ވޮލީބޯޅަ އިންތިހާބު އޮކްޓޯބަރު 1 ގައި ބާއްވަނީ
ވޮލީބޯޅަ އިންތިހާބު އޮކްޓޯބަރު 1 ގައި ބާއްވަނީ

ކެންސަލްކޮށްފައިވާ ވޮލީބޯޅަ އެސޯސިއޭޝަނުގެ އިންތިހާބު އަންނަ އޮކްޓޯބަރު 1 ވަނަ ދުވަހުގެރޭ ބާއްވަން ހޯމް މިނިސްޓްރީން ނިންމައިފި އެވެ.

ކުރިން އަންނަ މަހުގެ 8 ވަނަ ދުވަހުގެރޭ ބާއްވަން ހަމަޖައްސާފައިވާ އިންތިހާބު އަވަސްކުރީ ހޯމް މިނިސްޓްރީ ބުނެފައިވާ ގޮތުގައި "އިންތިހާބާ ގުޅޭ ކޮމިޓީގެ މަސައްކަތް ކަނޑައެޅިފައިވާ މުއްދަތަށް ނިންމުމަށްޓަކަ" އެވެ.

މިނިސްޓްރީން އިތުރަށް ބުނީ އިންތިހާބު އަވަސް ކުރި ނަމަވެސް އިންތިހާބަށް ކުރިމަތިލުމަށް އެދި ހުށަހެޅުމާއި އިންތިހާބާ ގުޅިފައިވާ އެހެނިހެން ތާރީހުތަކަށް ބަދަލު ނާންނާނެ ކަމަށެވެ. އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފަ އެވެ.

މި އަހަރުގެ މާޗު މަހު ބޭއްވި އިންތިހާބު ސްޕޯޓްސް ކޮމިޝަނަރުން ކެންސަލްކުރީ، އިންތިހާބުގައި މަކަރުހަދައި އޮޅުވާލާފައިވާ ކަމަށް ބުނެ އެވެ. އެ ނިންމުން އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީން ބަލައިނުގަތް ނަމަވެސް، ފަހުން ހޯމް މިނިސްޓްރީން ވެސް ވަނީ އިންތިހާބު ކެންސަލްކުރަން ނިންމައިފަ އެވެ.

އާ އިންތިހާބުގައި އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް ކުރިމަތިލައްވާނެކަން މިހާތަނަށް ރަސްމީކޮށް އިއުލާންކުރައްވާފައިވަނީ ގައުމީ ޓީމުގެ ކުޅުންތެރިޔާ މުހައްމަދު ލަތީފެވެ.

އިންތިހާބުގައި ވޯޓްލުމުގެ ޝަރުތުހަމަވާ ކްލަބްތަކަކީ ދިވެހި ސިފައިންގެ ކްލަބް، ޕޮލިސް ކްލަބް، އައްޑޫ ސްޕޯޓްސް، ކްލަބް ވިޗެންޒާ، ޔޫތު ސްޕޯޓްސް ކްލަބް، އައިލެންޑް އޯޝަން ކްލަބް، ސްޕޯޓްސް ކްލަބް ދިރުން، މާތޮޑާ ސްޕޯޓްސް ކްލަބް، ޔޫތު ނިއު ޖެނެރޭޝަން، ކްލަބް ހާފްލައިން ލިންކޭޖް، ސްޕޯޓްސް ކްލަބް ވިޝަން އަދި ކުއީން ސްޕޯޓްސް ކްލަބެވެ. މި ކްލަބްތަކާ މެދު އެއްވެސް ޝަކުވާއެއް އޮތް ނަމަ މި މަހުގެ 19 ވަނަ ދުވަހުގެ މެންދުރުފަހު 2 ގެ ކުރިން ލިޔުމަކުން ހުށަހެޅުމަށް މިނިސްޓްރީން ވަނީ އަންގައިފަ އެވެ.