14 ޖުލައި 2019 - 06:26

ކެންސަރުގެ ނާދިރު ބާވަތަކަށް މިދިޔަ އަހަރުން ފެށިގެން ފަރުވާކުރުމަށް ފަހު، މިހާރު ފިލްމު "އަނގްރޭޒީ މީޑިއަމް" ގެ މަސައްކަތް ކުރަމުން އަންނަ އެކްޓަރު އިރުފާން ހާން އިތުރު ފިލްމަކަށް ދެން މާ އަވަހަކަށް ސޮއި ނުކުރާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އޭނާގެ ގާތް ބައެއް މީހުންނާ ހަވާލާދީ، ފިލްމީ ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުނި ގޮތުގައި ފަރުވާ އަދިވެސް މުޅިން ފުރިހަމަ ނުވުމާއި އާއިލާ އަށް ވަގުތު ހުސްކުރުމުގެ ގޮތުން އިރުފާން އިތުރު ފިލްމަކަށް ދެން ސޮއިކުރަން ގިނަ ދުވަސްތަކެއް ނަގާނެ އެވެ.
މިދިޔަ އަހަރުގެ މާޗް މަހުން ފެށިގެން އިނގިރޭސިވިލާތުގައި ބައްޔަށް ފަރުވާ ހޯދުމަށް ފަހު، 52 އަހަރުގެ އެކްޓަރު އަލުން ފިލްމީ މަސައްކަތަށް ނުކުތީ މިދިޔަ އެޕްރީލް މަހުގެ ތެރޭގަ އެވެ.
މިހާރު އޭނާ ކުޅެމުން އަންނަ "އަންގްރޭ މީޑިއަމް" އަކީ މެޑޮކް ފިލްމްސް އިރުފާނާ އެކު 2017 ގައި ގެނެސް ދިން ކާމިޔާބު ފިލްމު "ހިންދީ މީޑިއަމް" ގެ ދެވަނަ ބައެވެ.
މި ފިލްމުގެ މަންޒަރުތަކެއް އިންޑިއާގައި ނެގުމަށް ފަހު ކާސްޓާއި ކްރޫ މި ވަގުތު ތިބީ އިނގިރޭސިވިލާތުގަ އެވެ. ހޯމީ އަދަޖާނިއާ ޑައިރެކްޓް ކުރާ ފިލްމުގެ މަސައްކަތް އިރުފާނުގެ ފަރުވާގެ ކަންކަމަށް ބުރޫ ވެސް ނާރާ ގޮތަށް ރާވާލައިގެން ކުރިއަށް ގެންދާތީ އޭނާ ވަނީ ފިލްމުގެ ޓީމަށް ޝުކުރު ވެސް އަދާކޮށްފަ އެވެ.
އަންނަ އަހަރުގެ އެޕްރީލް 24 ގައި ރިލީޒް ކުރަން ތާވަލުކޮށްފައިވާ "އަނގްރޭޒީ މީޑިއަމް" ގެ ކާސްޓުންގެ ތެރޭގައި ކަރީނާ ކަޕޫރް، ރާދިކާ މަދަން، ޕަންކަޖް ތުރިޕަތީ، ދީޕަކް ދޮބްރިޔާލް އަދި މަނޫ ރިޝީ ހިމެނެ އެވެ.
އިރުފާން އެންމެ ފަހުން ސްކްރީނުން ފެނިފައި ވަނީ މިދިޔަ އޮގަސްޓްގައި ރިލީޒް ކުރި "ކާރްވާ" އިންނެވެ.