11 ޖުލައި 2019 - 12:27

ތެހެރާން (ޖުލައި 11) - ހޮރްމޫޒް ކަނޑުއޮޅިން އިނގިރޭސި ވިލާތުގެ ކޮމާޝަލް އުޅަނދެއް ހިފަހައްޓަން އީރާނުގެ ތިން އުޅަނދަކުން މަސައްކަތްކޮށްފައިވާ ކަމަށް އިނގިރޭސި ވިލާތުން ބުނެފި އެވެ.
އިނގިރޭސި ސަރުކާރުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކޮމާޝަލް އުޅަނދާ އެކު ދަތުރުކުރި އިނގިރޭސި ކަނޑުގެ ސިފައިންގެ އުޅަނދުން ދިން އިންޒާރާ ގުޅިގެން އީރާނުގެ ބޯޓުތައް އަނބުރާ ގޮސްފައިވާ ކަމަށެވެ.
"އީރާނުގެ މި އަމަލާ މެދު ވަރަށް ބޮޑަށް ކަންބޮޑުވަން. އަދި އެ ސަރަހައްދުގައި އީރާނުން ހިންގާ އަމަލުތައް ހުއްޓާލަން ގޮވާލަން،" އިނގިރޭސި ސަރުކާރުގެ ބަޔާނުގައި ބުނެފައިވެ އެވެ.
އީރާނުގެ ޚާރިޖީ ވަޒީރު ޖާވަދް ޒަރީފް ވަނީ އިނގިރޭސި ސަރުކާރުގެ ބަޔާން ދޮގު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ އިނގިރޭސި ވިލާތުގެ އުޅަނދު ހޮރްމޫޒް ކަނޑުއޮޅި ހުރަސްކޮށްފައިވާ ކަމަށާއި ދޮގު ބަޔާނެއް ނެރުމުގެ ބޭނުމަކީ އިތުރަށް މަސްރަހު ހޫނު ކުރުން ކަމަށެވެ.
އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ވެސް ވަނީ އިނގިރޭސިވިލާތުގެ ބަޔާން ދޮގުކޮށްފަ އެވެ.
އެމެރިކާގެ އޮފިޝަލުން ކުރިން ބުނެފައި ވަނީ އިނގިރޭސި ވިލާތުގެ ބޯޓަށް ހުރަސް އެޅުމަށް އީރާނުގެ ރިވޮލިއުޝަނަރީ ގާޑުގެ ފަސް އުޅަނދަކުން މަސައްކަތް ކުރި ކަމަށެވެ.
އީރާނުގެ ތެޔޮ ހިފައިގެން ދަތުރުކުރި ޓޭންކަރެއް ޖިބްރޯލްޓާގެ ބޭރުން އިނގިރޭސި ސިފައިންގެ އެހީގައި ވަނީ ހިފަހައްޓައިފަ އެވެ. އީރާނުން ވަނީ އެއީ ކަނޑުފޭރުމުގެ އަމަލެއް ކަމަށް ސިފަކޮށް އެ ޓޭންކަރު ދޫކޮށްލުމަށް ގޮވާލައިފަ އެވެ. ނަމަވެސް އެކަމުގެ ބަދަލުގައި އިނގިރޭސިންގެ ތެޔޮ ޓޭންކަރެއް ހިފަހައްޓަން ޖެހިދާނެކަމުގެ އިންޒާރު އީރާނުން ވަނީ ދީފަ އެވެ.
އީރާނުގެ ތެޔޮ ހުރި ކަމަށް ބުނާ ސުޕަ ޓޭންކަރު ގްރޭސް 1 ހިފެހެއްޓީ އެއީ ސީރިއާ އަށް ގެންދާ ތެޔޮ ކަމަށް ބުނެ އެވެ.