10 ސެޕްޓެމްބަރ 2016 - 13:04

ކުރިން ރާއްޖޭގެ ރަށެއްގެ ގޮތުގައި އޮތް އިންޑިއާގެ މަލިކު މީހުން ބޮޑު އީދު ފާހަގަ ކުރުމަށް ހއ. އިހަވަންދޫ އަށް ރޭ ގޮސްފި އެވެ. އެއާ އެކު އެ މީހުންނާ ބައްދަލު ކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން އެ ރަށަށް ޖަމާވާން ވަނީ ފަށާފަ އެވެ.

އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާގެ 20 ވަނަ އަހަރީ ދުވަހާ ވެސް ގުޅުވައިގެން އެ ޖަމިއްޔާ އިން ރާއްޖެ ގެނައި މަލިކު ޓީމުގައި ދެ ޖިންސުގެ 26 ޒުވާނުން ހިމެނެ އެވެ.

އެ މީހުން ދެކިލައި ވާހަކަ ދައްކާލުމަށް ހއ. ހޯރަފުއްޓާއި އުލިގަމާއި ދުރު ރަށްރަށުން ވެސް ގިނަ އަދަދެއްގެ ބަޔަކު ދާ ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.

އިހަވަންދޫ އާއި މަލިކާ ދެމެދު 150 ކިލޯމީޓަރުގެ ދުރުމިން ހުންނައިރު، މަލިކާ އެންމެ ކައިރި ރާއްޖޭގެ ރަށްރަކުގެ ތެރޭގައި ވެސް އިހަވަންދޫ ހިމެނެ އެވެ.
އިމަގު ޖަމިއްޔާގެ ރައީސް އަދުނާން ވިދާޅުވި ގޮތުގައި އިންޑިއާގެ ރަށްވެހީންގެ ގޮތުގައި ތިބި ނަމަވެސް މަލިކު މީހުންނަކީ ހަމަ ދިވެހިންނެވެ.
"އެ މީހުންގެ ބަހުރުވަޔާއި ދީނުގެ އިތުރުން ސިފަ ވެސް ދިވެހިންނާ އެއްގޮތް. އަޅުގަނޑަކަށް މާ ބޮޑު ތަފާތެއް ނުފެނޭ،" ފުރަތަމަ ފަހަރަށް ރާއްޖެ އައި އެ މީހުން ސިފަކޮށްދެމުން އަދުނާން ވިދާޅުވި އެވެ.
"އެކަމަކު އެ މީހުންގެ ފަރާތުން ފެނުނީ އެންމެ ކުރީގެ ދިވެހިންގެ އާދަތައް. އަންހެނުން ލަދުން ނަން ވެސް ބުނަން ނުކެރުން."
ދޯޕައްޓާ އިން ބޯ ނިވާކޮށްލައިގެން ތިބި އަންހެނުން ހެދުން އެޅުން އިންޑިއަން ސްޓައިލައަކަށް ހުރި ނަމަވެސް އެހެން ހުރިހާ ކަމެއް "ވަރަށް ދިވެހި" ކަމަށް އަދުނާން ވިދާޅުވި އެވެ.
މަލިކު ޓީމަށް ރާއްޖޭން އެންމެ ފުރަތަމަ މަރުހަބާކީ އެއާޕޯޓުން ދިވެހި ބަހުގެ އެކަޑަމީންނެވެ. ދެން އެ މީހުން ވައިގެ މަގުން އިއްޔެ ހަވީރު ހދ. ހަނިމާދޫ އަށް ދިޔައިރު އެ ރަށުގެ ކުދި ބޮޑު އެންމެން ތިބީ މާފަތިތައް ހިފައިގެން އެ މީހުންގެ އިންތިޒާރުގަ އެވެ.
އަދުނާން ވިދާޅުވީ މަލިކު މީހުން ރޭ އިހަވަންދޫ އަށް ދިޔައިރު، އެ މީހުންނަށް މަރުހަބާ ކިޔުމަށް އެ އަތޮޅުގެ ވަރަށް ގިނަ ރަށްރަށުގެ މީހުން އެ ރަށަށް ގޮސް ތިބި ކަމަށެވެ.
"ބީރަށްޓެހިންގެ ތެރެއިން މީހަކާ ސަލާމްކޮށްލާފައި ކޮން ރަށެއްހޭ އެހުމުން ބުނީ އައްޑުއޭ. މި ރަށަށް މަލިކު މީހުން އަންނާތީ އެ މީހުން ދެކިލަން އައްޑޫންނޭ މި އައީ،" އޭނާ ވިދާޅުވި އެވެ.
އަދުނާން ވިދާޅުވި ގޮތުގައި މަލިކު މީހުންނާ ބައްދަލުކޮށްލަން ފުރުސަތު ދިނުމަށް އެކި ރަށްރަށުގެ މީހުން އަންނަނީ އެ ޖަމިއްޔާއާ ގުޅަމުންނެވެ.
"އެ މީހުންނާ ބައްދަލުވުމުން އަޅުގަނޑަށް ވެސް އިހުސާސް ކުރެވުނީ އާއިލާގެ ބަޔަކު ވަރަށް ދުވަސްކޮށްލާފައި ރަށަށް އައީއޭ. އެ މީހުން ވެސް ބުނީ ހަމަ އެކަހަލަ އިހުސާސެކޭ ކުރެވެނީ،" މަލިކު މީހުންގެ ފަސް ދުވަހުގެ ދަތުރާ ގުޅޭ ގޮތުން އޭނާ ވިދާޅުވި އެވެ.
އެ މީހުން ބައިތިއްބުމަށް ކުރިން އެ ރަށުގައި ވަކި ތަނެއް އެޅުމަށް ނިންމި ނަމަވެސް މިހާރު ހަމަޖައްސާފައި ވަނީ އިހަވަންދޫގެ އާއިލާތަކާ އެކު އެ މީހުން އެވެ. އެއީ ރައްޔިތުން ބޭނުންވި ގޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
އިހަވަންދޫގެ ޓީމެއް މީގެ ކުރިން ވެސް މަލިކަށް ވަނީ ގޮސްފަ އެވެ. އެހެންވެ، އެ ދެ ރަށުގެ ދެމެދުގައި ގާތް ގުޅުމެއް އުފެދިފައިވާ ކަމަށާއި މި އީދުގައި މަލިކު މީހުން އެ ރަށުގައި ބައެއް ކަހަލަ ކުޅިވަރުތައް ވެސް ކުޅޭނެ ކަމަށް އަދުނާން ވިދާޅުވި އެވެ