޓައިގާ ޒިންދާ ހޭ" ފަދަ ފިލްމުތައް ހެދި ޑައިރެކްޓަރު، ޕްރޮޑިއުސްކުރާ ފުރަތަމަ ފިލްމަށެވެ.
އެކްޓަރު ޗަންކީ ޕާންޑޭގެ އަންހެން ދަރިފުޅު އަނަންޔާއަކީ މެއި މަހު ރިލީޒްކުރި "ސްޓޫޑަންޓް އޮފް ދި އިޔާ 2" އިން ބޮލީވުޑަށް ތައާރަފުވި ބަތަލާއެކެވެ. އޭނާ މިހާރު އަންނަނީ ދެވަނަ ފިލްމެއްގެ މަސައްކަތް ވެސް ކުރަމުންނެވެ. އެއީ ކާތިކް އާރިޔަން އާއި ބޫމީ ޕެޑްނޭކަރާ އެކު ކުޅޭ "ޕަތީ ޕަތުނީ އޯރް ވޯ" އެވެ. މުދައްސަރު އަޒީޒް ޑައިރެކްޓް ކުރާ ފިލްމު ސިނަމާތަކަށް އަންނާނީ މި އަހަރުގެ ޑިސެމްބަރު މަހުގެ 6 ގަ އެވެ.
އެކްޓަރު ޝާހިދު ކަޕޫރްގެ ކޮއްކޮ އިޝާނަކީ މިދިޔަ އަހަރު ތައާރަފުވި އެކްޓަރެކެވެ. އޭނާގެ އަލަތު ފިލްމަކީ އިރާންގެ ޑައިރެކްޓަރު މާޖިދު މާޖިދީގެ "ބިޔޯންޑް ދަ ކްލައުޑް" ކަމަށް ވިޔަސް، އިޝާން ވިދައިލި ފިލްމަކީ ޖާންވީ ކަޕޫރާ އެކު ކުޅުނު "ދަޅަކް" އެވެ.
ހަންގާމާ އިން ބުނި ގޮތުގައި އިޝާނާއި އަނަންޔާއާ އެކު އަލީ ގެނެސް ދޭނީ ލޯބީގެ ފިލްމެކެވެ. އެކަމަކު އޭނާ އެ ފިލްމު ޑައިރެކްޓެއް ނުކުރާނެ އެވެ.