14 ޖުލައި 2019 - 10:01

ލަންޑަން (ޖުލައި 14) - ވިމްބަލްޑަން މުބާރާތުގެ އަންހެން ބައިގެ ތަށި ހާސިލްކުރެވުނީ ތަޖުރިބާކާރު ކުޅުންތެރިޔާ ސެރީނާ ވިލިއަމްސް ދެކެ ޖެހިލުންނުވެ އަމިއްލަ ނަފްސަށް އިތުބާރު ކޮށްގެން ދެއްކި ކުޅުމުގެ ސަބަބުން ކަމަށް ރުމޭނިއާގެ ސިމޯނާ ހަލެޕް ބުނެފި އެވެ.

އިއްޔެގެ ފައިނަލުގައި ހާލެޕް ވަނީ ތަފާތު މޮޅަށް ކުޅެ 56 މިނިޓް ތެރޭގައި 6-2، 6-2 އިން ސެރީނާ ބަލިކޮށްފަ އެވެ. މިއީ ސެރީނާއާ ދެކޮޅަށް ކުޅުނު 11 މެޗުގެ ތެރެއިން ހާލެޕަށް ހޯދުނު ދެ ވަނަ މޮޅެވެ. މި މޮޅާ އެކު ހާލެޕް ވެފައިވަނީ ވިމްބަލްޑަން ކާމިޔާބުކުރި ރުމޭނިއާގެ ފުރަތަމަ ކުޅުންތެރިޔާ އަށެވެ.
"މީގެ ކުރިން އަހަރެންގެ މައްސަލަ އަކީ މެޗުގެ ކުރިން ސެރީނާ ދެކެ ޖެހިލުންވެފައި ހުރުން. މިހާރު އެކަމަކު އެބައެއް ނެތް. ހަގީގަތުގައި މި މެޗުން މޮޅުވުމުގެ ފަހަތުގައި ވެސް އޮތީ އެކަން. ކުރިން އަހަރެން ވިސްނީ ހަމައެކަނި ސެރީނާ ބަލިކުރަން. ފޯކަސް އަކީ އޭނާ. އެކަމަކު މި ފަހަރު ވިސްނީ އަމިއްލަ ނަފްސަށް. މޮޅަށް ކުޅެގެން ސެރީނާ ބަލިކުރަން،" ހާލެޕް ބުންޏެވެ.
"މިއީ އަހަރެންގެ ހަޔާތުގައި މިހާތަނަށް އެންމެ މޮޅަށް ކުޅެވުނު މެޗު."
ދުނިޔޭގެ ރޭންކިންގެ ހަތް ވަނައިގައި މި ވަގުތު އޮތް އުމުރުން 27 އަހަރުގެ ހާލެޕް ބުނީ ސެރީނާގެ ކެރިއަރުން އަބަދުވެސް ފިލާވަޅު ނެގޭނެ ކަމަށާއި މި މެޗަކީ ވެސް އިބްރަތްތަކެއް ހޯދޭނެ މެޗެއް ކަމަށެވެ.
ހާލެޕް އެންމެ ފަހުން ކާމިޔާބުކުރި ގްރޭންޑްސްލޭމް މުބާރާތަކީ މިދިޔަ އަހަރުގެ ފްރެންޗް އޯޕަން އެވެ. އެކަމަކު އޭގެ ފަހުން ޖެހިގެން އައި މުބާރާތްތަކުގައި އޭނާގެ ފަރާތުން ފެނުނީ އެންމެ އެދެވޭ ކުޅުމެއް ނޫނެވެ. ހާލެޕް ބުނީ މި ފަހަރު ކުރިއަށްދާނީ ރަނގަޅު ޕްލޭނަކާ އެކު ކަމަށެވެ.
"އަހަންނަށް މި މެޗުން މޮޅުވެވުނަސް އެބަޖެހޭ ހަމަބިމުގައި ހުންނަން. ގްރޭންޑް ސްލޭމެއްގެ ފައިނަލުގައި މި ގޮތަށް ހޯދޭ މޮޅަކީ ކޮންފިޑެންސަށް ވަރަށް މުހިއްމުކަމެއް،" ހާލެޕް ބުންޏެވެ.
އަންނަ ސެޕްޓެމްބަރު މަހު 38 ވަނަ އުފަން ދުވަސް ފާހަގަކުރާ ސެރީނާ ބުނީ ފައިނަލުގައި ހާލެޕްގެ ފަރާތުން ފެނިގެންދިޔައީ ތަފާތު ކުޅުމެއް ކަމަށާއި ފައިނަލަކުން މޮޅުވާން ކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަ އަށް ހާލެޕް ކުރި ކަމަށެވެ.