10 ސެޕްޓެމްބަރ 2016 - 19:01

ލާމަރުކަޒީ ގާނޫނުގެ ދަށުން ސިޓީއެއްގެ ދަރަޖަ ދޭ ރަށްރަށުގައި ލިބެން ހުންނަން ޖެހޭ ޚިދުމަތްތަކާއި އެތަންތަނުގެ އުފެއްދުންތެރިކަމުގެ ނިސްބަތުގެ އެންމެ ދަށް މިންގަނޑު ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައަޅައިފި އެވެ.
ލާ މަރުކަޒީ ގާނޫނު ބުނާ ގޮތުން ސިޓީއެއްގެ ދަރަޖަ ދެވޭނީ އާބާދީގައި 10،000 މީހުން ހަމަވުމާ އެކު ސިޓީއެއްގެ ދަރަޖަ ދެވޭ ތަންތަނުގައި ލިބެން ހުންނަން ޖެހޭ ޚިދުމަތްތަކާއި އެތަނެއްގެ އުފެއްދުންތެރިކަމުގެ ނިސްބަތް ވަކި މިންވަރަކަށް ވުރެ މަތިވުމުންނެވެ. އެތަންތަނުން ލިބެން ޖެހޭ ޚިދުމަތްތަކާއި އުފެއްދުންތެރިކަމުގެ އެންމެ ދަށް މިންގަނޑު ކަނޑައަޅާނީ އެލްޖީއޭ އިންނެވެ.
އެލްޖީއޭ އިން އާންމުކޮށްފައިވާ އެ މިންގަނޑު ބުނާ ގޮތުން އިސްލާމީ ޝިއާރު ފާޅުކުރުމާއި އިޖްތިމާއީ ކަންކަމަށް ބޭނުންވާ ވަސީލަތްތަކާއި ސިއްހީ ޚިދުމަތާއި ތައުލީމަށް ބޭނުންވާ ވަސީލަތްތައް އެތަނެއްގައި ހުންނަން ޖެހެ އެވެ. އަދި އެއްގަމާއި ކަނޑުގެ ދަތުރުތައް ކުރެވުމާ އެކު އެތަނަކުން ނުވަތަ އެތަނަކާ ދުރު ނޫން ހިސާބަކުން ވައިގެ ދަތުރު ފަތުރުކުރެވޭނެ އިންތިޒާމް ހުންނަންވާނެ ކަމަށް އެ މިންގަނޑުގައިވެ އެވެ.
މީގެ އިތުރުން ބޯހިޔާވަހިކަމާއި ފެނާއި ނަރުދަމާގެ ޚިދުމަތާއި އިޖްތިމާއީ ރައްކާތެރި ކަމުގެ ޚިދުމަތާއި ސަލާމަތާއި ރައްކާތެރި ކަމަށް ބޭނުންވާ ޚިދުމަތްތައް ލިބެން ހުންނަން ޖެހޭނެ ކަމަށް ވެސް އެ މިންގަނޑުގައި ކަނޑައަޅާފައިވެ އެވެ.
އެ މިންގަނޑު ބުނާ ގޮތުން ސިޓީގެ ދަރަޖަ ދެވޭ ތަންތަނުގައި އުފެއްދުންތެރިކަމުގެ މިންގަނޑަކަށް ވާން ޖެހޭނީ އެތަނެއްގެ އާބާދީ އާއި އިގްތިސާދީ އަދި ސިނާއީ ފުރުސަތުތަކަށް ބިނާކޮށް، ގައުމީ އުފެއްދުންތެރިކަމުގެ މިންގަނޑާއި އަޅާ ބަލާއިރު އެކަށީގެންވާ މިންވަރަށެވެ.
މިހާރު ސިޓީގެ ދަރަޖަ މިހާރު ދީފައި ވަނީ މާލެ އާއި އައްޑު އަށް އެކަންޏެވެ. އެކަމަކު އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބަށް ފަހު ފުވައްމުލައް ވެސް ސިޓީއަކަށް ބަދަލުވެގެންދާނެ އެވެ.