14 ޖުލައި 2019 - 06:27

މީގެ ކުރިން ވެސް ފިލްމު ޕްރޮޑިއުސްކޮށް، ޑައިރެކްޓްކޮށްފައިވާ ކުރީގެ ބަތަލާ ހެމާ މާލިނީ މުޅިން އަލަށް ޕަންޖާބީ ފިލްމެއް ޕްރޮޑިއުސްކުރަން ތައްޔާރުވެއްޖެ އެވެ.
އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ލޯކް ސަބާގައި މަތޫރާގެ ގޮނޑި ދެވަނަ ދައުރަކަށް ތަމްސީލު ކުރަމުން އަންނަ ހެމާ ގެނެސްދޭ ފިލްމަކީ "މިއްޓީ: ވިރާސަތު ބައްބަރަން ދީ" ކިޔާ ފިލްމެކެވެ. އަންނަ މަހުގެ 23 ގައި ރިލީޒްކުރާ ފިލްމުގެ ޕޯސްޓަރު ވެސް ހެމާ ވަނީ ޓްވިޓާގައި ހިއްސާކޮށްފަ އެވެ.
ގައުމަށްޓަކައި މަސައްކަތްކުރާ ބައެއްގެ ވާހަކަ ކިޔައިދޭ ފިލްމު ޑައިރެކްޓްކޮށްފައި ވަނީ ހިރިޑޭ ޝީޓީ އެވެ. "މިއްޓީ" ގެ ޓްރެއިލާ ހޯމަ ދުވަހު ދައްކައިލާނެ އެވެ.
ހެމާ ޕްރޮޑިއުސްކޮށް/ޑައިރެކްޓްކޮށް ކުރިން ގެނެސް ދިން ފިލްމުތަކުގެ ތެރޭގައި 1992 ގެ "ދިލް އާޝްނާ ހޭ" އާއި 1995 ގެ "މޯހިނީ" އަދި 2011 ގެ "ޓެލް މީ އޯ ހުދާ" ހިމެނެ އެވެ.
މި ފަހުން ވަރުގަދަ އެކްޝަން ތުރިލާތަކުން ފެންނަ ޖޯން އަބްރަހަމް އަނެއްކާ ވެސް އެ ޖޯންރާގެ އިތުރު ފިލްމަކަށް ސޮއިކޮށްފި އެވެ.
އަންނަ މަހުގެ 15 ގައި ރިލީޒްކުރާ އެކްޝަން ތުރިލާ "ބަތުލާ ހައުސް" ގެ އެކްޓަރު މި ފަހަރު ސޮއިކުރި ފިލްމުގެ ނަމަކީ "އެޓޭކް" އެވެ. މިއީ އަލަށް ޑައިރެކްޝަނަށް ނުކުންނަ ލަކްޝަޔާ ރާޖް ޑައިރެކްޓްކުރާ ފިލްމެކެވެ.
"އެޓޭކް" އަކީ ޖޯންގެ މިދިޔަ އަހަރު ރިލީޒްކުރި ޖޯންގެ "ޕަރުމަނޫ" އާއި މި އަހަރުގެ އެޕްރިލްގައި ރިލީޒް ކުރި ރޯމިއާ އަކްބަރު ވޯލްޓާ (ރޯ) ވެސް ޕްރޮޑިއުސް ކުރި އަޖޭ ކަޕޫރްގެ ކައިޓާ ޕްރޮޑަކްޝަނާއި ޖޯންގެ ޖޭއޭ އެންޓަޓައިންމަންޓް ގުޅިގެން ހަދާ ފިލްމެކެވެ.
ނަމަވެސް މި އަހަރުގެ ޑިސެމްބަރުގައި ޝޫޓިން ފަށާ ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ.
މިދިޔަ އަހަރުގެ އައިޓަމް ލަވަ "ދިލްބަރު" އިން އޭނާގެ ޖާދޫގައި އެތައް ބަޔަކު ޖެއްސުވި ބަތަލާ ނޯރާ ފަތެހީގެ އާ އައިޓަމް ލަވައިގެ ޓީޒާ ދައްކާލައިފި އެވެ.
އަންނަ މަހުގެ 15 ގައި ރިލީޒް ކުރާ ޖޯން އަބްރަހަމްގެ "ބަތުލާ ހައުސް" ގައި ހިމެނޭ ނޯރާގެ މި ފަހަރުގެ އައިޓަމް ލަވައަކީ އަނެއްކާ ވެސް ހަމަ ކުރީގެ ވަރަށް މަގުބޫލު ލަވައެއްގެ އާ ވާޝަނެކެވެ. އެއީ 2004 ގައި ރިލީޒް ކުރި ފިލްމު "މުސާފިރު" ގައި ހިމެނުނު "އޯ ސާކީ ސާކީ" ލަވަ އެވެ.
ކުރިން ވިޝާލް-ޝޭކަރުގެ މިއުޒިކާ އެކު ގެނެސް ދިން ލަވައިގެ މިއުޒިކާ މި ފަހަރު ތަނިޝްގް ބަގްޗީ ކުޅެގެން ގެނެސްދޭ އިރު، އާ ލަވަ ކިޔާފައި ވަނީ ނޭހާ ކައްކަރާއި ތުލްސީ ކުމާރެވެ. ޓީޒާ އިން ފެންނަ ގޮތުގައި "އޯ ސާކީ ސާކީ" ވެސް ވެގެން ދާނީ ނޯރާގެ "ދިލްބަރު" ހާ ފޯރި ގަދަ ލަވައަކަށެވެ.
މުޅި ލަވަ ހޯމަ ދުވަހު އާންމުންނަށް ދޫކޮށްލާނެ އެވެ.
ނިކިލް އަދުވާނީ ޑައިރެކްޓްކޮށްފައިވާ "ބަތުލާ ހައުސް" ގެ ލީޑުން ފެނިގެން ދާނީ ޖޯން އާއި މުރުނާލް ތާކޫރެވެ.
މިދިޔަ ހަފުތާގައި އިއުލާން ކުރި ކަންގަނާ ރަނާވަތުގެ އެކްޝަން ފިލްމު "ދާކަޅް" ގެ ރޯލަކަށް ތައްބޫ ވެސް ސޮއިކޮށްފި އެވެ.
ފިލްމީ ހަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުނި ގޮތުގައި ކަންގަނާއާ އެކު ތައްބޫ މަސައްކަތް ކުރާ ފުރަތަމަ ފިލްމުގައި އޭނާ ފެނިގެން ދާނެ ކަމަށް ބެލެވެނީ ފުލުހެއްގެ ރޯލުންނެވެ. މިދިޔަ މެއި މަހު ރިލީޒް ކުރި "ދޭ ދޭ ޕިޔާރު ދޭ" އިން ފެނިގެން ދިޔަ ތައްބޫ މި ވަގުތު އަންނަނީ ސައިފް އަލީ ހާނާ އެކު "ޖަވާނި ޖާނެމަން" ގެ މަސައްކަތް ކުރަމުންނެވެ.
އަންނަ އަހަރުގެ ކުރީކޮޅު ޝޫޓިން ފަށާ "ދާކަޅް" އަކީ ރަޒްނީޝް (ރާޒީ) ގާއީ ޑައިރެކްޓް ކުރާ ފިލްމެކެވެ.