14 ޖުލައި 2019 - 06:21

ވިހެއުމަކީ ވޭންހުރި އަދި އުދަނގުލުގައި އުޅޭ ވަގުތެކެވެ. އެކަމަކު މިހާރު އެއީ މީހާ ފަރިވެ ނަލަވާ ވަގުތަކަށް ވެސް އަންނަނީ ވަމުންނެވެ. ވިހެއުމަށް ތައްޔާރުވުމުގެ ގޮތުން މޭކަޕްކުރުން ދުނިޔޭގެ އެކި ހިސާބުތަކުގައި އަންނަނީ ޓްރެންޑްވަމުންނެވެ.

މި ދައްކަނީ އެސްފިޔަތަކުގައި އުނގުޅައިލާ މަސްކަރާ ކޮޅަކާއި މޫނު ތާޒާކޮށް ދެއްކުމަށް ލޮލުގެ ތިރީ ހާކައިލާ ކޮންސީލާއެއްގެ ވާހަކައެއް ނޫނެވެ. މިދައްކަނީ އިންސްޓަގްރާމަށް ލެވޭހާ ފަރިކޮށް ކުރާ މުޅި މޫނުގެ މޭކަޕްގެ ވާހަކަ އެވެ.
ކޮސްމެޓިފައި އިން ކުރިއަށް ގެންދިޔަ ސްޓަޑީއަކުން ދެއްކި ގޮތުގައި 18 އަހަރާއި 31 އަހަރާއި ދެމެދުގެ އަންހެނުންގެ ތެރެއިން 64 ޕަސެންޓް މީހުންނަނީ ވިހެއުމުގެ ކުރިން މޭކަޕްކުރާ އަންހެނުންނެވެ. އަދި 65 ޕަސެންޓް މީހުން، ގައިގައި ހުންނަ އިސްތަށިތައް ބާލާއިރު 57 ޕަސެންޓް މީހުން މެނިކިއުއާ އަދި 43 ޕަސެންޓް މީހުން ޕެޑިކިއުއާ އަދި 37 ޕަސެންޓް ސްޕްރޭ ޓޭން އަދި 32 ޕަސެންޓް މީހުން ބްލޯ ޑްރައި ނުވަތަ އިސްތަށިގަނޑު ކޮށައި ސްޓައިލް ކުރެ އެވެ. އަދި އެކި މީހުން މިކަން ކުރަނީ ވެސް އެކި ސަބަބުތަކަށްޓަކައި ކަމަށް ވަނީ ހާމަވެފަ އެވެ.
ބައެއް މީހުން މިކަން ކުރަނީ ފޮޓޯއަށް ރީތިކޮށް ހުރުމަށެވެ. އަނެއް ބަޔަކު، ހާލު ބަލަން އަންނަ މީހުންގެ ކުރިމަތީ ރީތިކޮށް ހުރުމަށެވެ. ބަލި ކަމުގެ އަސަރު ފެނުނު ނުދިނުމަށް މިކަން ކުރާ ބަޔަކު ވެސް އުޅެ އެވެ. އިތުރު އެހެން ސްޓަޑީއަކުން ހާމަވި ގޮތުގައި ވިހެއުމުގައި ހޭދަވާ ފުރަތަމަ ދެގަޑިއިރު ތެރޭގައި މި އަންހެނުން މޭކަޕްކޮށް ތައްޔާރުވެ އެވެ.
ބިއުޓީ ބްލޮގާއެއް ކަމަށްވާ އެލެކްސިސް ޖެއިޑާ ވަނީ އޭނަގެ ދަރިފުޅު ވިހެއުމަށް ތައްޔާރުވަމުން ދިޔައިރު މޭކަޕް ޓިއުޓޯރިއަލްއެއް ރެކޯޑްކޮށް އާންމުކޮށްފަ އެވެ. އަދި ބްލޮގަރެއް ކަމަށްވާ ޑޭނާ ޗެވިޒް ވަނީ ވިހެއުމަށްޓަކައި މޫނު ނަލަކޮށް ބުމަ ހަދައިފަ އެވެ. އެއާ އެކު ވިހެއުމުގެ މޭކަޕަށް އިތުރު މަގުބޫލުކަމެއް ވެސް ލިބިއްޖެ އެވެ.