14 ޖުލައި 2019 - 06:22

ދުވަސްނުފުރާ ވިހާ ކުދިންނާ ބެހޭ ގޮތުން އާ ވާހަކަތަކެއް، އާ ދިރާސާއެއްގައި ފާހަގަކޮށްފި އެވެ.

ޖަމާ ނެޓްވޯކް އޯޕެން ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާގައި ބުނި ގޮތުގައި ދުވަސްނުފުރާ (37 ހަފުތާ ހަމަވުމުގެ ކުރިން) ވިހާ ކުދިންނަކީ ބޮޑުވެ، ޒުވާން އުމުރަށް އަޅާ ފަހުން ވެސް ލޯބީގެ ގުޅުމަކަށް ދިއުމުގެ ފުރުސަތު ކުޑަ ބައެއް ކަމަށެވެ. އެގޮތުން "ރޮމޭންޓިކް ރިލޭޝަންޝިޕަކަށް" ގޮސް ބައިވެރިޔަކު، އިހުތިޔާރުކޮށް، ކައިވެނިކޮށް އެފަދަ މީހުން ދަރިން ހޯދައި އާއިލާއެއް ފެށުމުގެ ފުރުސަތު 28 ޕަސަންޓަށް ކުޑަވާ ކަމަށް ބުންޏެވެ.
މި ދިރާސާ ހަދާފައި ވަނީ ޑިޕާޓްމަންޓް އޮފް ސައިކޮލޮޖީން އެއްކޮށްފައިވާ 4.4 މިލިއަން މީހުންގެ ޑޭޓާތަކެއް އެނަލައިޒް ކުރުމަށް ފަހު އެވެ.
ދިރާސާ އިތުރަށް ތަފުސީލުކޮށް ދެމުން ބުނީ ދުވަސްނުފުރާ ވިހާ ކުދިން ބޮޑެތިވެގެން ލޯބީގެ ގުޅުމަކަށް ދިއުމުގެ ފުރުސަތު 28 ޕަސަންޓަށް ދަށްވާއިރު، އެފަދަ ކުދިން ކައިވެނިކޮށްގެން ދަރިން ހޯދުމުގެ ފުރުސަތު 22 ޕަސަންޓް ދަށް ކަމަށެވެ.
މިއީ ދުވަސްފުރާ ވިހާ ކުދިންނާ އަޅާކިޔާ އިރު، ބޮޑު ތަފާތެއް ކަމަށް ދިރާސާގައި ފާހަގަކޮށްފައިވެ އެވެ. އޭގައި ބުނެފައިވާ ގޮތުގައި ދުވަސްނުފުރާ ވިހާ ކުދިންނަކީ އާންމު އެހެން ކުދިންނާ އެކި ކަހަލަ ތަފާތުތަކެއް ހުންނަ ބައެކެވެ. އޭގެ ތެރޭގައި އިޖުތިމާއީ ގުޅުން ކުޑަވުމާއި މީހުންނާ އޮންނަ ގުޅުން ކުޑަވުމާއި އަމިއްލަ ނަފުސަށް އުފާ ހޯދުން ކަހަލަ ކަންކަން އެ މީހުންގެ ކިބައިގައި ދަށް އަދި އެކަމަށް ދެވޭ ޝައުގުވެރިކަން ވެސް ކުޑަ ކަމަށް ބުނެފައިވެ އެވެ.
"ބައިވެރިޔަކު ހުރުމަކީ މީހާގެ ނަފުސުގެ ހަމަޖެހުމާއި ހަޔާތުގެ އުފާވެރި ކަމަށް މުހިއްމު ކަމަކަށް ވިޔަސް ދުވަސްނުފުރާ ވިހޭ ކުދިންނަކީ އާދައިގެ އެހެން ކުދިންނާ ހިލާފަށް ސޯޝަލައިޒްވުމުގެ އާދަ ވެސް ކުޑަ ބަޔަކަށްވާތީ ގުޅުންތައް އުފައްދައި އަދި އެ ގުޅުން އިތުރު ހަރުފަތްތަކަށް ގެންދަން އެ މީހުންގެ ކިބައިގައި ހުންނަ ޝައުގުވެރިކަމާއި އެދުންވެރިކަން ވެސް ކުޑަ،" ދިރާސާ ޓީމްގައި ހިމެނޭ ޑރ. މެރީނާ ގޮލާޓް ޑި މެންޑޯންޝާ ވިދާޅުވި އެވެ.
އެހެންވެ ދުވަސްނުފުރާ ވިހާ ކުދިންނަށް މައިބަފައިންނާއި މުޅި އާއިލާ އިން ވެސް ހާއްސަ ސަމާލު ކަމެއް ދިނުން ވަރަށް މުހިއްމު ކަމަށް ބުންޏެވެ.
"މިއީ އެފަދަ ކުދިން ބޮޑުވަމުން އަންނަ އިރު، އެކި މަރުހަލާތަކުގައި ކުދިންގެ ދިރިއުޅުމުގެ ކަންކަމަށް ނުފޫޒު ފޯރުވުމުގައި ހިއްސާވެވޭ މީހުން ވެސް ވަރަށް ހާއްސަ ސަމާލު ކަމެއް ދޭން ޖެހޭނެ ކަމެއް،" ޕްރޮފެސަރު ޑިއެޓާ ވޯލްކް ވިދާޅުވި އެވެ. "އޭގެ ތެރޭގައި އާއިލާ އާއި ހެލްތު ޕްރޮފެޝަނަލުންނާއި ޓީޗަރުން ވެސް ހިމެނޭ."