13 ސެޕްޓެމްބަރ 2016 - 09:20

ޔުއެފާ ޗެމްޕިއަންސް ލީގަށް ބަދަލުތަކެއް ގެނެސްފައިވަނީ ޔޫރަޕްގެ ނަން މަޝްހޫރު ބޮޑެތި ކްލަބްތައް ދެކެ ޔުއެފާ އިން ޖެހިލުންވާތީ ކަމަށް ޔޫރަޕިއަން ޕްރޮފެޝަނަލް ފުޓްބޯލް ލީގްސް (އީޕީއެފްއެލް) އިން ތުހުމަތުކޮށްފި އެވެ.
ޔުއެފާ އިން ވަނީ 2018 އަހަރުން ފެށިގެން ކުރިއަށް އޮތް ތިން ސީޒަނުގެ ޗެމްޕިއަންސް ލީގުން ޔޫރަޕްގެ ވަރުގަދަ ހަތަރު ލީގު ކަމަށްވާ ސްޕެނިޝް ލީގާއި ޕްރިމިއާ ލީގާއި ޖަރުމަނު ލީގު އަދި އިޓާލިއަން ލީގުގެ ގަދަ ހަތަރު ޓީމަށް ޖާގަ ދޭން ނިންމައިފަ އެވެ.
"މިއީ ބައެއް ކްލަބްތަކާ ގުޅިގެން ޔުއެފާ އިން ހިންގާފައިވާ ވަރަށް ދަށު ދަރަޖައިގެ އަމަލެއް. މީގެން އެނގެނީ ޔުއެފާ އޮތީ މުއްސަނދި ކްލަބްތަކުގެ މުށުތެރޭގައިކަން،" އީޕީއެފްއެލްގެ ހެޑް ސްވިޑަންގެ ލާސް ކްރިސްޓަ އޯލްސަން ބުންޏެވެ.
އޭނާ ބުނީ ޔޫއެފާގެ މި ނިންމުމުގެ ސަބަބުން ކުދި ކްލަބްތަކުގެ ހައްގު ގެއްލިފައިވާ ކަމަށާއި އެ ޓީމުތަކަށް ކުރިއަށް ގޮސް އެންމެ މަތީ ފަންތީގައި ވާދަކުރުމުގެ ފުރުސަތު ނެތިކޮށްލާފައިވާ ކަމަށެވެ.
އީޕީއެފްއެލް އަކީ ޔޫރަޕްގެ 24 ގައުމުގެ ލީގު ތަމްސީލުކުރާ އެސޯސިއޭޝަނެކެވެ. އީޕީއެފްއެލް އަކީ 1997 ވަނަ އަހަރުން ފެށިގެން ޔޫރަޕްގެ ފުޓްބޯޅަ ލީގުތައް ހިނގުން ހަރުދަނާ ކުރުމަށް އުފައްދާފައިވާ އެސޯސިއޭޝަނެކެވެ. އީޕީއެފްއެލްގައި ޔޫރަޕްގެ 40 ގައުމުގެ މަންދޫބުން ހިމެނެ އެވެ.